އަށް ފަހަރު ވޯޓް ލައިގެން ވެސް ގއ. އަތޮޅު ކައުންސިލްގެ ރައީސެއް ހޮވިފައި ނުވާ ކަމަށް ކައުންސިލްގެ ވަގުތީ ރައީސް އާމިރު އަލީ ވިދާޅުވެއްޖެ އެވެ.

އިންތިހާބާ ގުޅިގެން ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން ދާންދޫ ދާއިރާގެ އަތޮޅު ކައުންސިލްގެ މައްސަލަ ނިމިފައި ވާތީ ދާންދޫ ދާއިރާ އަށް އިންތިހާބުވެފައިވާ އަތޮޅު ކައުންސިލަރުން އިއްޔެ ހުވާ ކުރުމާ އެކު ހަ މެންބަރުން ހިމެނޭ ގއ. އަތޮޅު ކައުންސިލްގެ ރައީސެއް ހޮވުމުގެ ވޯޓް ނަގަން ފަށާފައި ވަނީ އިއްޔެ އެވެ.

ގއ. އަތޮޅު ކައުންސިލްގެ ހިމެނެނީ ޑީއާރުޕީގެ ތިން މެންބަރުންނާއި އެމްޑީޕީގެ ތިން މެންބަރުނެވެ.

މެޖޯރިޓީ ވަކި ޕާޓީއަކަށް ނުލިބި ހަމަމަކޮށް އޮތް ކައުންސިލްގެ ވަގުތީ ރައީސް އަމީރު އަލީ މިއަދު ވިދާޅުވީ ކައުންސިލަށް ރައީސެއް ހޮވުމަށް އިއްޔެ ވެސް ތިން ފަހަރު ވޯޓްލާފައިވާ ކަމަށެވެ. އަދި އެންމެ ފުރަތަމަ ކުރިމަތިލި އެމްޑީޕީގެ ކައުންސިލަރު މުހައްމަދު ސިޔާމް އާއި ޑީއާރުޕީގެ ކައުންސިލަރު މައްސޫދު އަހުމަދުގެ ނަން ހުށަހަޅައިގެން ވޯޓަށް އެހުމުން ވެސް ކައުންސިލްގެ މެންބަރުންގެ މެދުގައި ވޯޓް އެއްވަރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ބޭފުޅުންނަށް ކައުންސިލްގެ ތާއިދު ނުލިބުމުން އަތޮޅު ކައުންސިލްގެ ހުރިހައި މެންބަރުންގެ ނަން ހުށަހަޅައިގެން ވެސް ފަސް ފަހަރު ވޯޓް ލުމުން ވެސް، ވަކި ކޮޅަކަށް ވޯޓް ނުލިބި ހަމަހަމަވެފައިވާ ކަމަށް އާމިރު ވިދާޅުވި އެވެ.

"މިހާރު ކުރިމަތި ނުލާ ބޭފުޅަކު ނެތް. ދެ ޕާޓީން ވެސް ހުރިހައި ކައުންސިލަރުން ވެސް ކުރިމަތިލައިފި. މިހާތަނަށް ނެގި ވޯޓްތަކުން ވެސް ވަކި ބޭފުޅަކަށް ތާއީދު ނުލިބި ވޯޓް އެއްވަރުވީ."

ޑީއާރުޕީގެ ޓިކެޓްގައި ގެމަނަފުށީ ދާއިރާއިން، ގއ. އަތޮޅު ކައުންސިލަށް އިންތިހާބުވި އާމިރު ވިދާޅުވީ ކައުންސިލްގެ ރައީސެއް ހޮވުމަށް އެމްޑީޕީއާ މަޝްވަރާކޮށްފައި ނުވާ ކަމަށެވެ. އަދި ދެ ޕާޓީގެ މެދުގައި ނެގޯޝިއޭޓް ކުރުމަށް ތައްޔާރުވަމުން ދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.