ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ދަތުރުކުރައްވާ ރަސްމީ ލޯންޗުކޮޅު "ފިނިފެންމާ"ގައި އެއްޗެއް ގޮއްވާލީ ނައިބު ރައީސް އަހުމަދު އަދީބު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ތުހުމަތު ކުރައްވައިފި އެވެ.

ރައީސް މުހައްމަދު ނަޝީދު ދޫކޮށްލުމަށް ގޮވާލައި އެމްޑީޕީން ކުރިއަށްގެންދާ ސިލްސިލާ ހަރަކާތްތަކުގެ ތެރެއިން މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަހުލޫފު ވިދާޅުވީ، " ރައީސް ޔާމީންގެ ލޯންޗު ކޮޅުގައި އެއްޗެއް ގޮއްވާލީ މީހަކު ނަމަ އެކަން ކުރީ އަދީބު" ކަމަށެވެ.

މަހުލޫފު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ރައީސް ޔާމީނަށް ގެއްލުންދޭން އެފަދަ ބޮޑު ކަމެއް ނުކުރާނެ ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފު ވިދާޅުވުމުން ހިތްހަމަ ޖެހިވަޑައިގަންނަވާ ކަމަށެވެ.

" އަޅުގަނޑަށް ހަމަ ބުނެލަން ކެރޭ މީހަކު ކުރިކަމެއް ކަމަށްވާނަމަ އެކަން ކޮށްފައި އޮއްނާނީ މިހާރުގެ ނައިބު ރައީސް އަދީބު. އަޅުގަނޑު އުފާވާ ކަމަކީ ކުޑަކޮށް ނަމަވެސް ރައީސްއަށް ރޭކާ ލައިފި. ކުޑަކޮށް ނަމަވެސް ލޯ ހުޅުވިލައިފި،" މަހުލޫފު ވިދާޅުވި އެވެ.

ލޯންޗުކޮޅުގައި ހިނގައި ދިޔަ ކަންކަން ރަނގަޅަށް ތަހުގީގުކުރަން ބޭނުންވާނަމަ އަދި އެކަން ކުރީ އަދީބުތޯ ނުވަތަ އެހެން މީހަކުތޯވެސް ބަލަން ބޭނުންނަމަ އަދީބާ ގުޅުން ހުރި ފަރާތްތައް އިސް މަގާމުތަކުން ދުރުކުރުމަށް މަހުލޫފު ވަނީ ގޮވާލައްވައިފައެވެ.

މަހުލޫފު ވިދާޅުވީ، ލޯންޗުކޮޅުގެ ހާދިސާ ރަނގަޅަށް ތަހުގީގުކުރަން ބޭނުންނަމަ ސީޕީ ހުސައިން ވަހީދު މަގާމުން ވަކިކުރަން ޖެހޭ ކަމަށެވެ.

" ފުރަތަމަ ކަމަކަށް ރައީސް ޔާމީން އެކަން ހިނގައި ދިޔައީ ކިހިނެއްތޯ، ކާކު ކުރި ކަމެއްތޯ ބަލަން ބޭނުންވާ ކަމަށްވާނަމަ ހުސައިން ވަހީދު އެމަގާމުން ބަދަލު ކުރަން ޖެހޭ. މިއީ މިއަދު އަޅުގަނޑުމެން ސަރުކާރު ޒިންމާދާރު ކުރުވަން ނުކުމެ ހުރި މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު މިގައުމާމެދު ކަންބޮޑުވާތީ، މަނިކުފާނަށް ދެއްވި އަނިޔާއަށް ކަންބޮޑުވާތީ ޖެހިލުންވާތީ މަނިކުފާނަށް ހަމަ ހެޔޮހިތުންދޭ ނަސޭހަތެއް،" މަހުލޫފު ވިދާޅުވި އެވެ.

ނައިބު ރައީސް އަހުމަދު އަދީބު: ދައުލަތުގެ ވެރިންގެ ރައްކާތެރި ކަމަށް ސަލާމަތީ ބާރުތަކުން ފިޔަވަޅުތައް އަޅަމުންދާ ކަމަށް ވިދާޅުވި-- ސަން ފޮޓޯ/ ފާޒު މޫސާ

ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއްގޮވި ހާދިސާއާ ގުޅިގެން ނައިބު ރައީސް އަދީބު އިއްޔެ ވިދާޅުވީ އެ ހާދިސާއާ ގުޅިގެން ދައުލަތުގެ ވެރިން ރައްކާތެރި ކުރުމަށް ސަލާމަތީ ބާރުތަކުން ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ. އަދި އެކަން ކުރި ބަޔަކަށް އެކަމުގެ އަދަބު ލިބެން ޖެހޭނެ ކަމަށްވެސް އަދީބު ވިދާޅުވި އެވެ.

" މިކަން ކުރި ބައެއް ވެއްޖިއްޔާ އެމީހުން ދައުލަތުގެ އަދި ގާނޫނުތަކުގެ ކުރިމަތީގައި އަދި ކޯޓަށް ގެންގޮސް އިރާދަކުރެއްވިއްޔާ އޭގެ އިންސާފް ލިބޭނެ ކަމާމެދު އަޅުގަނޑުމެން ފުރިހަމަ ޔަގީންކަން އެބައޮތް،" އަދީބު ވިދާޅުވި އެވެ.

ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ދުވަހު، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް މަރުހަބާ ދަންނަވަން ހުޅުލެއަށް ވަޑައިނުގެންނެވުނީ އާލާސްކަންފުޅާ އުޅުއްވާތީ ކަމަށާއި އެ ދުވަހު ހުޅުލެއަށް ނުދެވުނީތީ ހިތާމަ ކުރައްވާ ކަމަށް އަދީބު ވިދާޅުވި އެވެ.

ލޯންޗްކޮޅުގައި އެއްޗެއް ގޮވި މައްސަލައިގައި ނައިބް ރައީސް އަށް ކުރާ ތުހުމަތުތަކާއި ގުޅިގެން އެމަނިކުފާން ވިދާޅުވީ "ދިވެހި ރާއްޖޭގެ އެއްވެސް ހާދިސާއެއް މިހާތަނަށް [އަޅުގަނޑުގެ] ބޮލަށް ނުޖަހާ ނުދޭ" ކަމަށާއި އެމަނިކުފާނުގެ ޕާސްޕޯޓް ހިފެހެއްޓި ވާހަކަ އާއި ފުރައިގެން ދާން އުޅޭ ވާހަކައާއި ހައްޔަރުކުރާ ވާހަކަ އެއީ ދައްކާ "ފޭކް" ވާހަކަތައް ކަމަށެވެ.