07 Oct 2015, 14:24
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނު އަބްދުލްގައްޔޫމް ތަސްދީގު ނުކުރައްވައި މަޖިލީހަށް ފޮނުވާލެއްވި މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހު ފާސްކުރަން ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކޮށްފި އެވެ.
މަޖިލީހުން އެގޮތަށް ފާސްކުރީ 46 މެމްބަރުން ވޯޓު ދެއްވައިގެން ނެވެ. އެ އިސްލާހު ފާސްކުރަން ފެންނަ ކަމަށް އެއް މެމްބަރަކު ވޯޓު ދެއްވި އެވެ.
މަޖިލީހުން އެގޮތަށް މިއަދު ނިންމީ އެ ބިލު ދިރާސާ ކުރެއްވި ގައުމީ ސަލާމަތު ކޮމެޓީން އެ ބިލަށް ގެނެސްފައިވާ އިސްލާހު ފާސްކުރަން ނުފެންނަ ކަމަށް ކޮމެޓީން އިއްޔެ ނިންމުމުން ނެވެ. ކޮމެޓީ ރިޕޯޓުގައި ބުނެފައި ވަނީ އިސްލާހު ފާސްކުރަން ނުފެންނަ ކަމަށް ނިންމީ އެ ބިލަށް ސަރުކާރުގެ ފަރާތުން މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ޠާރިގު ހުށަހަޅުއްވާފައިވާ އިސްލާހު ނިމިދިޔަ މަޖިލީހުގެ ދައުރުގައި ފާސް ކުރުމުން ރައީސް ޔާމީނު އެ ބިލު ތަސްދީގު ނުކުރައްވައި މަޖިލީހަށް އަނބުރާ ފޮނުވާލެއްވި ސަބަބުތަކުގެ މައްޗަށް ރިއާޔަތް ކުރުމަށްފަހުގައި ކަމަށެވެ.
މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނަށް ޠާރިގު ހުށަހެޅުއްވި އިސްލާހުގައި ވަނީ މައާފުކޮށް ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގިންތިތައް ކަނޑައަޅާފައިވާ ގާނޫނުގެ ހަތަރު ވަނަ މާއްދާގެ (ރ) އަށް އިސްލާހު ގެނައުމަށް ހުށަހަޅައިފައެވެ.
އެ މާއްދާއަށް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ މީހަކު ކުރި ކުށަކާ ގުޅިގެން އޭނާގެ މައްޗަށް ކަނޑައަޅާފައިވާ އަދަބުގެ ބާވަތް ބަދަލުކޮށް ދިނުމަކީ ވެސް މައާފްކޮށްދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގިންތިއެއް ކަމަށެވެ.
އެ އިސްލާހު އެގޮތަށް ފާސްވެ، ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވައިފި ނަމަ، ޖަލު ހުކުމް ތަންފީޒު ކުރަމުންދާ މީހުން ގޭބަންދަށް ބަދަލުކުރުމުގެ ބާރު ގާނޫނީ ގޮތުން ރައީސަށް ލިބިގެންދާނެ އެވެ.