27 Mar 2011, 11:55
ފިހާރައަކުން ރޭ ވައްކަންކުރަން އުޅުނު ދެ މީހެއްގެ ތެރެއިން އެކަކު ފުލުހުން އަތުލައިގެންފި އެވެ.
އިސްކަންދަރު މަގުގައި ހުންނަ "ކަމަން ޓްރޭޓާސް"އިން ވައްކަންކުރަން އުޅުނު ދެ މީހަކު ސައިކަލެއްގައި ފިލަން އުޅުނީ ރޭ އިރާކޮޅު އެވެ. ދެ މީހުންގެ ތެރެއިން އެކަކު ސައިކަލާއެކީ ގޮސް ފާރުގައި މަގުމައްޗަށް ވެއްޓިފައި ވަނިކޮށް ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފަ އެވެ. ވައްކަން ކުރަން އުޅުނު ދެ ވަނަ މީހާ ވަނީ ފިލައިގެން ގޮސްފަ އެވެ.
ކަމަން ޓްރޭޓާސް އިން ވައްކަން ކުރަން އުޅުނު ދެ މީހުން، ފިލަން އުޅެނިކޮށް، އެ ފިހާރައިގައި މަސައްކަތް ކުރާ ބިދޭސީ މީހަކަށް އެކަން އެނގިގެން އެ ދެ މީހުން ހިފަހައްޓަން އުޅުމުގެ ތެރޭ މާރާމަރީ އެއްވެސް ހިނގި އެވެ. އެ މާރާާރީގައި ބައެއް މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައި ވެއެވެ.
ހާދިސާގެ މަންޒަރުދުއް މީހަކު ބުނި ގޮތުގައި ކަމަން ޓްރޭޑާސް އަށް ވައްކަން ކުރަން ވަން ދެ މީހުން ހިފަހައްޓަން ފިހާރައިގެ ބިދޭސީ މީހާ އުޅުނުއިރު އެ ފިހާރައިގައި އުޅޭ ދިވެހިން މަންޒަރު ބަލަހައްޓައިގެން ތިބި ކަމަށާއި ދެ މީހުން ފިހާރައިން ނުކުމެ، ދުވެފައި ދަނިކޮށް ވެސް ބިދޭސީ މީހާ އެ މީހުން ހިފަހައްޓަން މަސައްކަތް ކުރި ކަމަށެވެ.
ފުލުހުންގެ މީޑީޔާ އޮފިޝަލަކު މިއަދު ވިދާޅުވީ ކަމަން ޓްރޭޓާސް އިން ރޭ ވައްކަން ކުރަން އުޅުނު ދެ މީހުން ދުއްވި ސައިކަލަކީ ވަގަަށް ނަގައިގެން ދުއްވި ސައިކަލެއް ކަމަށާއި، އެ ސައިކަލް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ފިހާރައިން ވައްކަން ކުރި ދެ މީހުންގެ ތެރެއިން އެކަކު ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށް ވެސް ބުންޏެވެ. ފުލުހުން ބުނީ ދެ ވަނަ މީހާ ހޯދަމުން އަންނަ ކަމަށެވެ.
ފިހާރައަކުން ވައްކަން ކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވާއިރު ރޭ އިރާކޮޅު ދަރުބާރުގޭ އިރުމަތީ ގޯޅިން ހިނގާފައި ދިޔަ އަންހެން ކުއްޖެއްގެ އަތް ދަބަހާއި ފޯނު ވެސް ވަނީ މީހަކު ފޭރިގަންފަ އެވެ.