އަފްޣާނިސްތާނާއި ތަޖިކިސްތާން ގުޅޭ ސަރަހައްދީ ރޮނގުގެ ކައިރީގައި، ތަޖިކިސްތާނުގައިވާ އަސްކަރީ މަރުކަޒަކަށް ހަނގުރާމަމަތީ ހެލިކޮޕްޓަރުތައް ޖަމާކޮށް އެ މަރުކަޒު ވަރުގަދަ ކުރާނެ ކަމަށް ރަޝިޔާއިން ބުނެފި އެވެ.

ރަޝިޔާގެ ސެންޓްރަލް މިލިޓްރީ ޑިސްޓްރިކްޓްގެ ރަސްމީ މަންދޫބު ޔަރޮސްލާވް ރޮޝަޕްކިން މިއަދު ބުނި ކަމަށް އެގައުމުގެ ސްޕަޓްނިކް ނޫހުން މިއަދު ބުނީ އަފްޣާން ތާލިބާނުންގެ ބާރު ފަހަކަށް އައިސް ގަދަވެފައިވާ ކުންދުޒް ޕްރޮވިންސްއާއި ތަޖިކިސްތާނާ ގުޅޭ ސަރަހައްދީ ރޮނގުގެ ކައިރީގައިވާ 201 ވަނަ އަސްކަރީ މަރުކަޒަށް ހަނގުރާމަމަތީ ހެލިކޮޕްޓަރުތަކާއި އަސްކަރީ ޓްރާންސްޕޯޓް ހެލިކޮޕްޓަރުތައް ފޮނުވާނެ ކަމަށެވެ.

ދުއިސައްތަ އެއް ވަނަ އަސްކަރީ މަރުކަޒަކީ ގައުމުން ބޭރުގައިވާ ރަޝިޔާގެ އެންމެ ބޮޑު އަސްކަރީ މަރުކަޒެވެ. ތަޖިކިސްތާނުގެ ވެރިރަށް ޑްޝާންބްގެ ރަށްބޭރުގައިވާ އެ މަރުކަޒު އޮންނަނީ އަފްޣާނިސްތާނާއި ރަޝިޔާ ގުޅޭ ސަރަހައްދީ ރޮނގާއި 200 ކިލޯމީޓަރު ދުރުމިނުގަ އެވެ.

ރަޝިޔާ ސިފައިން ފަހަކަށް އައިސް އެ މަރުކަޒުގައި ތަމްރީނުތައް ބޭއްވުން އިތުރުކޮށްފައިވެ އެވެ. އެގޮތުން މިއަހަރު ވެސް ތަޖިކިސްތާން ސިފައިންނާ އެކު އެ މަރުކަޒުގައި ތަމްރީނުތަކެއް ވަނީ ބާއްވާފަ އެވެ.

އަފްޣާން ތާލިބާނުންނަށް ހަމަލާއެއް ދޭނެ ކަމެއް ނުވަތަ ނޫން ކަމެއް ރަޝިޔާއިން އަދި ހާމަކޮށްފައެއް ނުވެ އެވެ.