ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ"ގައި އެއްޗެއް "ގޮއްވާލި" މައްސަލާގައި އިންސާފު ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ނައިބު ރައީސް އަހުމަދު އަދީބު މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް "ގޮއްވާލި" މައްސަލަ ކުށްވެރިކުރުމުގެ ގޮތުން ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް އަދީބު ވިދާޅުވީ އެ ހާދިސާއާ ގުޅިގެން ދައުލަތުގެ ވެރިން ރައްކާތެރި ކުރުމަށް ސަލާމަތީ ބާރުތަކުން ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ.

"މިކަން ކުރި ބައެއް ވެއްޖިއްޔާ އެމީހުން ދައުލަތުގެ އަދި ގާނޫނުތަކުގެ ކުރިމަތީގައި އަދި ކޯޓަށް ގެންގޮސް އިރާދަކުރެއްވިއްޔާ އޭގެ އިންސާފް ލިބޭނެ ކަމާމެދު އަޅުގަނޑުމެން ފުރިހަމަ ޔަގީންކަން އެބައޮތް،" އަދީބް ވިދާޅުވިއެވެ.

ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ދުވަހު، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް މަރުހަބާ ދަންނަވަން ހުޅުލެއަށް ވަޑައިނުގެންނެވުނީ އާލާސްކަންފުޅާ އުޅުއްވާތީ ކަމަށާއި އެ ދުވަހު ހުޅުލެއަށް ނުދެވުނީތީ ހިތާމަ ކުރައްވާ ކަމަށް އަދީބު ވިދާޅުވި އެވެ.

ލޯންޗްކޮޅުގައި އެއްޗެއް ގޮވި މައްސަލާގައި ނައިބް ރައީސް އަށް ކުރާ ތުހުމަތުތަކާއި ގުޅިގެން އެމަނިކުފާން ވިދާޅުވީ "ދިވެހި ރާއްޖޭގެ އެއްވެސް ހާދިސާއެއް މިހާތަނަށް [އަޅުގަނޑުގެ] ބޮލަށް ނުޖަހާ ނުދޭ" ކަމަށާއި އެމަނިކުފާނުގެ ޕާސްޕޯޓް ހިފެހެއްޓި ވާހަކަ އާއި ފުރައިގެން ދާ އުޅޭ ވާހަކައާއި ހައްޔަރުކުރާ ވާހަކަ އެއީ ދައްކާ "ފޭކް" ވާހަކަތައް ކަމަށެވެ.

"އަޅުގަނޑަކީ ފިލައިގެން ދާނެ މީހެއް ނޫން އަޅުގަނޑަކީ ވަރަށް ސާބިތުވެ އިރާދަކުރެވިއްޔާ ސިޔާސީ މައިދާނުގައި އަޅުގަނޑު ހުންނާނަން އިރާދަކުރެއްވިއްޔާ،" އަދީބް ވިދާޅުވިއެވެ.

އެމަނިކުފާން ވިދާޅުވީ މަގާމަކަށް ދަހިވެތިވެ ނޫޅުއްވާ ކަމަށާއި ހުންނަވާނީ ރައީސް ޔާމީން ބެހެއްޓި ހިސާބެއްގައި ކަމަށެވެ.

ރައީސްގެ ލޯންޗުކޮޅުގައި އެއްޗެއް ގޮވާފައި ވަނީ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ސައުދީ އަރަބިއާއަށް ކުރެއްވި ދަތުރުފުޅަށްފަހު މިދިޔަ މަހުގެ 28 ވަނަ ދުވަހު ރިޔާސީ ލޯންޗުކޮޅު އިއްޒުއްދީން ފާލަމާ ކައިރިކުރި ވަގުތުއެވެ.

ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވީ ލޯންޗުކޮޅު ހާދިސާ ތަހުގީގު ކުރި ޓީމުތަކުން މިހާތަނަށް ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާ އިރު، މީ ކުރިޔާލާ ރޭވިގެން ރައީސް އަވަހާރަކޮށްލަން ދިން ހަމަލާއެއް ކަމަށެވެ.

ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާގައި" އެއްޗެއް ގޮވި މައްސަލާގެ ތަހުގީގަށް ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެ ތިން މީހުންނަކީ ވެސް ސިފައިންގެ މީހުންނެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އެ މީހުންގެ ބަންދަަށް 15 ދުވަސް ޖަހާފަ އެވެ.