ތުއްތު ކުދިންނަށް ދިމާވާ "ޕާމެނަންޓް މޫވްމެންޓް ޑިސްއޯޑާ" ނުވަތަ "ސެރެބްރަލް ޕަލްސީ" (ސީޕީ) ޖެހިފައިވާ ކުދިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހާއްސަ ހަވީރެއް ބާއްވައިފި އެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ފިިޒިކަލް ޑިސްއެބިލިޓީ (އެމްއޭޕީޑީ) އާއި ދިރާގާ ގުޅިގެން މިއަދު ހަވީރު ބޭއްވި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ ސޯޝަލް ސެންޓަރުގައެވެ.

މިއަދު ކުރިއަށް ގެންދިޔަ ހަވީރުގައި ވަނީ އެކި ވައްތަރުގެ ތަފާތު ސްޓޯލްތަކެއް ހުޅުވާފައެވެ. އެގޮތުން ސީޕީ އާ ބެހޭގޮތުން މައުލޫމާތު ފޯރުކޮށްދިނުމާއި، ކުޅިވަރުތައް ކުޅޭ ސްޓޯލްތައް ހިމެނެއެވެ.

ސްޓޯލްތައް ހުޅުވުމުގެ ކުރިން 100 މީޓަރުގެ ވީލް ޗެއާ ރޭހެއް ވަނީ މިއަދުގެ ހަވީރުގައި ކުރިއަށް ގެންގޮސްފައެވެ. އޭގެ އިތުރުން 100 މީޓަރުގެ ދުވުމުގެ ރޭހެއްވެސް ވަނީ މިއަދު ބާއްވާފައެވެ.

ދުނިޔޭގެ ސީޕީގެ ދުވަސް ރާއްޖޭގައި ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ހަވީރުގައި ސެރެބްރަލް ޕަލްސީ އާ ބެހޭގޮތުން ބެލެނިވެރިންނާއި އެހެން ފަރާތްތަކުން އިތުރަށް ހޭލުންތެރި ކުރުމަށް ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފަައެވެ. އެގޮތުން މައުލޫމާތު ދިނުމަށް ސެޝަންތަކެއް ވަނީ މިއަދު ބާއްވާފައެވެ.

ސެރެބްރަލް ޕަލްސީ އަކީ އިންސާނާގެ ހަރަކާތްތައް ކޮންޓްރޯލް ކުރުމަށް ޒިންމާވާ ސިކުނޑީގެ ބައިގެ ހެދިބޮޑުވުމަށް ހުރަސް އެޅުމުން ދިމާވާ ނުކުޅެދުންތެރި ކަމެކެވެ. ސީޕީގެ އަސަރު އާންމުކޮށް ދިމާވަނީ ދަރިފުޅު ވިހެއުމުގެ ތެރޭގައެވެ. އަދި ދަރިފުޅު ވިހެއުމުގެ އިރުކޮޅެއް ފަހުންވެސް އޭގެ އަސަރު ކުރެއެވެ.

އެ ބަލި ޖެހުމަށް މެދުވެރިވާ ސަބަބެއް އެނގިފައެއް ނުވެއެވެ، ނަމަވެސް ރިސްކް ފެކްޓަރުގެ ތެރޭގައި އެއްމާބަނޑު ދެކުދިން ވިހެއުމާއި ދުވަސް ނުފުރާ ވިހެއުން ހިމެނެއެވެ.