މިދިޔަ އަހަރު ތެރޭގައި ރިޔާސީ ލޯންޗްކޮޅުގެ އިންޖީނަށް ދޯބުރާލިހަކުރު އަޅާފައިވާ ކަމަށް ނައިބު ރައީސް އަހުމަދު އަދީބް ވިދާޅުވެއްޖެ އެވެ.

ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް "ގޮއްވާލި" މައްސަލަ ކުށްވެރިކުރުމުގެ ގޮތުން ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ ވެސް ނާއިބު ރައީސް އަހުމަދު އަދީބު ވިދާޅުވީ، ރައީސް ޔާމީންގެ ލޯންޗު ކޮޅަށް ގެއްލުންދޭން މަސައްކަތްކުރީ އަލަށް ނޫން ކަމަށާއި މިދިޔަ އަހަރު ރިޔާސީ ލޯންޗު ކޮޅު ހުއްޓިގެން އޯވަހޯލް ކުރި އިރު އިންޖީނަށް ދޯބުރާލިހަކުރު އަޅާފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

"މިއީ އަލަކަށް ނޫން ރައީސް ޔާމީންގެ ލޯންޗު ކޮޅަށް ހަކުރު [ދޯބުރާލި] ވެސް އަޅާފައި އެބަހުރި މީގެ ކުރިން. މިފަދަ ތަފާތު ކަންތައްތަކެއް ދިމާވުމުން އަޅުގަނޑުމެންނަށް ޔަގީންކުރެވެނީ އަޅުގަނޑުމެން ސަރުކާރުން ވެސް ދިވެހި ދައުލަތުގެ ދިފާއީ ބާރުތަކުން ވެސް އިތުރަށް ސަމާލުވެ ރައީސް ޔާމީން އާއި ދައުލަތް ސަލާމަތް ކުރުމުގައި އިތުރު އިސްކަމެއް އަދި އިތުރަށް ބަލަންވީ ކަންތައްތަކެއް ބަލައި އޭގައި އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް ދިފާއީ ބާރުތަކުން އަޅަމުންދަނީ،" އަދީބް ވިދާޅުވި އެވެ.

ސިފައިންގެ ސެކިއުރިޓީއަށް އިތުބާރު ކުރައްވާ ކަމަށާއި ރައީސްގެ ލޯންޗުކޮޅުގައި އެއްޗެއްގޮވި ހާދިސާއާ އެކު ރިޔާސީ ލޯންޗުކޮޅު ސީދާ އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ނައިބް ރައީސް ވިދާޅުވި އެވެ.

ރައީސްގެ ލޯންޗުކޮޅުގައި އެއްޗެއް ގޮވާފައި ވަނީ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ސައުދީ އަރަބިއާއަށް ކުރެއްވި ދަތުރުފުޅަށް ފަހު މިދިޔަ މަހުގެ 28 ވަނަ ދުވަހު ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެން ރިޔާސީ ލޯންޗުކޮޅުގައި ހުޅުލެއިން މާލެއަށް އައިސް އެ ލޯންޗުކޮޅު އިއްޒުއްދީން ފާލަމާ ކައިރިކުރި ވަގުތު އެވެ.

ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވީ ލޯންޗުކޮޅު ހާދިސާ ތަހުގީގު ކުރި ޓީމުތަކުން މިހާތަނަށް ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާ އިރު، މިއީ ކުރިޔާލާ ރާވައިގެން ރައީސް އަވަހާރަކޮށްލަން ދިން ހަމަލާއެއް ކަމަށެވެ.

ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ"ގައި އެއްޗެއް ގޮވި މައްސަލައިގެ ތަހުގީގަށް ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެ ތިން މީހުންނަކީ ވެސް ސިފައިންގެ މީހުންނެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އެ މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފަ އެވެ.