27 Mar 2011, 14:44
މޯލްޑިވްސް މީޑިއާ ކޮމްޕެނީ (އެމްއެމްސީ)ން ހިންގަމުން އަންނަ ދިއެފްއެމް ކުއްޔަށް ދިނުމަށް ހުޅުވާލުމުން ތިން ފަރާތަކުން އެކަމަށް ބީލަން ހުށަހަޅައިފި އެވެ.
ދިއެފްއެމްގެ ސީއީއޯ މަސްއޫދު ހިލްމީ މިއަދު ވިދާޅުވީ މެނޭޖްމަންޓް ކޮންޓްރެކްޓެއްގެ ދަށުން މަދުވެގެން ތިން އަހަރު ދުވަހަށް ދިއެފްއެމް ކުއްޔަށް ހިފުމަށް ހުޅުވާލުމުން އެކަމަށް ކުރިމަތި ލުމުގެ މުއްދަތު މިދިޔަ ބުރާސްފަތި ދުވަހަށް ހަމަވި އިރު ތިން ފަރާތަކުން އެ ސްޓޭޝަން ހިންގުމަށް ކުރިމަތިލާފައިވާ ކަމަށެވެ. ނަމަވެސް އެތަނުން ދެ ފަރާތަކުން ޕްރޮޕޯޝަލް ހުށަހަޅާފައި ވަނީ މުޅި އިންވެސްޓްމަންޓް އެއްކޮށް ގަންނަން ކަމަށް ވެސް މަސްއޫދު ވިދާޅުވި އެވެ.
"ދެ ފަރާތަކުން އެގޮތަށް ކުރިމަތިލާފައި މިވަނީ. ދެން އެއްފަރާތެއް މި އޮތީ. އެހެންވީމަ އަނެއްކާ ވެސް ޑިރެކްޓަރުންގެ ބޯޑުން ގޮތެއް ނިންމަވާނީ މި ކަމުގެ ކަންތައް ކުރާނެ ގޮތެއް،" މަސްއޫދު ވިދާޅުވި އެވެ.
އޭނާ ވަނީ އެ ކަމަށް ކުރިމަތިލި ފަރާތްތަކުން "ނަން އާންމުކުރުމަށް އުޒުރުވެރިވާތީ" އެ މައުލޫމާތު ދެއްވުމަށް ދެކޮޅުހައްދަވައިފަ އެވެ.
މަސްއޫދު ވިދާޅުވީ ދިއެފްއެމް ކުއްޔަށް ދިނުމުގެ މައްސަލައިގައި ގޮތެއް ނިންމުމަށް ވަރަށް އަވަހަށް ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ.
ސަން އަށް އެގިފައިވާ ގޮތުގައި ދިއެފްއެމް ކުއްޔަށް ދިނުމުގެ ހުރިހާ މަސައްކަތެއް ކުރަމުން އަންނަނީ ޗަމްޕާ ބުރަދާސް ޕްރައިވެޓް ލިމިޓެޑުންނެވެ.
އެމްއެމްސީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައި ވަނީ މަހަކު ފަސް ލައްކަ ރުފިޔާ އިން ފެށިގެން އެންމެ މަތީ އަގެއް ހުށަހަޅާ ފަރާތަކަށް މަދު ވެގެން ތިން އަހަރު ދުވަހަށް ދިއެފްއެމް ކުއްޔަށް ދިނުމަށެވެ.
އެމްއެމްސީގެ ޑިރެކްޓަރުންގެ ބޯޑުގައި ތިއްބަ ވަނީ ހަތަރު ޑިރެކްޓަރުންނެވެ. އެއީ ރާއްޖެ ޓީވީގައި އިސްކޮށްއުޅުއްވާ އަހުމަދު ސަލީމާއި މަޝްހޫރި ވިޔަފާރިވެރިޔާ އަދި އެ ބޯޑުގެ ޗެއާމަން ޗަމްޕާ މުހަންމަދު މޫސާ (އުއްޗު) އާއި އެމްއެންބީސީގެ ކުރީގެ އެމްޑީ އިބްރާހިމް ހަލީލް އާއި އަދި ހަސަން މައުމޫން (މާނު) އެވެ.