27 Mar 2011, 13:28
ސިވިލް ކޯޓުގެ އިސް ގާޒީ އަލީ ސަމީރު ހައި ކޯޓްގެ ބެންޗުގައި ހިމެނިވަޑައިގަތުމާ ގުޅިގެން އެ ކޯޓް ވަގުތީ ގޮތުން ހިންގެވުން ސިވިލް ކޯޓުގެ ގާޒީ އާއިޝާ ސުޖޫން މުހައްމަދާ ސުޕްރީމް ކޯޓުން މިއަދު ހަވާލުކޮށްފި އެވެ.
ސިވިލް ކޯޓުގެ މީޑިޔާ އޮފިޝަލް ވިދާޅުވީ އިސް ގާޒީއަކު އެ ކޯޓުގައި ނެތުމުން ކޯޓް ހިންގުން ވަގުތީ ގޮތުން ގާޒީ ސުޖޫންއާ ހަވާލު ކުރީ މިއަދު ކަމަށެވެ. އަދި ގާޒީ ސުޖޫންއާ ކޯޓު ހަވާލު ކުރީ ސުޕްރީމް ކޯޓުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސުޖޫނަކީ ރާއްޖޭގެ ކޯޓަކަށް އައްޔަން ކުރި ފުރަތަމަ އަންހެން ފަނޑިޔާރުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ.
ސުޖޫންއާ ކޯޓު ހަވާލު ކުރި ނަމަވެސް އެ ކޯޓުގައި މިއަދު ކުރިއަށް ގެންދަނީ ވަރަށް މަދު މައްސަލައެކެވެ. މީގެ ކުރިން ސިވިލް ކޯޓުގައި ޖުމްލަ ނުވަ ފަނޑިޔާރަކު ތިއްބެވިއިރު މިއަދު ކޯޓުގައި ތިއްބެވީ އެންމެ ތިން ފަނޑިޔާރުންނެވެ. އެއީ އިސް ގާޒީ ހައި ކޯޓަށް ބަދަލު ކުރުމާ ގުޅިގެންނާއި ގާޒީ މުހައްމަދު ނައީމް ޖުވެނައިލް ކޯޓަށް ބަދަލު ކުރުމާ ގުޅިގެންނާއި ދެ ފަނޑިޔާރުން ޗުއްޓީގައި ތިއްބެވުމުގެ އިތުރަށް އެހެން ދެ ފަނޑިޔާރަކު ރާއްޖެ އިން ބޭރުގައި ކޯހެއްގައި ތިއްބެވުމުންނެވެ.