އިޓަލީގައި މިހާރު ކުރިއަށްދާ "އެކްސްޕޯ މިލާނޯ 2015"ގައި ގަތަރު އެއާވޭސްގެ ފަސްތަރީގެ ހިދުމަތްތައް ދައްކާލައި ތަޖުރިބާކޮށްލުމުގެ ފުރުސަތު އާންމުންނަށް ދީފި އެވެ.

ގަތަރު އެއާވޭސް އިން ވަނީ އެ އެއާލައިނުން ދޭ ފުރިހަމަ އެންމެ މަގުބޫލު ހިދުމަތްތައް އެ އިވެންޓުގައި ދައްކާލައިފަ އެވެ.

އެގޮތުން އެ އެއާލައިންގައި ބޭނުންކުރާ ބިޒްނަސް ކްލާސް ސީޓްތައް ދައްކާލައި، ތަޖުރިބާކޮށްލުމުގެ ފުރުސަތު އެކްސްޕޯއަށް ޒިޔާރަކުރާ އެންމެންނަށް ވަނީ ދީފަ އެވެ. އޭގެ އިތުރުން ސޮވެނިއާ ބެހުމާއި ފޮޓޯނެގުމުގެ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ގަތަރު އެއާވޭސް ގުރޫޕުގެ ޗީފް އެގްޒެކެޓިވް އަކްބަރު އަލް ބަކަރް ވިދާޅުވީ އެކްސްޕޯ މިލާނޯފަދަ ބޮޑު ފެއާއެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ އެ އެއާލައިނުގެ ހިދުމަތްތައް އާންމުންނަށް ތަޖުރިބާކޮށްލަން ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ.

އެކްސްޕޯ މިލާނޯގައި ގަތަރު އެއާވޭސް ހުރިތަނަށް ވަނީ ތިން މިލިއަނަށްވުރެ ގިނަ މީހުން ޒިޔާރަތްކޮށްފައި ކަމަށް އެ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ގަތަރު އެއާވޭސް އިން ވަނީ އެކްސްޕޯ މިލާނޯގައި ގަތަރުގެ ގައުމީ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތަކުގައި ވެސް ބައިވެރިވެފަ އެވެ.