27 Mar 2011, 12:43
ސާކް ޤައުމުތަކަށް އިތުރު ކުރިއެރުން ގެނެސް ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދައި ދިނުމަށް އިތުރު މަސައްކަތްތައް ކުރަންޖެހިފައިވާކަން ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ބަންގްލަދޭޝްގެ 40 ވަނަ މިނިވަން ދުވަހާއި ޤައުމީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، ރޭ މާލޭގައި ބޭއްވި ހާފްލާއެއްގައި ބައިވެރިވެވަޑައިގެން ރައީސް ނަޝީދު ވިދާޅުވީ ބަންގުލަދޭޝް އާއި ރާއްޖެއާ ދެމެދު ގާތް ރަޙްމަތްތެރިކަމެއް އޮންނަ ކަމަށެވެ. ތަރައްޤީގައި މި ސަރަޙައްދުގެ ޤައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރަންޖެހޭ ކަމަށާއި ސާކް ޤައުމުތައް، އިތުރު ކުރިއެރުން ހޯދުމަށް ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދައިދޭންޖެހޭ ކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝޭޚް ޙަސީނާ، ބައިނަލްއަޤްވާމީ ފެންވަރުގައި އެކި ރޮނގުރޮނގުން ކުރައްވާ މަސައްކަތްތަކުގެ މައްޗަށް ބައްލަވާލައްވާ، ތިމާވެށީގެ ރޮނގުން ދެކުނު އޭޝިޔާގެ ޤައުމުތަކަށް އެކަމަނާ ހޯއްދަވައިދެއްވެވި ކުރިއެރުން ފާހަގަކުރެއްވި އެވެ.
ބަންގްލަދޭޝްގެ މިނިވަން ދުވަހާއި ޤައުމީ ދުވަސް ފާހަގަކުރަނީ މާޗް މަހުގެ 26 ވަނަ ދުވަހުއެވެ.