08 Oct 2015, 12:01
ބީއެޗްއެމް ޓްރޭޑާސް އިން ރާއްޖެ އެތެރެކޮށް ވިއްކަމުން އަންނަ "ކޯސްޓް" ކިރުގެ އަގު ހެޔޮކޮށްފި އެވެ.
ބީއެޗްއެމް ޓްރޭޑާސް އިން 'ސަން' އަށް މައުލޫމާތު ދިން ގޮތުގައި އަލަށް ގެނައި ބަދަލާ އެކު ކުރިން 108 ރުފިޔާ އަށް ވިއްކި 800 ގުރާމްގެ ޕެކެޓެއް މިހާރު ވިއްކަނީ 98 ރުފިޔާ އަށެވެ. އަށް ސަތޭކަ ގުރާމުގެ ކޭހެއް ކުރިން 1235 ރުފިޔާ އަށް ވިއްކި އިރު މިހާރު ވިއްކަނީ 1100 ރުފިޔާ އަށް ކަމަށް ވެސް ބީއެޗްއެމް އިން ބުނެ އެވެ.
ކުރިން 1715 ރުފިޔާ އަށް ވިއްކި 2250 ގުރާމުގެ ކިރު ޕެކެޓް ކޭހަކުން 195 ރުފިޔާ އަގުހެޔޮކޮށްފައިވާ އިރު 2250 ގުރާމުގެ ކިރު ޕެކެޓަކުން 32 ރުފިޔާ އަގު ހެޔޮކޮށް މިހާރު ވިއްކަމުން ދަނީ 268 ރުފިޔާ އަށެވެ.
ބީއެޗްއެމް އިން ވަނީ މީގެ ދެ މަސް ކުރިން ވެސް ކޯސްޓްކިރުގެ އަގުހެޔޮކޮށްފަ އެވެ. އެ ފަހަރު އެކުންފުނިން ބުނީ ކިރުގެ އަގުހެޔޮކުރީ ބޭރުގެ މާކެޓުގައި ވެސް އެކިރުގެ އަގުހެޔޮވުމުންނެވެ.