ވޯލްޑް ކަޕް ކޮލިފައިންގެ އޭޝިއާ ޒޯންގެ ގްރޫޕް 'ސީ' ގައި މާދަމާ ރާއްޖެއާ ބޫޓާން ބައްދަލު ކުރާއިރު ގްރޫޕްގައި ދެޓީމުވެސް އޮތީ ޕޮއިންޓްގެ ގޮތުން ހަމަހަމަކޮށް ކަމަށާއި އެހެންކަމުން މާދަމަގެ މެޗްގައި ފޯރިގަދަ ކުޅުމެއް ފެނިގެންދާނެ ކަމަށް ރާއްޖޭގެ ކޯޗް ރިކީ ހާބަޓް ބުނެފިއެވެ.

މާދަމާއަކީ ހާބަޓްގެ އިރުޝާދުގެ ދަށުން ގައުމީ ޓީމު ކުޅޭ ފުރަތަމަ މެޗެވެ.

މެޗްގެ ކުރިން މީޑިއާގައި ވާހަކަދައްކަމުން ހާބަޓް ބުނީ، ރާއްޖޭގެ ކޯޗްކަމާ އޭނާ ހަވާލުވެ މުޅި ޓީމު އެއްކޮށް ޕްރެކްޓިސް ކުރެވުނީ އިއްޔެ އެކަނިކަމަށާއި އަދިވެސް ޓީމު ކުޅުންތެރިންގެ ކުޅުން ދެނަގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ހާބަޓް ބުނީ، ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ހުރިހާ ގައުމަކުންވެސް ވަރުގަދަ ކުޅުމެއް ދައްކަމުން އަންނަކަމީ ޝައުގުވެރިވާ ކަމެއް ކަމަށާއި ރާއްޖެއިން އައީ ބޫޓާނަށް އިހްތިރާމް ކުރުމާއެކު މާދަމާގެ މެޗުން ރަނގަޅު ނަތީޖާއެއް ހޯދުމުގެ ވިސްނުމުގައި ކަމަށެވެ.

"މާދަމާގެ މެޗްގެ އެންމެ މުހިންމު ކަމަކީ ބައިނަލްއަގުވާމީ މެޗެއް ކަމުގައިވުން. އަހަރެމެން މިތަނަށް އައީ ވަރުގަދަ ކުޅުމެއް ދައްކައި ބަލާހިތްވާ ކަހަލަ ގޭމެއް ކުޅެން. އިދިކޮޅު ޓީމަށް އަހަރެން ފުރިހަމައަށް އިހްތިރާމް ކުރަން،" ހާބަޓް ބުންޏެވެ.

މާދަމާ މެޗަށް ނިކުންނައިރު ބޫޓާނާ އެއް ހަމައެއްގައި އޮތްކަން ރާއްޖެއިން ގަބޫލު ކުރަން ޖެހޭ ކަމަށާއި މާދަމާގެ މެޗުން މޮޅުވާ ޓީމެއް އެއީ މޮޅު ޓީމު ކަމަށެވެ. އެހެންވެ ރާއްޖެއިން ބޫޓާނަށް އައީ މޮޅުވާން ކަމަށް ކޯޗު ބުންޏެވެ.

މާދަމަގެ މެޗަށް ނިކުންނައިރު ރާއްޖެއާ ބޫޓާން މިހާތަނަށް ބައްދަލު ކުރި ހަ މެޗްގެ ތެރެއިން ރާއްޖެ ވަނީ ފަސް މެޗުން މޮޅުވެފައެވެ. އަނެއް މެޗް ނިމުނީ އެއް ވަރުވެގެންނެވެ.

ރާއްޖެއިން މިހާތަނަށް ބޫޓާން ކޮޅަށް 21 ލަނޑު ޖަހާފައިވާއިރު ބޫޓާނަށް ރާއްޖޭގެ ގޯލަށް ވައްދާލެވިފައި ވަނީ އެންމެ ދެ ލަނޑެވެ.