07 Oct 2015, 19:49
މައިކްރޯސޮފްޓުން މި ޖުލައި މަހުގައި ނެރުނު ވިންޑޯސް 10 އޮޕަރޭޓިން ސިސްޓަމް މިހާތަނަށް 110 މިލިއަން ޑިވައިސް އަކަށް އިންސްޓޯލްކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
މައިކްރޯސޮފްޓުން އިއްޔެ ނިއު ޔޯކްގައި ބޭއްވި އިވެންޓުގައި އެ ކުންފުނިން ހާމަ ކުރި ގޮތުގައި ޖުލައި މަހުގެ 29ގައި ރިލީޒް ކުރި ވިންޑޯސް 10 މިހާރު 110 މިލިއަން ޑިވައިސް އަށް އަޅާފައިވާއިރު އެ ކުންފުނީގެ ސްޓޯރަށް 1.25 ބިލިއަން ވިއުސް ލިބިފައިވާ ކަމަށެވެ.
ވިންޑޯސް 10ގެ ލޯންޗާ އެކު ކޮންމެ މަހަކު އެ ކުންފުނީގެ ރީޓެއިލް ސޭލް އަންނަނީ ކުރީ މަހުގެ އަދަދަށްވުރެ ބޮޑުތަން އިތުރު ވަމުން ކަމަށް މައިކްރޯސޮފްޓުން ބުންފައިވެއެއެވެ.
އާ އޮޕަރޭޓިން ސިސްޓަމް ރިލީޒް ކުރުމާއެކު މައިކްރޯސޮފްޓްގެ "ޕާސަނަލް އެސިސްޓެންޓް" ކޯޓާނާ ބޭނުން ކުރާ އަދަދު ދުވަހެއް ދުވަހަކަށް އިތުރު ވަމުން އަންނަ އިރު ވިންޑޯސް10ގައި ހިމެނޭ ބްރައުޒާ "މައިކްރޮސޮފްޓް އެޖް" ބޭނުން ކުރާ ވަރު ވެސް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން ވިންޑޯސް 10 ރިލީޒް ކުރެވުނު ފަހުން އެއް ބިލިއަން ސުވާލު ވަނީ ކޯޓާނާ އާ ކުރެވިފައެވެ. އަދި އެޖް ބްރައުޒާ ވަނީ މިވީ ދެ މަސްތެރޭގައި 650 ބިލިއަން ޕޭޖް ވިއުސް ހޯދާފައެވެ.
ބިޒްނަސް ޕީސީތަކުގެ ތެރެއިން އަށް މިލިއަން ޕީސީއެއް މިހާރު މަސައްކަތް ކުރަނީ ވިންޑޯސް10 ބޭނުންކޮށްގެން ކަމަށްވެސް މައިކްރޮސޮފްޓުން ބުނެފައިވެ އެވެ.