ވިޔަފާރިވެރިންގެ ޖަމިއްޔާއިން އިން އިންތިޒާމުކުރާ ނައިޓް މާކެޓް ބާއްވާނެ ތަނަކާއި އުސޫލުތަކާ މެދު އެ ޖަމްއިއްޔާ އާއި މާލޭ ސިޓީ ކައުންސިލާ ދެމެދު ދެބަސްވެފައި ވަނިކޮށް މާކެޓްގައި ބައިވެރިވުމަށް އެދޭ ފޯމު ދޫކުރަން ފަށައިފި އެވެ.

ވިޔަފާރިވެރިންގެ ޖަމިއްޔާގެ ހަޒާންދާރު އަހުމަދު އަދީބު މިއަދު ވިދާޅުވީ ވިޔަފާރިވެރިންގެ އެދުމުގެ މަތިން ނައިޓް މާކެޓްގައި ބައިވެރިވުމަށް އެދޭ ފޯމް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ދޫކުރަން ފަށާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ފޯމް ދޫކުރަން މި ފެށީ ވިޔަފާރިންގެ އެދުމުގެ މަތިން. އެއީ މިހާރު ފޯމް ދޫކުރީމަ އިދާރީ ގޮތުން ކުރަން ޖެހޭ ކަންތައްތައް ހަމަޖެހޭނީ،" އަދީބު ވިދާޅުވި އެވެ.

ފޯމް ދޫކުރަން ފެށި ނަމަވެސް ނައިޓް މާކެޓްގައި ބައިވެރި ވުމުގެ ފީ ނަގާނީ ނައިޓް މާކެޓް ބާއްވާނެ ދުވަހެއް ފައިނަލް ވުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮންމެ އަހަރެއްގެ މިނިވަން ދުވަހާ ދިމާކޮށް އަހަރަކު އެއްފަހަރު ބާއްވާ ނައިޓް މާކެޓް މި އަހަރުގެ ޖޫން މަހުގެ ފަހުކޮޅު ބޭއްވުމަށް ވިޔަފާރިވެރިންގެ ޖަމިއްޔާ އިން ނިންމާފައިވީ ނަމަވެސް ނައިޓް މާކެޓް ބާއްވާނޭ ސަރަހައްދަކާއި އަދި އުސޫލުތަކާ މެދު މާލޭ ސިޓީ ކައުންސިލާއި ވިޔަފާރިވެރިންގެ ޖަމިއްޔާ އާ ދެމެދު ވަނީ ހިޔާލުތަފާތުވުން އުފެދި އެވެ. އެ ހިޔާލު ތަފާތުވުންތަކުގެ ސަބަބުން ނައިޓް ބާއްވާނެ ވަކި ތާރީހެއް އަދި ވަނީ ފައިނަލް ނުވެ އެވެ.