ޓޯކިޔޯ (އޮކްޓޯބަރ 7) : ޕެސިފިކް ކަނޑުގެ 12 ގައުމަކުން މި ހަފްތާގައި އެއްބަސްވި މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ ދުނިޔޭގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ތާރީޚީ އެއްބަސްވުމެއް ކަމަށް ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޫ އަބޭ ސިފަކުރައްވައިފި އެވެ.
ޓޯކިޔޯގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަބޭ ވިދާޅުވީ ޕެސިފިކް ކަނޑުގެ 12 ގައުމަކުން އެއްބަސްވި މިއެއްބަސްވުމަށް އަމަލުކުރަން ފެށުމުން ޕެސިފިކް ސަރަހައްދުގެ ގައުމުތަކުގެ މެދުގައި ހިނގާ ވިޔަފާރީގެ މުއާމަލާތްތައް ހަލުއިވެ އިތުރުވެގެންދާނެކަމަށާ މިކަމުގެ ނަތީޖާއަކީ މިގައުމުތަކުގެ އިތުރުން ދުނިޔޭގެ އިގްތިސާދަށް ވެސް ހެޔޮ ބަދަލެއް އައުންކަމުގަ އެވެ.

ޕެސިފިކް ކަނޑަށް އައްސޭރިވާ އެގާރަ ގައުމަކާއި އެމެރިކާ އިން މި ހަފްތާ ފެށުނުއިރު ވަނީ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކާ ހަމައަށް އައިސްފަ އެވެ. މި ގައުމުތަކުން މިނިވަން ވިޔަފާރީގެ އެއްބަސްވުމަކާ ހަމައަށް އައިސްފައި މިވަނީ އެމެރިކާ އާއި މި 11 ގައުމުގެ މަންދޫބުން އެކި ފަހަރުމަތިން ބައްދަލުކުރައްވައި ދިގު މުއްދަތެއްގައި ކުރެއްވި މަސައްކަތްތަކެއް ކާމިޔާބުވުމާ ގުޅިގެންނެވެ. މިވާހަކަތައް އެންމެ ފުރަތަމަ ފަށާފައިވަނީ 2008 ވަނަ އަހަރުގަ އެވެ.

މިއެއްބަސްވުމުގައި ޝާމިލްވާ ގައުމުތަކުގެ ތެރޭގައި ހިމެނެނީ އެމެރިކާގެ އިތުރުން ކެނެޑާ، މެކްސިކޯ، ޕެރޫ، ޗިލީ، މެލޭޝިޔާ، ބުރުނާއި، ސިންގަޕޫރު، ވިއެޓްނާމް، ޖަޕާން، އޮސްޓްރޭލިޔާ އަދި ނިއުޒިލޭންޑްއެވެ. މިގައުމުތަކުގެ އިގްތިސާދު އެއްކޮށްލުމުން ދުނިޔޭގެ އިގްތިސާދުގެ 40 އިންސައްތައަށް އަރާކަމަށްވެ އެވެ. މީގެ ތެރެއިން އެމެރިކާއަކީ ދުނިޔޭގެ އެއްވަނަ އިގްތިސާދެވެ. ޖަޕާނަކީ ތިންވަނަ އިގްތިސާދެވެ. ނަމަވެސް މުސްތަގްބަލްގައި ދުނިޔޭގެ އެންމެ ބޮޑު އިގްތިސާދީ ބާރުކަމަށްވެގެންދާނެ ކަމަށްބެލެވޭ ޗައިނާ މިއެއްބަސްވުމުގައި ނުހިމެނޭތީ އެކަމުގެ ނޭދެވޭ އަސަރު މި އެއްބަސްވުމުގެ ދަށުން ހިނގާނެ ކަމަށްބެލެވޭ އިގްތިސާދީ ހަރަކާތްތަކަށް ކުރާނެކަމަށް ތަޖްރިބާކާރުން ދެކެ އެވެ. ޗައިނާއަކީ ޕެސިފިކް ސަރަހައްދުގެ ގައުމެއްވެސް މެ އެވެ.
އެމެރިކާ އާއި ޕެސިފިކްގެ 11 ގައުމުން އެއްބަސްވި މިނިވަން ވިޔަފާރީގެ މިއެއްބަސްވުމަށް އަމަލީ ސިފަގެނެވޭނީ އެމެރިކާގެ ކޮންގްރެސްއިންނާއި މި 11 ގައުމުގެ ގާނުނު ހަދާ މަޖިލިސްތަކުން މިއެއްބަސްވުން ތަސްދީގު ކުރުމުންނެވެ. އެމެރިކާގެ ކޮންގްރެސްގެ ދެ ގޭގައިވެސް އަޣްލަބިއްޔަތު ނެތުމުން ކޮންގްރެސް އިން މިއެއްބަސްވުން ތަސްދީގު ކުރުމަށް އޮބާމާގެ ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހޭނެކަމަށް ވަނީ ބެލެވިފަ އެވެ.

ޕެސިފިކް ކަނޑުގެ އައްސޭރިފަށަށް ނިސްބަތްވާ އެގާރަ ގައުމުގެ ތެރޭގައި ގިނައީ ކުދި ގައުތަކެވެ. ނަމަވެސް މިއީ އގްތިސާދީގޮތުން ވަރަށް ބާރަށް ކުރިއަރަމުން އަންނަ ގައުމުތަކެކެވެ. މިނިވަން ވިޔަފާރީގެ އެއްބަސްވުންތަކުގެ ބޭނުމަކީ އެއްގައުމުން އަނެއް ގައުމަށް މުދާ އިންޕޯޓް ކުރުމަށް އަޅާފައިވާ ހުރަސްތައް ނައްތާލައި މިނިވަންކަމާއެކު ވިޔަފާރީގެ މުއާމަލާތްތައް (ޑިޔުޓީ ފްރީކޮށް) ކުރެވޭނެ ގޮތް ހެދުމެވެ. (ނޫސްއެޖެންސީތައް)