މައިކްރޯސޮފްޓުން އަންގާރަ ދުވަހު ނިއު ޔޯކްގައި ބޭއްވި ބޮޑު އިވެންޓުގައި ގިނަ ބަޔަކަށް އެންމެ ބޮޑު ހައިރާންކަމެއްލިބުނު ޕްރޮޑަކްޓަކަށްވީ އެކުންފުނިން ތައާރަފްކުރި އާ "ސާފޭސް ބުކް" އެވެ. އެއްވެސް ވަރަކަށް މި ޕްރޮޑަކްޓްގެ ވާހަކަ ދެކެވިފައި ނުވާ، އާންމުންނަށް ދައްކާލި އާ "ސާފޭސް ބުކް" އަކީ މައިކްރޯސޮފްޓް ކުންފުނީގެ ފުރަތަމަ ލެޕްޓޮޕެވެ.

އިއްޔެ ނިއު ޔޯކްގައި ބޭއްވި މައިކްރޯސޮފްޓް އިވެންޓުގައި އެ ކުންފުނިން ދައްކާލާފައިވާ ލެޕްޓޮޕަކީ މިހާރު މާކެޓުގައި ހުރި އެންމެ ވަރުގަދަ ލެޕްޓޮޕްތަކާ ވެސް ވާދަކުރެވޭ ފެންވަރަށް ތައްޔާރުކޮށްފައިވާ ލެޕްޓޮޕެއް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އިއްޔެގެ އިވެންޓުގައި މައިކްރޯސޮފްޓްގެ ކޯޕަރޭޓް ވައިސް ޕްރެޒިޑެންޓް ޕަނޯސް ޕެނޭ، ސާފޭސް ބުކް އާ ބެހޭގޮތުން މައުލޫމާތު ދެމުން ގޮސް އާންމުން އިތުރަށް ސިއްސުވާލީ އޭގެ ސްކްރީން، ކީބޯޑުން ވަކި ކޮށްލުމާއެކު އެވެ. ސާފޭސް ބުކް އަކީ ޓެބްލެޓް އެއްގެ ގޮތުގައިވެސް ބޭނުން ކުރެވޭނެ މެޝިނެކެވެ.

މައިކްރޮސޮފްޓް "ސާފޭސް ބުކް" އަކީ ސްކްރީން ވަކި ކޮށްލުމަށްފަހު ޓެބްލެޓެއްގެ ގޮތުގައިވެސް ބޭނުން ކުރެވޭ ޑިވައިސް އެއް--- ފޮޓޯ: ވިންޑޯސް ސެންޓްރަލް

"ސާފޭސް ލައިންގެ ފުރަތަމަ ލެޕްޓޮޕަކީ މިހާތަނަށް ދުނިޔޭގައި އުފެއްދި އެންމެ އަވަސް 13 އިންޗީގެ ލެޕްޓޮޕް. އިންޓެލްގެ ސިކްސްތު ޖެނެރޭޝަންގެ ޕްރޮސެސާ ހިމެނޭ މި ލެޕްޓޮޕަކީ މެކްބުކް އަށްވުރެ ދެ ގުނަ އަވަސް ލެޕްޓޮޕެއް،" ޕެނޭ ވިދާޅުވިއެވެ.

ލެޕްޓޮޕްގެ ރޭމްގެ މެމަރީ 16 ޖީބީއާ ހަމައަށް ބޮޑު ކުރެވޭ ސާފޭސްގެ ލޯކަލް ސްޓޯރޭޖުވެސް އެއް ޓީބީގެ ވޭރިއެންޓާ ހަމައަށް ލިބޭނެ އެވެ. "ޕިކްސެލް ސެންސް" ހިމެނޭ 13.5 އިންޗީގެ ޓަޗް ސްކްރީން އަކީ 3000X2000 ގެ ރެޒޮލިއުޝަން އެއް ހިމެނޭ ސްކްރީނެކެވެ.

ޖުމްލަ އަށް މެގަ ޕިކްސެލްގެ ރިއަ ވިއު ކެމެރާއަކާއި ފަސް މެގަޕިކްސެލްގެ ފްރަންޓް ކެމެރާއެއް އިންނަ އިރު އެ ކެމެރާގެ އެހީގައި ވިންޑޯސް ހެލޯ ބޭނުން ކުރެވޭނެއެވެ. ލެޕްޓޮޕްގެ ބެޓެރީގެ ޗާޖު 12 ގަޑިއިރަށް ހުންނާނެ ކަމަށް މައިކްރޮސޮފްޓުން ބުނެއެވެ.

"ސާފޭސް ބުކް" ލެޕްޓޮޕް އަކީ މެގްނީޝިއަމް ބޮޑީއެއް ހިމެނޭ ލެޕްޓޮޕެއް: ލެޕްޓޮޕްގެ ސްނޭކް ހިންޖް އަކީ ގިނަ ބަޔަކު އަޅައިގަތް ސިފަ އެއް--- ފޮޓޯ: ވިންޑޯސް ސެންޓްރަލް

އެހެން ލެޕްޓޮޕްތަކާ މައިކްރޮސޮފްޓްގެ ސާފޭސް ބުކް ތަފާތުވާ ތަންކޮޅަކީ އޭގައި އިންނަ "ހިންޖް" ނުވަތަ ސަޕޯޓެވެ. "ސްނޭކް ހިންޖް" އެއްގެ ގޮތުގައި މަސައްކަތް ކުރާ ހިންޖެއް ހިމެނޭ އެ ލެޕްޓޮޕް ޕްރީ އޯޑަރު ކުރުމުގެ ފުރުސަތު ވަނީ މިހާރު ހުޅުވާލާފައެވެ.

ލެޕްޓޮޕްގެ އެކި ވޭރިއެންޓްތައް ލިބެން ހުރި އިރު އޭގެ އަގު ހުންނާނީ 1499 ޑޮލަރާއި 2699 ޑޮލަރާ ދެމެދުގައެވެ. އެ ލެޕްޓޮޕާއެކު ސާފެސް ޕެން ހިމެނިފައިވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. ސާފޭސް ބުކް މިމަހު 26 ގައި އާންމުނަށް ދޫކުރަން ފަށާނެއެވެ.