27 Mar 2011, 11:18
ހދ. ހިރިމަރަދޫ ސްކޫލުގެ ދަރިވަރެއްގެ އަހުލާގީ މައްސަލައަކާ ގުޅިގެން ސްކޫލުގެ މެނޭޖުމަންޓުން އެ ދަރިވަރާ ދޭތެރޭ އެޅި ފިޔަވަޅާ މެދު ހިތްހަމަނުޖެހިގެން، އެ ކުއްޖާގެ ބައްޕަ ސްކޫލުގެ ހެޑްމާސްޓަރަށް ހަމަލާދީ އަނގަމަތި ފަޅައިލައިފި އެވެ.
ހިރިމަރަދޫ ކައުންސިލްގެ ރައީސް މުހަންމަދު ވަހީދު މިއަދު ވިދާޅުވީ، އެ ބެލެނިވެރިޔާ ހަމަލާދީފައި ވަނީ އެ ސްކޫލުގެ ހެޑްމާސްޓަރުގެ މަގާމާ މިއަހަރު ހަވާލުވެވަޑައިގެންނެވި ބޭރުގެ ބޭފުޅަކަށް ކަމަށެވެ. އޭނާ ސްކޫލުގައި އިންނަވަނިކޮށް، ބެލެނިވެރިޔާ ސްކޫލު ތެރެއަށް ވަދެ، އޭނާގެ މޫނުމަތީ ޖަހައި، އަނގަމަތި ފަޅައިލީ ކަމަށް ކައުންސިލަރު ވިދާޅުވި އެވެ.
"ހެޑްމާސްޓަރު ވިދާޅުވަނީ ސްކޫލުތެރޭގައި އެބޭފުޅާ އިންނަވަނިކޮށް، )ބެލެނިވެރިޔަކު( ސްކޫލު ތެރައަށްވަދެ، ވަރަށް ހަޑިހުތުރު ބަހުން އިނގިރޭސިންނާއި ދިވެހިން ވަރަށް ނުބައި އެއްޗެހި ކިޔައި (ހެދިކަމަށް). ދެން އެބޭފުޅާގެ އަނގަމަތީގައި ޖަހައި ފަޅާލައިފައި ވެސް އެބަހުރި. އެ )ޒަޚަމް( ދެއްކި އަޅުގަނޑަށް ވެސް،" ހިރިމަރަދޫ ސްކޫލުގައި ހުންނަވައިގެން ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ހެޑްމާސްޓަރުގެ ބޮލާއި މޫނުގައި ވެސް ތެޅިކަމަށް އޭނާ ވިދާޅުވެފައިވާ ކަމަށެވެ. އަދި އޭނާ ފުރަތަމަ މަސައްކަތްކުރެއްވީ "ހިމާޔަތެއް ނެތުމުން" އެ މައްސަލަ ސިއްރުކުރައްވަން ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ.
ކައުންސިލަރު ވިދާޅުވީ، އެ ބެލެނިވެރިޔާ އަކީ، އަހުލާގީ ފެންވަރު ދަށްވުމުގެ ސަބަބުން ކައުންސިލިން ދިނުމަށް ފަހު ސްކޫލަށް ނެރޭ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީން ހަމަޖެއްސި ދެ ދަރިވަރެއްގެ ތެރެއިން ކުއްޖެއްގެ، ބައްޕަ ކަމަށާއި އޭނާ ހެޑްމާސްޓަރަށް ހަމަލަ ދިނީ އެ ނިންމުމާ މެދު ހިތްހަމަނުޖެހިގެން ކަމަށް ލަފާކުރެވޭ ކަމަށެވެ.
އެގޮތަށް ނިންމާފައި ވަނީ އެ ރަށަށް މިދިޔަ ހަފްތާތެރޭ ދިޔަ އެޑިއުކޭޝަންގެ ޓީމުން ކަމަށާއި ސްކޫލުން ހަމައެކަނި އެ ނިންމުން ތަންފީޒުކުރީ ކަމަށް ވެސް ކައުންސިލަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެ ހެޑްމާސްޓަރަކީ ރާއްޖޭގައި މަސައްކަތްކުރައްވާތާ 22 އަހަރުދުވަސްވީ، ވަރަށް ތަޖުރިބާކާރު ބޭފުޅެއް ކަމަށާއި އޭނާއަކީ ސްކޫލުގެ ކަންކަން އިސްލާހުކުރުމަށް އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް ގަވައިދުން އަޅުއްވައި ބޭފުޅެއް ކަމަށެވެ. ނަމަވެސް، އިއްޔެގެ ހާދިސާއާ ގުޅިގެން އޭނާ އަށް ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރުކޮށްފައިވާކަން ވަހީދު ފާހަގަކުރެއްވި އެވެ.
"އެބޭފުޅާ ވަރަށް ބޮޑަށް ބިރުގަނެފައި ހުންނެވީ. ބޭނުންވޭ މިއަދުން މިއަދަށް ވެސް މިތަނުން ފުރަން." ކައުންސިލަރު ވިދާޅުވި އެވެ.
ފުލުހުން މިއަދު ހެނދުނު ވިދާޅުވީ، ހިރިމަރަދޫ ސްކޫލުގެ ޕްރިންސިޕަލަށް ހަމަލަދިން މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި ފުލުހުން ގެންދަނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން ކަމަށެވެ.
ހަމަލަދިން ހެޑްމާސްޓަރަށް ސަން އިން މިއަދު ގުޅާލުމުން ވިދާޅުވީ، އެއްވެސް ކޮމެންޓެއް ދެއްވަން ބޭނުންފުޅުނުވާ ކަމަށާއި "ކޮމެންޓެއް ދިނުމުގެ ބޭނުމެއް ވެސް ނެތް" ކަމަށެވެ.
އެމަސަލައާ ގުޅޭ ގޮތުން އަދި އެޑިއުކޭޝަނުން ކޮމެންޓެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.