ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ"ގައި އެއްޗެއް "ގޮއްވާލި" ހާދިސާއާ ގުޅިގެން މިވަގުތު ވަކި ބޭފުޅަކަށް އިނގިލި ދިއްނުކުރުމަށް ސަރުކާރު ކޯލިޝަން ޕާޓީ އެމްޑީއޭގެ ނައިބު ލީޑަރު އަލީ މައުރޫފު ވިދާޅުވެއްޖެ އެވެ.

އެމްޑީއޭގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މައުރޫފު ވިދާޅުވީ އެ މައްސަލައަކީ ތަހުގީގު ކުރަމުން ގެންދާ މައްސަލައެއް ކަމަށާއި އެހެންކަމުން ވަކި ބޭފުޅަކަށް ނުވަތަ ބަޔަކަށް ތުހުމަތުގެ އިނގިލި ދިއްކުރެއްވުމަކީ އެންމެ ޒިންމާދާރު ގޮތެއް ނޫން ކަމަށެވެ. އެހެންނަމަވެސް ސަރުކާރުން އެކަމުގެ އެންމެ އަޑީގައި ތިބި މީހުން ހޯދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު އުއްމީދު ކުރަނީ މި މައްސަލަ ތަހުގީގު ކުރެވިގެންއައިސް ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެންމެ ފުރިހަމަ ގޮތެއްގައި އެނގިގެން ދާނެކަމަށް. އަދި ރައީސް ޔާމީނު މިއަދު ވަނީ ނޭޝަނަލް އިންކުއަރީ ކޮމިޝަނެއް އުފައްދަވާފައި. ވަރަށް ޒިންމާދާރުކަން މަތީގައި އެކަން ކުރުމަށް ހަވާލު ކުރައްވާފައި ރައީސް ޔާމީނު ވަނީ. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އެ ކޮމިޝަނުން އެ މައްސަލަ [ލޯންޗުކޮޅު ހާދިސާ] ތަހުގީގު ކުރެއްވުމަށް ފަހު ދިވެހި ރާއްޖޭގެ ރައްޔިތުން ހިތްހަމަ ޖެހޭ ވަރުގެ ގޮތަކަށް މިކަންތައްތައް ދާނެކަމާ މެދު އަޅުގަނޑުމެން ޝައްކެއް ނުކުރަން،"

އޭނާ ވިދާޅުވީ ރިޔާސީ ލޯންޗުކޮޅަށް ދިން ހަމަލާއަކީ "ސީދާ ރައީސް އަބްދުﷲ ޔާމީނު އަވަހާރަކޮށްލުމުގެ" ގޮތުން ދީފައިވާ ހަމަލާއެއް ކަމަށެވެ. އޭނާ ވަނީ މިކަމުގައި ދިވެހި ރައްޔިތުން ކެތްތެރިވުމަށް އިލްތިމާސް ކުރައްވާފަ އެވެ. އަދި އެއްވެސް ފަރާތަކުން "ހިޔާލީ ވާހަކަ" ނުދެއްކުމަށް ވެސް މައުރޫފު ވަނީ އިލްތިމާސްކުރައްވާފަ އެވެ.

"ރައްޔިތުންގެ ތެރޭގައި ފިތުނަ އުފެދޭ ގޮތަށް އެއްވެސް ފަރާތަކަށް އިނގިލި ދިއްކޮށް ނުހެދުމަށް އަޅުގަނޑު ހަމަ އިލްތިމާސްކުރަން. އެއީ މިއަށް ވުރެ މާ ނުރައްކާތެރި ކަމެއް. މިކަމުގައި ހަމަ ކެތްތެރިވާންވީ ހެއްކާއި ގަރީނާއާ އެކީގައި ދިވެހި ސަރުކާރުން ނުވަތަ ރައީސް ޔާމީން އެކަމަށް ޒިންމާދާރު ކުރައްވާފައިވާ ކޮމިޝަނުން އެ ސީދާ ބަސް ބުނަންދެން. އިރާދަކުރެއްވިއްޔާ މިކަމުގެ ހަގީގަތް މިދަނީ އެއް ދުވަހުން އަނެއް ދުވަހަށް އެނގެމުން." މައުރޫފު ވިދާޅުވި އެވެ.