09 Oct 2015, 11:08
އަހަރެމެންގެ ތެރެއިން ގިނަ ބަޔަކަށް ހީވެފައި އޮންނަނީ ކޮންމެ ދުވަހަކު ބޭނުންކުރާ އެއްޗެހީގެ ތެރެއިން އެންމެ ހަޑިކޮށް ހުންނަނީ ފާހާނާ ތަށި ކަމަށެވެ. ރަނގަޅު ވާހަކައެކެވެ. ނަމަވެސް އަހަރެމެން ކޮންމެ ދުވަހަކު ބޭނުންކުރާ އެއްޗެހީގެ ތެރެއިން، ފާހާނާ ތައްޓަށްވުރެ ޖަރާސީމު ނުވަތަ ބެކްޓީރިއާ ގިނަ އެއްޗެހިތަކެއް ސައިންސްވެރިން ވަނީ ހާމަކޮށްފަ އެވެ.
އަތްދަބަސް
ސައިސްވެރިން ކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުގައި އޮފީސްތަކުގައި ހުންނަ ފާހާނާތަށީގެ އިށީންނަ ހިސާބަށްވުރެ ތިންގުނަ އިތުރަށް އަތްދަބަހުގައި ބެކްޓީރިއާ ހިމެނެ އެވެ. އަތްދަބަހުގައި އެންމެ ގިނަ ބެކްޓީރިއާ ހުންނަކަމަށް ސައިންސްވެރިން ބުނީ އަތްގަނޑުގަ އާއި ދަބަހުގެ ފުލުގަ އެވެ. އެއީ ތަންތަނުގައި ބަހައްޓާ ނަގާތީ އެވެ.
ސްމާޓްފޯން، ޓެބްލެޓް
އިންސާނާގެ އަތުގައި ކޮންމެ ގަޑިއިރަކު އެތަކެއް ޖަރާސީމުތަކެއް އުފެދެ އެވެ. ތަންތަނުގައި އަތްލާ ހަދާއިރު ޖަރާސީމުތައް އަތައް ވެރިވެގަނެ އެވެ. އެގޮތުން ކޮންމެ ދުވަހަކު ބޭނުންކުރާ ސްމާޓްފޯނު، ރިމޯޓް ފަދަ ތަކެތީގައި ފާހާނާ ތައްޓެއްގެ އިޝީންނަ ހިސާބަށްވުރެ 10 ގުނަ ބެކްޓީރިއާ އިތުރުކަމަށް ސައިންސްވެރިން ބުނެއެވެ. ޖަރާސީމުތަކުން ކުރާ އަސަރުން ރައްކާތެރިވުމަށް އެފަދަ ތަކެތި ކޮންމެ ދުވަހަކު ޓިޝޫއެއްފަދަ އެއްޗަކުން ސާފުކުރުމަށް ސައިންސްވެރިން ލަފާދެއެވެ.
ދަތް އުނގުޅާ ބުރުސް
ދަތް އުނގުޅުމަށްފަހު ބުރުސް ހާމައަށް ބެހެއްޓުމުން އޭގައި ގިނަ ބެކްޓީރިއާ އުފެދޭކަމަށް ސައިންސްވެރިން ބުނެއެވެ. އެ ބެކްޓީރިއާގެ ސަބަބުން ދަތްތައް ނުވަތަ ހިރުގަނޑު ހަލާކުވުން ފަދަ ކަންކަން ދިމާވެ އެވެ. އެހެންކަމުން އެކަމުން ސަލާމަތްވުމަށް، ދަތް އުނގުޅާ ބުރުސް ހާމައަށް ނުބަހައްޓައި އެއްޗަކަށްލައި ބަންދުކުރަން ސައިންސްވެރިން ލަފާދެއެވެ.
ކޮމްޕިއުޓާ ކީބޯޑް
ފާހާނާ ތައްޓެއްގެ އިޝީންނަ ހިސާބަސްވުރެ ފަސްގުނަ ގިނަ ބެކްޓީރިއާ ކޮންމެ ދުވަހަކު ބޭނުންކުރާ ކީބޯޑްގައި ހުންނަ ކަމަށް ސައިންސްވެރިންގެ ހޯދުންތަކުން ދައްކައެވެ. އެ ޖަރާސީމުތައް އުފެދުނަ ނުދިނުމަށް ކޮންމެ ދުވަހަކު ސާފު ފޮތިގަނޑެއް ފަދަ އެއްޗަކުން ކީބޯޑާއި މައުސް އަދި މައުސްޕެޑް ސާފުކުރަން ސައިންސްވެރިން ލަފާދެ އެވެ.
ބަދިގޭ ސާމާނު
ބަދިގޭގައި ހުރިހާ އެއްޗެއް ދޮވުމަށް ބޭނުންކުރާ ސިންކުގައި ފާހާނާ ތައްޓަކަށްވުރެ 500،000 ގުނަ އިތުރަށް ބެކްޓީރިއާ އުފެދޭކަމަށް ސައިސްވެރިންގެ ހޯދުންތަކުން ދައްކައެވެ. އެގޮތުން ކަޓިން ބޯޑާއި ތަށި ދޮންނަ ސްޕޮންޖްގަނޑުގައި އެތައް ހާސް ބެކްޓީރިއާއެއް އުފެދިފައި ހުންނަ ކަމަށް ސައިންސްވެރިން ކުރި ދިރާސާއިން ވަނީ އެނގިފަ އެވެ.
އެހެންކަމުން ކާން ބޭނުންކުރާ ސަމްސާ، ކަޓިން ބޯޑް އަދި ސިންކް ފަދަ ތަކެތި ދޮވެ ނިންމާލާއިރު ހޫނުފެން ބޭނުންކުރަން ސައިންސްވެރިން ލަފާދެ އެވެ. ދޮންނަ އިރު ސައިބޯނި ބޭނުންކުރާށެވެ.
ކާޕެޓް
ފާހާނާ ތައްޓަކަސްވުރެ ކާޕެޓްގެ އެއް އަކައިންޗީގައި 4000 ގުނަ އިތުރަށް ބެކްޓީރިއާ އުފެދިފައި ހުންނަ ކަމަށް ސައިންސްވެރިން ބުނެ އެވެ. ބެކްޓީރިއާގެ ސަބަބުން ކުރިމަތިވެދާނެ ކަންކަމުން ސަލާމަތްވުމަށް އަހަރަކު މަދުވެގެން ދެފަހަރު ކާޕެޓް ދޮވުމަށް ސައިންސްވެރިން ލަފާދެއެވެ.
ބަޔާންވެދިޔަ ތަކެތީގައި ގިނަ އަދަދަކަށް ޖަރާސީމު ނުވަތަ ބެކްޓީރިއާ ހުންނަ އިރު، އެތަކެތި ބޭނުންކުރާނަމަ ގިނަ ގިނައިން އަތްދޮވެ ސާފުކުރުމުން އެ ތަކެތީގެ ސަބަބުން ދިމާވެދާނެ ނުރައްކާތަކުން ސަލާމަތްވާނެ އެވެ.