ރެއާލް މެޑްރިޑްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯގެ ފުޓްބޯޅަ ހަޔާތް ނިންމާލާނީ ރެއާލް ގައި ހުރެ ކަމަށް އެ ކުލަބްގެ ކުރީގެ ކޯޗް ކާލޯ އެންޗެލޮޓީ ބުނެފިއެވެ.

ފުރާންސްގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި އެންޗެލޮޓީ ބުނީ ރޮނާލްޑޯ މިހާރު ރެއާލް މެޑްރިޑްގެ ތާރީހްގެ ތެރެއަށް ވަދެފައިވާ ކަމަށާއި އެގޮތުން ރެއާލްގެ ތާރީހުގައި އެޓީމަށް އެންމެ ގިނަ ގޯލް ކާމިޔާބު ކޮށްދީގެން ރައުލް ހަދާފައިވާ ރެކޯޑާއަރާ ހަމަކޮށްފައިވާ ކަމަށެވެ.

"އަހަރެންނަކަށް ގަބޫލެއް ނުކުރެވޭ ރޮނާލްޑޯ ރެއާލް ދޫކޮށްފައި ހިނގައިދާނެ ކަމަކަށް. އޭނާ ކްލަބްގައި މަޑުކުރާނެ ކެރިއަރު ނިމެންދެން. ހުރިހާ ކުޅުންތެރިންވެސް ވަރަށް ލޯބިވޭ ރޮނާލްޑޯ ދެކެ،" އެންޗެލޮޓީ ބުންޏެވެ.

ރޮނާލްޑޯ ވަނީ ރެއާލާއެކު ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު އިތުރުކޮށް ޖޫން 2018 އާހަމައަށް އެ ކްލަބްގައި މަޑު ކުރުމަށް އެއްބަސްވެފައެވެ. އެހެންނަމަވެސް ރޮނާލްޑޯގެ ކުރީގެ ކުލަބް މެންޗެސްޓާ ޔުނެއިޓެޑާއި ފްރާންސްގެ ޕީއެސްޖީއަށް އޭނާ ބަދަލުވާން އުޅޭ ޚަބަރުތައް ވަނީ ފެތުރިފައެވެ.

މެންޗެސްޓާ ޔުނެއިޓެޑް ގައި ނާކާމިޔާބް ސީޒަނެއް ހޭދަކުރުމަށް ފަހު މިހާރު ޕީއެސްޖީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ މިޑްފީލްޑަރު އަންހެލް ޑިމާރިއާ އާ ގުޅޭގޮތުން ވާހަކަ ދައްކަމުން ޑިމާރިއާއަށް ރެއާލްގައި ކޯޗް ކޮށްދިން އެންޗެލޮޓީ ބުނީ އޭނާއަކީ ކޮންމެ ކޮންމެ މަގާމަކަށް ކުޅެވޭނެ ކުޅުންތެރިއެއް ނޫން ކަމަށާއި ރަނގަޅު މަގާމަކަށް ކުޅޭކަމުގައިވާ ނަމަ ޕީއެސްޖީއާ އެކީގަ ރަނގަޅު ކާމިޔާބީތަކެއް ޑިމާރިއާއަށް ހޯދިދާނެ ކަމަށެވެ.

"އޭނައަށް ޕީއެސްޖީއާ އެކީގައި ގިނަ ކާމިޔާބީ ތަކެއް ހޯދިދާނެ. ޑިމާރިއާ އަކީ މޮޅު ކުޅުންތެރިއެއް. އަމިއްލަ އެދުން ބޮޑު ކުޅުންތެރިއެއް ނޫން އެއީ،" އެންޗެލޮޓީ ބުންޏެވެ.