27 Mar 2011, 11:07
ޢަބްދުﷲ ޝިނާން
ޑީއާރުޕީ ބައިބައި ވީ ކޮންބޭފުޅެއްގެ ސަބަބުން ހެއްޔެވެ؟ މިސުވާލުގެ ޖަވާބު ޑީ.އާރް.ޕީ. ގައި މިހާރު އުފެދިފައި އޮތް ދެ ފެކްޝަނުގެ ބޭފުޅުން ދެއްވާނީ ދެގޮތަށެވެ. ލީޑަރ ތަސްމީނުގެ ވިސްނުމަށް ތާއީދުކުރައްވާ ބޭފުޅުން އިނގިލި ދިއްކުރައްވާނީ ޒައީމް މައުމޫނަށެވެ. ޒައީމް މައުމޫނުގެ ވިސްނުމަށް ތާއީދު ކުރައްވާ ބޭފުޅުން އިނގިލި ދިއްކުރައްވާނީ ލީޑަރ ތަސްމީނަށެވެ. މިސުވާލުގެ ޖަވާބު ޕާޓީގެ މެންބަރުންގެ އިންސާފުވެރި ތިލަފަތުން ކިރާލުމަށް އަޅުގަނޑު ދޫކޮށްލާނަމެވެ. އެހެންނަމަވެސް މި ބައިބައިވުންތައް ނިމުމަކަށް އަންނައިރު ވެދާނެ ގޮތަކާ މެދު އެއްޗެއް ބުނެލުމަކީ އެންމެ ރަނގަޅު ކަމެއްކަމުގައި ފެނެއެވެ.
އިންޑިޔާއަށް އިނގިރޭސިންގެ އަތުން ފުރިހަމަ މިނިވަންކަން ލިބުނީ 1947 ވަނަ އަހަރެވެ. މިނިވަންކަމަށް 63 އަހަރު ފުރިފައިވާ އިރު އޭގެ ތެރެއިން 51 އަހަރު ވެރިކަން ކޮށްފައިވަނީ އިންޑިއަން ނެޝަނަލް ކޮންގްރެސް އެވެ. އާންމު ބަހުން ބުނާ ނަމަ ކޮންގްރެސް ޕާޓީއެވެ. އިންޑިޔާގެ މިނިވަންކަމުގެ ބާނީ މަހާތުމާ ގާނދީގެ ތާއީދާ އެކު އިންޑިޔާގެ ފުރަތަމަ ބޮޑުވަޒީރުކަން ކުރެއްވީ ޖަވާހިރުލާލް ނެހެރޫއެވެ. އިންޑިޔާގެ ތާރީހުގައި އެ ދެ ބޭފުޅެއްގެ ނަންފުޅު ރަން އަކުރުން ފަވާލެވިފައިވާ މި ދެބޭފުޅުންނަކީ އިންޑިޔާގެ ގިނަ ބައެއްގެ ލޯތްބާއި އިހްތިރާމު ލިބިވަޑައިގެންފައިވާ ދެ ލީޑަރުންނެވެ. ނެހެރޫ އަވަހާރަވުމާއި ހަމައިން ކޮންގްރެސް ޕާޓީގެ ކުރިމަގާއި މެދު ސުވާލު އުފެދުނެވެ. ޕާޓީން ދެން ތާއީދުކުރާނެ ލީޑަރަކާ މެދު ސުވާލުއުފެދުނެވެ. ނަމަވެސް އޯލް އިންޑިއާ ކޮންގްރެސް ކޮމެޓީގެ އޭރުގެ ރައީސް ކުމާރަސަމީ ކަމަރާޖްގެ ސިޔާސީ ހިކުމަތުން ފުރިގެންވާ މަސައްކަތްޕުޅުން، ނެހެރޫއަށްފަހު ޕާޓީގެ ލީޑަރެއް ކަނޑައެޅުއްވުމުގައި ދިމާވި މައްސަލަތައް ހައްލުކުރެއްވިއެވެ. ނެހެރޫއަށް ފަހު އޭނާގެ މަގާމަށް އެންމެ އެކަށީގެންވާ ބޭފުޅަކީ ލާލް ބަހާދަރު ޝާޝްތްރީ ކަމުގައި ޕާޓީން ނިންމިއެވެ. އަދި 1966 ވަނަ އަހަރު އެ ބޭފުޅާ އަވަހާރަވުމުން ނެހެރޫގެ ދަރިކަނބަލުން އިންދިރާ ގާނދީ ވެރިކަމަށް ގެނައުމަށް ޕާޓީގެ ނުފޫޒުގަދަ ބޭފުޅުން ނިންމެވިއެވެ. މި މަސައްކަތުގައިވެސް އެންމެ އިސްކޮށް އުޅުއްވީ ކަމަރާޖްއެވެ. އެހެންނަމަވެސް ނުފޫޒުގަދަ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި މޮރާޖީ ދެސާއީ ފަދަ ބޭފުޅުން ގެންދެވީ އެކަމާ ދެކޮޅުހައްދަވަމުންނެވެ.
