ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ރޭ ހަމަވުމާ އެކު އެ ކޯޓުގައި ހުއްޓިފައި ހުރި މައްސަލަތައް ވަރަށް އަވަހަށް ކުރިއަށް ގެންދަވާނެ ކަމަށް އެ ކޯޓުގެ އިސް ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

އިސް ފަނޑިޔާރު ވިދާޅުވީ ހައި ކޯޓަށް އަލަށް ހުވާ ކުރެއްވި ފަނޑިޔާރުން މިއަދު ކޯޓަށް ވަޑައިގެންފައިވާ ކަމަށެވެ. އަދި މިހާތަނަށް މައްސަލަތައް ފަނޑިޔާރުންނާ ހަވާލުކޮށްފައި ނުވި ނަމަވެސް ހައި ކޯޓުގައި ހުއްޓިފައި ހުރި މައްސަލަތައް ވަރަށް އަވަހަށް ކުރިއަށް ގެންދަވާނެ ކަމަށް އިސް ފަނޑިޔާރު ވިދާޅުވި އެވެ.

"ވީހާ ވެސް އަވަހަކަށް އެ މައްސަލަތައް ކުރިއަށް ގެންދާނަން. އަދި މިއަދު ފަނޑިޔާރުން އެ ނުކުންނެވީ. އަދި މައްސަލަތައް ހަވާލެއް ވެސް ނުކުރަން. އެކަމަކު ހުއްޓިފައި ހުރި މައްސަލަތައް ކުރިއަށް ގެންދިއުން އަޅުގަނޑުމެން އެންމެ މުހިންމު ކަމެއް ކަމަށް ބަލާނީ،" އިސް ފަނޑިޔާރު ވިދާޅުވި އެވެ.

ހައި ކޯޓުގެ ދެ ފަނޑިޔާރަކު މިދިޔަ އަހަރުގެ އޮގަސްޓް މަހު ސުޕްރީމް ކޯޓަށް ބަދަލު ކުރުމާ ގުޅިގެން އެ ކޯޓުގައި މިއަދާ ޖެހެންދެން ތިއްބެވީ އެންމެ ތިން ފަނޑިޔާރުންނެވެ. އެކަމަކު ކޯޓުތަކުގެ ގާނޫނު ބުނާ ގޮތުން ހައި ކޯޓުގައި ނުވަ ފަނޑިޔާރުން ތިއްބަވަން ޖެހެ އެވެ.

ފަނޑިޔާރުން މަދުވުމާ ގުޅިގެން ހައި ކޯޓަށް ހުށަހަޅާފައިވާ ވަރަށް މުހިންމު މައްސަލަތަކެއް ވަނީ ހުއްޓިފަ އެވެ. އޭގެ ތެރޭގައި އެތައް މިލިއަން ރުފިޔާއެއްގެ ވިޔަފާރީގެ މައްސަލަތައް ވެސް ހިމެނެ އެވެ.