ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނާޒިމާއި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމްގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ ހިންމަފުށީ ޖަލުގައި އުޅުއްވާ "ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓު"ން އެއްޗިހި ތަކެއް ފެނިއްޖެ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު މޫސާ ޒަމީރު މިރޭ ސަން އަށް ވިދާޅުވީ އެ ޔުނިޓު ބަލައި ފާސްކުރުމުން އެއްޗިހިތަކެއް ފެނިފައިވީ ނަމަވެސް އެކަމުގެ ތަފްސީލު މިވަގުތު ހާމަކުރެވެން ނެތް ކަމަށެވެ.

"އެތަނުން ފެނުނީ ކޯއްޗެއްކަމެއް މިވަގުތު ހާމަކުރެވެން ނެތް،" މޫސަ ވިދާޅުވި އެވެ.

ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު 25 އަހަރަށް ޖަލަށްލާފައި ވަނީ ދައުލަތުން އޭނާގެ މައްޗަށް އުފުލި ސަރުކާރުގެ ފައިސާ އިން މަކަރާއި ހީލަތް ހެދުމުގެ ދައުވާ ސާބިތުވުމުންނެވެ.

ކާނަލް ނާޒިމް 11 އަހަރަށް ޖަލަށްލާފައި ވަނީ ދައުލަތުން އޭނާގެ މައްޗަށް އުފުލި ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރެކޮށް ގެންގުޅުމުގެ ކުށުގެ ދައުވާ ސާބިތުވެގެންނެވެ.

އަދާލަތު ޕާޓީގެ ރައީސް އިމްރާން ޖަލަށްލާފައި ވަނީ ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް ނިންމައި ހުކުމް ކުރެވެންދެނެވެ. އޭނާގެ ޝަރީއަތް އަވަސްކޮށްދިނުމަށް ޕްރޮސިކިއުޓާ ޖެނެރަލާއި އޭނާގެ ގާނޫނީ ޓީމުން ކްރިމިނަލް ކޯޓުގައި އެދުނުތާ ގިނަ ދުވަސްތަކެއް ވެގެންދިޔައިރު ވެސް އެ މައްސަލައިގެ ޝަރީއަތްތައް ކުރިއަށްގެންގޮސްފައެއް ނުވެ އެވެ.