20 Apr 2010, 10:19
ތައިލެންޑްގެ ވެރިރަށް ބެންކޮކްގެ ވިޔަފާރީގެ މައި މަރުކަޒު ކުރިމަތީގައި މުޒާހަރާކުރަމުންދިޔަ އިދިކޮޅު ފަރާތްތަކުގެ މުޒާހަރާ ރޫޅާލުމަށް އެގައުމުގެ ސިފައިން ހަތިޔާރާއެކު ނުކުމެއްޖެ އެވެ.
ބެންކޮކްގައި ހަރަކާތްތެރިވާ އަލްޖަޒީރާގެ ނޫސްވެރިޔަކު ބުނެފައި ވަނީ ބެންކޮކްގެ ވިޔަފާރީގެ މައި މަރުކަޒު ކައިރީގައި މުޒާހަރާ ކުރާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ކުރިން ވެސް ބުނެފައިވާ ކަމަށާއި އެފަރާތްތަކުގެ މުޒާހަރާ އެންމެ ބޮޑަށް އަމާޒުކޮށްފައި ވަނީ ބެންކޮކްގެ ބޭންކަށް ކަމަށެވެ.
ނަމަވެސް ތައިލެންޑްގެ ސަރުކާރުން ވަނީ މުޒާހަރާކުރަން އެސަރަހައްދަށް ނުކުތުން އިދިކޮޅު ފަރާތްތަކަށް މަނާކޮށްފަ އެވެ. އަދި އެސަރަހައްދުގައި މުޒާހަރާކޮށްފިނަމަ އިދިކޮޅު ފަރާތްތަކަށް ބޮޑެތި އަދަބު ދޭނެ ކަމަށް ބުނެ ތައިލެންޑްގެ ސަރުކާރުން ވަނީ ކުރިން ވެސް އެފަރާތްތަކަށް އިންޒާރު ދީފަ އެވެ.
މީޑިއާއަށް މައުލޫމާތު ދިން ސިފައިންގެ މީހަކު ބުނެފައި ވަނީ މުޒާހަރާ ކުރަމުންދިޔަ ފަރާތްތަކުން ވިޔަފާރީގެ މަރުކަޒާ ދިމާއަށް މިސްރާބު ޖެހުމާއެކު އެފަރާތްތައް ހުއްޓުވާފައިވާ ކަމަށާއި ހަތިޔާރު އަޅައިގެން ނުކުންނަން ޖެހުނީ މުޒާހަރާ ތެރޭގައި ފޮރުވިގެން ތިބި ޓެރަރިސްޓުންގެ ހަމަލާއަކުން ދިފާއުވުމަށް ކަމަށެވެ. އަދި ހަތިޔާރު އަޅައިގެން ތިއްބަސް އާންމުންނަށް ހަމަލާނުދޭ ކަމަށާއި ސިފައިންގެ ޒިންމާ އަކީ އިދިކޮޅު ފަރާތްތައް ފަހަތަށް ޖެއްސުން ކަމަށްވާއިރު އެޒިންމާ ރަނގަޅަށް އަދާކޮށްފައިވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
ތައިލެންޑްގެ ބޮޑުވަޒީރު އަބީސީތް ވެޖަޖީވާގެ ސަރުކާރު ވައްޓާލުމަށް އެގައުމުގެ އިދިކޮޅު ފަރާތްތަކުން މުޒާހަރާކުރަމުންދާތާ މިހާރު މަހަކަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ.