ސަރުކާރަށް ރައްދުވާ، އަދި ސަރުކާރުން ދައުވާކުރާ ކޮންމެ މައްސަލައެއްގައި ސަރުކާރު ދިފާއުކުރުމަށް މަސައްކަތް ކުރުމަކީ އެޓާނީޖެނެރަލްގެ ގާނޫނީ މަސްއޫލިއްޔަތެއް ކަމަށާއި، އެ މަސްއޫލިއްޔަތު އަދާ ކުރުމުގައި ކުރިއަށް ވަޑައިގަންނަވާނެ ކަމަށް، އާ އެޓާނީޖެނެރަލް އަލްއުސްތާޒު އަބުދުﷲ މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސަން އޮންލައިނަށް މިއަދު ދެއްވި ހާއްސަ އިންޓަވިއުއެއްގައި މުއިއްޒު ވިދާޅުވީ، އެޓާނީޖެނެރަލް މަސައްކަތް ކުރަންވާނެގޮތް ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑުގެ ވިސްނުން ހުރީ، ގާނޫނާއި ގަވާއިދުތަކުގައި ބުނެފައިވާ ގޮތުގެމަތިން މަސައްކަތް ކުރިއަށް ގެންދިއުމަށް. އެޓާނީޖެނެރަލަކީ ދައުލަތުގެ ގާނޫނީ ވަކީލު، އެ ހައިސިއްޔަތުން ސަރުކާރަށް ރައްދުވާ އަދި ސަރުކާރުން ދައުވާކުރާ ކޮންމެ މައްސަލައެއްގައި ސަރުކާރު ދިފާއުކުރުމަށް މަސައްކަތް ކުރުމަކީ އަޅުގަނޑަށް ހަވާލުވެފައިވާ ގާނޫނީ މަސްއޫލިއްޔަތެއް. އެ މަސްއޫލިއްޔަތު އަދާ ކުރުމުގައި އަޅުގަނޑު ކުރިއަށް ދާނަން،" މުއިއްޒު ވިދާޅުވި އެވެ.

މަޖިލީހުގެ ރުހުން ނުލިބިގެން އެޓާނީޖެނެރަލް ކަމުގެ މަގާމުން ވަކިވެވަޑައިގެންނެވި، ޑރ. އަހްމަދު އަލީ ސަވާދު، މަގާމުގައި ހުންނެވި ދުވަސްވަރު ދެއްވާފައިވާ ގިނަ ގާނޫނީ ލަފާތަކާ ދެކޮޅަށް ކޯޓުތަކުން މައްސަލަ ނިމިފައިވާތީ، އެފަދަ ކަންކަމުގައި މުއިއްޒު އަމަލު ކުރައްވާނީ ކޮން ގޮތަކަށްތޯ ދެންނެވުމުން އޭނާ ވިދާޅުވީ، ގާނޫނީ ގޮތުން ކަމެއް ނިންމާއިރު ބައްލަވާނީ، ގާނޫނުތަކާއި ގަވާއިދުތަކަށް ކަމަށެވެ.

"ދައުލަތުން ދައްކާ ވާހަކައެއް ކޯޓުން ގަބޫލު ކުރުމާއި ނުކުރުން އެއީ އެހެންކަމެއް. އަޅުގަނޑު ކަންކަން ކުރުމުގައި ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް އެކަން ކުރެވޭތޯ އަޅުގަނޑު ބަލާނީ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެއްވާނީ، އަވަސް މިނެއްގައި ރައްޔިތުންގެ މަޖިލީހުން ފާސްވާނެ ގޮތަކަށް ސަރުކާރުން ހުށަހަޅަން ޖެހޭ ބިލުތައް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަށް ކަމަށެވެ. މިއަދު ގައުމުގެ ހާލަތު އޮތްގޮތުން، ހާއްސަ ގޮތެއްގައި މިދުވަސްކޮޅު އެންމެ އިސްކަމެއް ދޭންޖެހިފައި ވަނީ ޖުވެނައިލް ޖަސްޓިސް ސިސްޓަމާ ބެހޭ ބިލުތަކަށް ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ. އަދި އެފަދަ ބިލުތަކުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑުގެ ފޯކަސް މިވަގުތު އެންމެ ބޮޑަށް މިހިރީ ކަމާ ބެހޭ ގާނޫނުތައް އަވަސްމިނެއްގައި ފާސްވާނެ ގޮތަށް ސަރުކާރުން ހުށަހަޅަން ޖެހޭ ބިލުތައް ހުށަހެޅުމަށް. ހާއްސަ ގޮތެއްގައި، ޖިނާއީ އިޖުރާއަތުގެ ބިލާއި ހެތްކާ ބެހޭ ބިލް އަޅުގަނޑު ފާހަގަކޮށްލަން. ހެތްކާ ބެހޭ ބިލަކީ މަޖިލީހަށް ހުށަހެޅިފައިވާބިލެއް. އެހެންނަމަވެސް މަޖިލީހުން ވަނީ ރެކުއެސްޓެއް ކުރައްވައިފައި އެއަށް ބައެއް ބަދަލުތައް ގެނައުމަށް. އަޅުގަނޑުމެން މި ބަލަނީ އެ މަސައްކަތްތައް ނިންމައި ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި އެ ބިލް ވެސް މަޖިލީހަށް ފޮނުވާލެވޭނެ ކަމަށް. ދެން ޖިނާއީ އިޖުރާއަތުގެ ބިލު ވެސް އޮތީ ޑްރާފްޓްކޮށް ނިމިފައި އެބިލްގެ ކަންތަކުގައި ޕީޖީ އޮފީހާއި ފުލުހުންނާ އެކު އަދި އެއްބައްދަލުވުން ބާއްވައި، ޕޮލިސީ އިޝޫސްތަކެއްނިންމައި މި ބަލަނީ މި ހަފްތާގެ ތެރޭގައި މަޖިލީހަށް ފޮނުވައިލެވޭ ނެކަމަށް" މުއިއްޒު ވިދާޅުވި އެވެ.