ހައި ކޯޓަށް ފަނޑިޔާރުން ހޮވާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ވިދާޅުވެ ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުލްބާރީ ޔޫސުފް ހުށަހެޅުއްވި މައްސަލަ ސުޕްރީމް ކޯޓުން ބޭރުކޮށްފައި ވަނީ ގާނޫނީ ހަމަތަކާއި އުސޫލާ ހިލާފަށް ކަމަށް އެ މައްސަލައިގެ
ތެރެއަށް "ތަދައްހުލް"ވެފައި ހުންނެވި ފެމިލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީއެއްގައި ހަސަން ސައީދު ވިދާޅުވެފައި ވަނީ ހައި ކޯޓަށް ހޮވި ފަނޑިޔާރުންގެ މައްސަލަ ސުޕްރީމް ކޯޓުން ބޭރުކޮށްފައި ވަނީ ގާނޫނީ ހަމަތަކާއި އުސޫލުތަކާ ހިލާފަށް ކަމަށެވެ. އަދި ސުޕްރީމް ކޯޓުން އެފަދަ ނިންމުމެއް ނިންމުމަކީ ޖުޑިޝަރީއަށް ލިބުނު ބޮޑު ހައިރާންކަމެއް ކަމަށާއި އެކަމުގެ ސަބަބުން ޖުޑިޝަރީއާ މެދު އުފެދެމުން ދިޔަ އިތުބާރު ގެއްލިފައިވާ ކަމަށް ވެސް ފެމިލީ ކޯޓުގެ އިސް ގާޒީ އެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

ހަސަން ސައީދު ވިދާޅުވެފައި ވަނީ އެ މައްސަލައިގައި ރައީސަށް ސިޓީ ފޮނުއްވީ ގާނޫނީ ވެރިކަން ނެގެހެއްޓުމަކީ ރައީސްގެ ވެސް މަސްއޫލިއްޔަތެއް ކަމުން އެކަން ސަމާލުކަމަށް ގެނައުމަށްޓަކައި ކަމަށެވެ.

ހަސަން ސައީދުގެ ގާނޫނީ ވަކީލު އަދި ޖިނާއީ ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު އީސާ ވިދާޅުވީ ހައި ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމުގެ މައްސަލައަކީ ޕަބްލިކް އިންޓްރެސްޓް ވެސް ހިމެނޭ މައްސަލައެއް ކަމަށްވާ އިރު އަޑުއެހުންތައް ނިންމުމަށް ފަހު ވެސް ހުކުމެއްނުކޮށް އެ މައްސަލަ ބޭރު ކުރުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ އެއީ ސުޕްރީމް ކޯޓަށް ކުރެވޭނެ ކަމެއް ވެސް ނޫން ކަމަށާއި އެއީ އިންސާފެއް ވެސް ނޫން ކަމަށެވެ.

"މިއީ ޕަބްލިކް އިންޓްރެސްޓެއް ވެސް އޮތް މައްސަލައެއް. މި މައްސަލައިގެ އަޑުއެހުންތައް ނިންމައި އެތައް ދުވަހެއް ފަހުން ފައިސަލާ ކުރަނިވި ހުކުމެއްނުކޮށް ކޯޓުން ބޭރު ކުރުމަކީ އިންސާފެއް ނޫން. އެއީ ކުރެވޭނެ ކަމެއް ވެސް ނޫން،" ތަޖުރިބާކާރު ވަކީލު ވިދާޅުވި އެވެ.

މީގެ އިތުރުން ވަކީލު ވިދާޅުވީ މައްސަލައިގެ ޗިޓު ސުޕްރީމް ކޯޓުން ލޯ އޮފީހަށް ފޮނުވާފައި ވަނީ އެންމެ ދެ ގަޑިއިރު ކުރިން ކަމަށެވެ. އަދި އާންމުކޮށް ކޯޓުތަކުން ޗިޓު ފޮނުވަނީ ތިން ދުވަސް ނުވަތަ ދެ ދުވަސް ކުރިން ކަމަށްވާ އިރު އެކަށީގެންވާ ވަގުތެއް ނުދީ ޗިޓު ފޮނުވުމަކީ އިންސާފެއް ނޫން ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުން ބުނެފައި ވަނީ ހައި ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމުގެ މައްސަލައިގެ ދައުވާ ފޯމް އެ ކޯޓުން ބާތިލް ކުރީ އެ މައްސަލައިގައި ދައުވާ ކުރި ބާރީ ގާޒީ ކޯޓުގެ ހުއްދަ ނުހޯދައި ރަށުން ބޭރަށް ވަޑައިގެންފައިވާތީ ކަމަށެވެ.

ކޯޓަށް މީހުން ހާޒިރު ކުރުމުގައި އަމަލު ކުރާނެ ގޮތުގެ ގަވާއިދުގެ 23 ވަނަ މާއްދާގައި ބުނެފައި ވަނީ ކޯޓަށް މައްސަލައެއް ހުށަހަޅާފައި ވަނިކޮށް ދައުވާ ލިބޭ ފަރާތުން ނުވަތަ ދައުވާ ކުރާ ފަރާތުން ކޯޓުގެ ހުއްދަ ނުހޯދައި ފުރައިގެން ނުވާނެ ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ގަވާއިދުގެ 75 ވަނަ މާއްދާގެ ހ. ގައި ބުނެފައި ވަނީ ސުޕްރީމް ކޯޓުން މައްސަލައެއް ބެލުމަށް ކަނޑައަޅާ ތާރީހާއި ގަޑިއަށް މަގުބޫލު އުޒުރެއް ނެތި ދައުވާ ކުރާ ފަރާތުން ހާޒިރުނުވެއްޖެ ނަމަ އެ މައްސަލައެއް ބާތިލް ކުރެވޭނެ ކަމަށެވެ.