07 Oct 2015, 14:49
ފީފާގެ ރައީސް ކަމަށް ކުރިމަތިލާނެ ކަމަށް އިއުލާން ކޮށްފައިވާ އެ އިދާރާގެ ކުރީގެ ނައިބު ރައީސް ސައުތު ކޮރެއާގެ ޗުން މޮން ޖޫން 15 އަހަރަށް ސަސްޕެންޑް ކޮށްފިއެވެ.
އިއްޔެ ސައުތް ކޮރެއާގެ ވެރިރަށް ސޯލްގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ޗުން ވިދާޅުވީ ފީފާގެ އެތިކްސް ކޮމެޓީން އޭނާ ސަސްޕެންޑް ކުރީ ފީފާގެ ރައީސް ކަމަށް އައުމަށް ކުރަމުންދާ ކެމްޕެއިން ފެއިލް ކޮށްލައި އޭނާ އެ މަގާމަށް އަޔަނުދިނުމަށްޓަކައި ކަމަށެވެ. ނަމަވެސް އޭނާ އެއްވެސް ކަމެއް ގޯސްކޮށް ކޮށްފައި ނުވާނެ ކަމަށާއި އަދި އެ ކެމްޕެއިން ހުއްޓާނުލައި ކުރިޔައް ގެންދާނެ ކަމަށް ވެސް ޗުން ވިދާޅުވިއެވެ.
އެ ސަސްޕެންޝަން އައީ ފީފާގެ ސުލީކީ މިންގަނޑުގެ ހަ މާއްދާއަކާ ޚިލާފުވުމުން ކަމަށް ފީފާގެ އެތިކްސް ކޮމެޓީން އޭނާއަށް އަންގާފައިވާކަމަށް ޗުން ވިދާޅުވިއެވެ. އޭގެ ތެރޭގައި ޗުންއާ ގުޅުން ހުރި 'ގްލޯބަލް ފުޓްބޯލް ފަންޑު' ޕްރޮގުރާމް ބިޑް ކުރުމުގެ މައްސަލަ ހިމެނެއެވެ. ނަމަވެސް ޗުން އެ ތުހްމަތު ތަކަށް އިންކާރުކުރެއެވެ.
އޭނާއާ ދެކޮޅަށް ފީފާއިން އަޅާފައިވާ ފިޔަވަޅުތައް ޗުން ސިފަ ކުރައްވާފައިވަނީ އޭނާގެ ހައްގުތައް ގެއްލޭގޮތަށް ވަކި ބަޔަކަށް ފައިދާތަކެއް ހޯދައި ދިނުމަށް ކޮއްފައިވާ ކަމެއްގެގޮތުގައެވެ.
"އަޅުގަނޑުގެ ނަށް މި ސަސްޕެންޝަން އަމާޒުވުމުގެ މައިގަނޑު ސަބަބަކީ އަޅުގަނޑު ފީފާގެ އިސް މީހަކަށް އައުމަށް މަސައްކަތް ފެށީމަ،" ޗުން ވިދާޅުވިއެވެ.
ޗުން ވަނީ ފީފާގެ އެތިކްސް ކޮމެޓީއާއި މިހާރުގެ ރައީސް ބްލެޓާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ.
އޭނާ ވިދާޅުވީ އެތިކްސް ކޮމެޓީން ބްލެޓާގެ މައްސަލައެއް ނުބަލާނެ ކަމަށާއި، އެ ކޮމެޓީގެ މަސައްކަތަކީ ބްލެޓާ ހިމާޔަތް ކުރުން ކަމަށެވެ.