ލާމަރުކަޒީ ނިޒާމާ މެދު ކުރަމުން އަންނަ ސުވާލުތަކަށް ކައުންސިލުތަކުން ޖަވާބު ދޭން ވެއްޖެ ކަމަށް ލޯކަލް ގަވަރުމަންޓު އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯ ޑރ. އަހުމަދު ޝުކުރީ ހުސައިން ވިދާޅުވެއްޖެ އެވެ.

ކައުންސިލުތައް މިންކުރުމަށް ހެދި ލޯކަލް ކައުންސިލު ޕާފޯމަންސް އިންޑެކްސަށް އަތޮޅު ކައުންސިލުތަކުން މީހުން ތަމްރީނު ކުރުމަށް ބޭއްވި ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝުކުރީ ވިދާޅުވީ އެއްވެސް ނިޒާމަކީ އޭގެ ޒާތުގައި ތަރައްގީ އާއި ކުރިއެރުން ޔަގީން ކޮށްދޭނެ ކަމެއް ނޫން ކަމަށެވެ. އަދި އުފައްދާ ނިޒާމަކުން ދިވެހިން ބޭނުންވަ ތަރައްގީ ޔަގީންކޮށްދޭ ކަމަކީ އެ ނިޒާމެއް ތަންފީޒުކުރާ ގޮތް ކަމަށް ޝުކުރީ ވިދާޅުވި އެވެ.

"އެ ޔަގީންކަން ގެނެސްދިނުމަށް އަޅުގަނޑުމެން އެބަޖެހޭ ހުރިހާ ލެވެލެއްގައި މަސައްކަތް ކުރަން. ނުކުރެވިއްޖެ ނަމަ އަޅުގަނޑުމެންގެ ދަރިންގެ ތެރެއިން ނުކުމެ ބުނާނެ މިވެނި ނަންތަކެއް ކިޔާ މިވެނި ބަޔަކު މިވެނި ރަށެއްގައި މި ކައުންސިލުތައް ނަގައިގެން މަސައްކަތް ކުރިއޭ. އެކަމަކު ކުރަންވީގޮތް ނުކޮށްގެން އޮޔާލަދިޔައީއޭ ނުވަތަ ސަރުކާރުން އުވާލީއޭ،" ޝުކުރި ވިދާޅުވި އެވެ.

ކައުންސިލު ޕާފޯމަންސް އިންޑެކުސަކީ ރައްޔިތުންނަށްދޭ ހިދުމަތްތައް މިނެކިރާނެ އޮނިގަނޑެއް ކަމަށާއި ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ހިދުމަތްތައް ފޯރުކޮށްދެވިފައި ހުރީ ކިހިނެއްކަން ވަޒަންކުރެވޭނެ ގޮތްތަކެއް އޮންނަން ޖެހޭނެ ކަމަށް ވެސް ޝުކުރީ ވިދާޅުވި އެވެ.

"އެ އިންތަކާއި މިންތައް ކަނޑައަޅާ ރައްޔިތުން ބަލައި ގަންނަން އެއްޗަކަށް މި ނިޒާމު ހެދިއްޖިއްޔާ އެ ހިސާބުން ދެން ނިޒާމާ ދޭތެރޭ ސުވާލެއް ނުއުފައްދާނެ. ކޮންމެ ނިޒާމެއްގައި ވެސް ނުރަނގަޅު ކަންތައްތައް ހުންނާނެ. އެކަމަކު މި ނިޒާމުގައި ގިނައީ ރަނގަޅު ކަންތައްތައްކަން އަޅުގަނޑުމެން ޖެހޭނީ ރައްޔިތުންނަށް ދައްކުވައި ދޭން. މިއަދުގެ މި ބައްދަލުވުމަކީ މީގެ ފެށުން. އެލްޖީއޭ އަބަދުވެސް އޮންނާނެ ކައުންސިލުތަކާއި އެކު،" ޝުކުރި ވިދާޅުވި އެވެ.

ކައުންސިލު ޕާފޯމަންސް އިންޑެކުސް ބޭނުންކޮށްގެން އަހަރަކު އެއްފަހަރު ރަށު ކައުންސިލުތަކާއި އަތޮޅު ކައުންސިލުތަކާއި ސިޓީ ކައުންސިލުތަކުގެ ޕާފޯމަންސު ރޭންކު ކުރެވޭނެ ކަމަށް އެލްޖީއޭއިން ބުންޏެވެ.

އެލްޖީއޭއިން ބުނީ އެ އިންޑެކްސް ބޭނުންކޮށްގެން މިންކުރުމަށް ބޭނުންކުރާނެ އިންޑިކޭޓާސްގެ ގޮތުގައި ބަލާފައި ވަނީ އާބަން ގަވާނަންސްގެ މައިގަނޑު އަސާސްތަކާއި، ހިއުމަން ޑިވެލޮޕްމަންޓް އިންޑެކުސް އާއި ގްލޯބަލް ކެމްޕެއިން އޮން އާބަން ގަވާނަންސް ގެ މައިގަނޑު ޕްރިންސިޕްލްތައް ޖުމްލަ ގޮތެއްގައި ކައުންސިލްތަކުން ހާސިލުކޮށްފައިވާ މިންވަރާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގައި ކައުންސިލަށް ލާޒިމުކުރާ ޕްލޭނާއި ރިޕޯޓް ހުށަހެޅުމާއި މަޢުލޫމާތު އެކިފަރާތްތަކަށް ފޯރުކޮށްދީފައިވާ މިންވަރުގެ މައްޗަށް ކަމަށެވެ.