27 Mar 2011, 14:26
ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕް (ޕީޕީޕީ)ގެ ދަށުން މާލެ ސަރަހައްދުގައި އުފެދޭ ކުނި ނައްތާލުމުގެ ނިޒާމެއް ގާއިމުކުރުމަށް އިންޓަނޭޝަނަލް ބީލަމަށް ހުޅުވާލުމުން ތިން ފަރާތަކުން ބީލަން ހުށަހަޅައިފި އެވެ.
މިނިސްޓްރީ އޮފް އިކޮނަމިކް ޑިވެލޮޕްމަންޓުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ކުނިނައްތާލުމަށް ބީލަން ހުށަހެޅީ، ޔޫޕީއެލް އެންވަޔަރަމަންޓް އިނޖިއާޒް ލިމިޓެޑާއި ރަމްކީ އެންވައިރޯ އިންޖިނިއާޒް ލިމިޓެޑާއި އޯގެނިކް ގްރޫޕްސް ޕލސ އަދި އެސްވާރ އޯވަސީސް ލިމިޓެޑުންނެވެ.
އެ ބިޑްތައް ހުޅުވައި އިވެލުއޭޓް ކުރުމަށް ސަރުކާރުން މާލޭ ސިޓީ ކައުންސިލާއި އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ އާއި މިނިސްޓްރީ އޮފް އިކޮނަމިކް ޑިވެލޮޕްމެންޓް އެންޑް ޓްރޭޑްގެ މެމްބަރުން އެކުލެވިގެންވާ ކޮމެޓީ އެއް ވަނީ ހަމަޖައްސައިފަ އެވެ.
އިކޮނަމިކް މިނިސްޓްރީގެ ބަޔާނުގައި ބުނީ ޝަރުތު ހަމަވެފައިވާ ޕްރޮޕޯސަލްތައް އިވެލުއޭޝަން ކޮމެޓީން ވަނީ އިވެލުއޭޓްކޮށް ނިމިފައިވާ ކަމަށެވެ. އަދި ޓެކްނިކަލް ޕްރޮޕޯސަލް އިވެލުއޭޓް ކުރުމުގެ ކުރިން ބިޑް ހުށަހެޅި ފަރާތްތަކުގެ ގާބިލުކަމާއި ތަޖުރިބާ އަށް ބެލުމަށް ފަހު އިވެލުއޭޓްކޮށް ނިމޭނެ ކަމަށް ވެސް އެ މިނިސްޓްރީ ބުނެ އެވެ.
އިކޮނަމިކް މިނިސްޓްރީން ބުނީ ލަފާކުރެވޭ ގޮތުގައި އެޕްރީލް 20 ގެ ކުރިން ބިޑްތައް އިވެލުއޭޓްކޮށް ނިމޭނެ ކަމަށެވެ. އަދި ޕްރޮޖެކްޓް ކާމިޔާބު ކުރާ ފަރާތަށް ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ހަވާލުކުރުމަށް ހަވާލު ކުރާނެ ތާރިޚަކީ 30 އޭޕްރިލް ކަމަށް އިކޮނަމިކް މިނިސްޓްރީން ބުންޏެވެ.
އިކޮނަމިކް މިނިސްޓްރީން ބުނީ އެ ޕްރޮޖެކްޓް ސަރުކާރުން ފެށީ ތިމާވެއްޓާއި އާންމު ސިއްހަތަށް ކުރަމުންދާ ނޭދެވޭ އަސަރުތައް ނައްތާލުމުގެ ބޭނުމުގައި ކަމަށެވެ. މާލޭގައި މިހާރު ދުވާލެއްގެ މައްޗަށް މާލެ ސަރަހައްދުން 400 ޓަނުގެ ކުނި އުފެދޭ ކަމަށް އެމިނިސްޓްރީން ބުނެ އެވެ.
"ސަރުކާރުގެ އަމާޒުކަމުގައި ވެފައި ވަނީ މި ޕްރޮޖެކްޓްގެ ދަށުން މާލެ ސަރަހައްދު (މާލެ، ހުޅުމާލެ، ހުޅުލެ، ވިލިނގިލި އަދި ތިލަފުށި) އަދި މިސަރަހައްދުގައި ހިމެނޭ ރިސޯޓްތަކުން ކުނި ނައްތާލުމަށް ދެވޭ ޚިދުމަތާއި ޚިދުމަތްދިނުމަށް ބޭނުންކުރާ އިންފްރާސްޓަރަކްޗާގެ ފެންވަރު ރަނގަޅު ކުރުމުވެ،"
އެ ޕްރޮޖެކްޓް ހަވާލު ކުރާ ފަރާތުން ކުނި ބަލައިގަތުމާއި، އުފުލުމާއި، ޓްރީޓް ކުރުމާއި ނައްތާލުމުގެ މަސައްކަތް ކަނޑައަޅާ ގޮތަށް ކުރިއަށްގެންދިއުމުގެ ޒިންމާ އުފުލަން ޖެހޭނެ ކަމަށް އެމިނިސްޓްރީން ބުންޏެވެ.