ދިގު މުއްދަތުން ފައިސާ ދައްކާ ގޮތަށް ފިޝަރީޒު މިނިސްޓްރީ އިން ދޫކޮށްފައިވާ އޮޑިދޯނި ފަހަރުތަކުގެ ތެރެއިން، ދައުލަތަށް ފައިސާ ނުދައްކައި ހުރި ފަރާތްތަކުން އެ ފައިސާ ދެއްކުމަށް ފިޝަރީޒް މިނިސްޓްރީން އަންގައިފި އެވެ.

އެ ދޯނިފަހަރުތަކަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި މަސްވެރިކަން ކުރުމަށް އާންމު ފަރާތްތަކަށް 1997 ވަނަ އަހަރުން ފެށިގެން 2002 ވަނަ އަހަރުގެ ނިޔަލަށް ހިންގި މަސް ދޯނި ދޫކުރުމުގެ ޕްރޮގުރާމުގެ ތެރެއިން ދޫކޮށްފައިވާ ދޯނިފަހަރުތަކެ ކެވެ. އެ ދޯނިފަހަރުތައް ދޫކޮށްފައި ވަނީ 10 އަހަރު ދުވަހުން އަގުދައްކާ ހަލާސް ކުރާ ގޮތަށެވެ.

މިިދިޔަ އަންގާރަ ދުވަހު ފިޝަރީޒު މިނިސްޓްރީ އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އެގޮތަށް ދޯނިފަހަރު ނަގާފައިވާ ފަރާތްތަކުގެ ތެރެއިން ދައުލަތަށް ބަރާބަރަށް ފައިސާ ދައްކަމުން ނުދާ ފަރާތްތަކުން އަންނަ މަހުގެ އަށް ވަނަ ދުވަހުގެ ކުރިން ފިނޭންސް މިނިސްޓްރީ އަށް ފައިސާ ދެއްކުމަށް އެދޭ ކަމަށެވެ. އަދި އެގޮތަށް އެފަރާތްތަކުން އަމަލު ނުކޮށްފި ނަމަ ދޯނިފަހަރު ދޫކޮށްފައިވާ ފަރާތްތަކާއި ދައުލަތާއި ދެމެދު ވެފައިވާ އެއްބަސްވުމުގައި ބުނެފައިވާ ގޮތަށް ދައުލަތުން އަމަލުކުރަން ފަށާނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.

ދިގު މުއްދަތުގައި އަގު ދައްކައި ނިންމާ ގޮތަށް ފިޝަރީޒު މިނިސްޓްރީ އިން ދޫކުރި މަސްދޯނިފަހަރުގެ އަގުގެ ގޮތުގައި ދައުލަތަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަށް ދަތިތަކާ ކުރިމަތިވަމުންދާ ފަރާތްތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން 2009 ވަނަ އަހަރު ދޯނީގެ އަގުގެ 50 ޕަސެންޓް ދައްކަވާފައިވާ ފަރާތްތަކަށް މަސްވެރިކަން ނޫން އެހެން ބޭނުންތަކަށް ދޯނި ބޭނުންކުރުމުގެ ފުރުސަތު ސަރުކާރުން ވަނީ ދީފަ އެވެ. ހަމައެއާ އެކު ދޯނީގެ އަގުއަދާކުރުމަށް ދަތިވާ ފަރާތްތަކަށް، އެފަދަ ފަރާތްތަކާއި ފިޝަރީޒު މިނިސްޓްރީއާ ދެމެދު ވެފައިވާ އެއްބަސްވުން އެހެން ފަރާތަކަށް ބަދަލުކުރުމުގެ ފުރުސަތާއި ދޯނީގެ އަގަށް މިހާރު ނުދެއްކިވާ ޖުމުލަ އަދަދު ދެއްކޭނެ މުއްދަތެއް ދިނުމުން އެ މުއްދަތަކީ ސަރުކާރުން ގަބޫލުކުރެވޭ މުއްދަތަކަށްވާ ނަމަ އެގޮތަށް އެފަދަ ފަރާތާއި އެ މިނިސްޓްރީއާ ދެމެދު ވެފައިވާ އެއްބަސްވުން އިސްލާހުކޮށް ދިނުމުގެ ފުރުސަތު ވެސް 2010 ވަނަ އަހަރު ސަރުކާރުން ވަނީ ދީފަ އެވެ. ފިޝަރީޒު މިނިސްޓްރީ އިން ބުނީ މިހާރު ފައިސާ ދެއްކުމަށް އަންގާފައި އެ ވަނީ އެފަދަ އެއްވެސް ފުރުސަތެއްގެ ބޭނުން ހިފައިފާ ނުވާ އަދި ގަވާއިދުން ދައުލަތަށް ފައިސާ ނުދައްކައިވާ ފަރާތްތައް ކަމަށެވެ.