ސްޓްރާސްބާގް، ފްރާންސް: ޔޫރަޕްގެ ގައުމުތަކަށް މިހާރު ހިޖްރަކުރަމުން ގެންދާ ރެފިއުޖީންނަށް ދެރަގޮތެއް ވިޔަ ނުދިނުމަށް ސްޕެއިންގެ ރަސްގެފާނު ފެލިޕޭ VI ޔޫރަޕްގެ ރައްޔިތުންނަށް ގޮވާލައްވައިފި އެވެ.

ސްޓްރާސްބާގުގައި ކުރިއަށްދާ ޔޫރަޕިއަން ޕާލަމެންޓުގައި ތަގުރީރުކުރައްވަމުން ރަސްގެފާނު ފެލިޕޭ ވިދާޅުވީ، އެތަކެއް ހާސް ރެފިއުޖީން ޔޫރަޕަށް ހިޖްރަކުރަމުން ދަނީ، އެ ސަރަހައްދަކީ ރައްކާތެރިކަމާއި އަމާންކަން ލިއްބައިދޭނޭ، އަދި ހަމަޖެހުމާއި އަދުލުއިންސާފު ލިބޭނޭ ތަނެއްގެ އުންމީދުގައި ކަމަށެވެ.

"އެބައިމީހުން [ހިޖްރަކުރާ މީހުން]ނަށް ދެރަގޮތެއް ވިޔަ ދީގެން ނުވާނެ. އަޅުގަނޑުމެން އެމީހުން މާޔޫސްވިޔަ ދީގެން ނުވާނެ. އަޅުގަނޑުމެން ދީލަތިވާން ޖެހޭ،" އީޔޫ ޕާލިމަންޓުގައި ސްޕެއިންގެ ރަސްގެފާނު ފެލިޕޭ ދެއްވި 30 މިނިޓްގެ ތަގުރީރުގައި ވިދާޅުވިއެވެ.

ރަސްގެފާނު ވިދާޅުވީ، ޔޫރަޕަށް ހިޖްރަކުރާ ފަރާތްތަކަށް ޒިންމާދާރު ކަމާއެކު ޔޫރަޕްގެ ގައުމުގެ އެއްބައިވަންތަކަން ދައްކުވައިދޭން ޖެހޭ ކަމަށެވެ.

އުތުރު އެފްރިކާގެ ގައުމުތަކުން ސްޕެއިންއަށް ހިޖްރަކުރާ ރެފިއުޖީން ހުއްޓުވުމަށް، މެޑިޓަރޭނިއަން އަށް ވާގޮތަށް އޮންނަ ސްޕެއިންގެ ސީޓާ އާއި މެލީލާގައި ފެންސްތައް ޖަހާފައި ވާއިރު ރަސްގެފާނު ފެލިޕޭ ވިދާޅުވީ، ރެފިއުޖީންނާ މުއާމަލާތުކުރާނޭގޮތް ޔޫރަޕްގެ ގައުމުތަކަށް ހިއްސާކުރުމަށް ސްޕެއިން ތައްޔާރަށް އޮތްކަމަށެވެ.

"އަޅުގަނޑުމެން މަސައްކަތްކުރާން ޖެހޭނީ، ޔޫރަޕްގެ އިއްތިހާދު އެކުގައި،" ރެފިއުޖީންގެ ކަންތަކުގައި ޕެރިހާއި، ބާލިން އަދި ބްރަސެލްސްއިން ގެންގުޅޭ އުސޫލުތައް ފާހަގަކުރައްވައި ސްޕެއިންގެ ރަސްގެފާނު ވިދާޅުވިއެވެ.

ސްޓްރާސްބާގުގައި އީޔޫގެ ވެރިން މިހާރުކުރިއަށް ގެންދާ ބައްދަލުކުރެއްވުމުގައި ޖަރުމަނުގެ ޗާންސެލާ އެންޖެލާ މާކެލްއާއި ފްރާންސްގެ ރައީސް ފްރާންސްއާ އޮލާންޑް، ޖޮއިންޓް ސްޓޭޓްމަންޓެއް ދެއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.

މިއީ 1989ގެ ފަހުން ޖަރުމަނާއި ފްރާންސްގެ ވެރީން އީޔޫ ޕާލަމެންޓުގައި މިގޮތަށް ދެއްވާ ފުރަތަމަ ޖޮއިންޓް ސްޓޭޓްމަންޓެވެ. މީގެ ބޭނުމަކީ، ހިޖްރަކުރާ މީހުންގެ މައްސަލައިގައި ޔޫރަޕްގެ ގައުމުތަކުގެ މެދުގައި އިންތިހާއަށް ހިޔާލުތަފާތުވުން އުފެދިފައިވާ މި ދަނޑިވަޅުގައި ގައުމުތަކުގެ އެއްބައިވަންތަކަން ދައްކުވައި ދިނުމެވެ.

މައުލޫމާތު: ފްރާންސް24