ނަވާރަ ސަތޭކަ ފަސްދޮޅަސް ހަ ވަނަ އަހަރު އިންދިރާ ގާނދީ ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު އެ ކަމަނާގެ ބައެއް ސިޔާސަތުތަކާ މެދު ޕާޓީގެ އިސް ބައެއް ބޭފުޅުން ނުރުހުންވެވަޑައިގަތެވެ. ނަމަވެސް އިންދިރާ ގާނދީ ނިންމެވީ އެ ކަމަނާގެ ގޮތުގައި ހުންނަވާށެވެ. ނަތީޖާއެއްގެ ގޮތުން ކޮންގްރެސް ޕާޓީގެ ތެރޭގައި ދެ ފެކްޝަނެއް އުފެދުނެވެ. އެއީ ކޮންގްރެސް އާރާއި ކޮންގްރެސް އޯއެވެ. ކޮންގްރެސް އާރަށް ނިސްބަތްވަނީ އިންދިރާ ގާނދީއާއި އެ ކަމަނާގެ ސިޔާސަތުތަކަށް ތާއީދު ކުރައްވާ ބޭފުޅުންނެވެ. އަދި ކޮންގްރެސް އޯއަށް ނިސްބަތްވެވަޑައިގަތީ ޕާޓީގެ ހަރުކުލައިގެ ކޮންޒަވެޓިވުންނެވެ. މިބޭފުޅުންގެ ތެރޭގައި އިންދިރާ ގާނދީ ވެރިކަމަށް ގެންނެވުމަށް މަސައްކަތްކުރެއްވި ކަމަރާޖާއި އެ ކަމަނާގެ ލީޑަރޝިޕަށް ދެކޮޅު ހެއްދެވި މޮރާޖީ ދެސާއީ ތިއްބެވިއެވެ.
ކޮންގްރެސްގެ އިސް ވެރިން 1969 ވަނަ އަހަރު އިންދިރާ ގާނދީ ޕާޓީގެ ސިޔާސަތުތަކާއި ހިލާފްވެވަޑައިގެންނެވި ކަމަށް ވިދާޅުވެ، އެކަމަނާ ފާޓީން ވަކިކުރެއްވިއެވެ. އަދި ޕާލިމެންޓްރީ ގުރޫޕަށް އެ ކަމަނާ ބޮޑުވަޒީރުކަމުން ދުރުކޮށް އެހެން ބޭފުޅަކު ހަމަޖެއްސެވުމަށް އެންގެވިއެވެ. ނަމަވެސް މީގެ ނަތީޖާއެއްގެ ގޮތުން ޕާޓީ އިތުރަށް ބައިބައިވިއެވެ. އޯލް އިންޑިއާ ކޮންގަރެސް ކޮމެޓީ (ކޮންގަރެސް ޕާޓީގެ އެންމެ ބާރުގަދަ ކޮމެޓީ) ދެ ބައި ވިއެވެ. އޯލް އިންޑިއާ ކޮންގްރެސް ކޮމެޓީގައި ހިމެނޭ 705 މެންބަރުންގެ ތެރެއިން 446 މެންބަރުން އިންދިރާ ގާނދީއަށް ތާއީދުކުރާ ބަޔަށް ބަދަލުވިއެވެ.
މި ހަލަބޮލިކަމުގެ ތެރޭގައި، 1971 ވަނަ އަހަރުގެ ލޮކް ޝަބާ (މަޖިލިސް) އިންތިހާބާ އިންދިރާ ގާނދީ ކުރިމަތިލެއްވިއެވެ. އަދި އިންދިރާގެ ކޮންގްރެސް އާރު ވަރަށް ބޮޑުކާމިޔާބީއެއް ކޮންގްރެސް އޯގެ މައްޗަށް ހޯދިއެވެ. އިންތިހާބުގައި ކޮންގްރެސް އޯއަށް ވޯޓުގެ 10 ޕަސެންޓް (16 ގޮނޑި) ލިބުނު އިރު އިންދިރާ ގާނދީގެ ކޮންގްރެސް އާރަށް ވޯޓުގެ 44 ޕަސެންޓް (352 ގޮނޑި) ލިބުނެވެ.
ނަތީޖާއަކަށް ވީ އިންދިރާ ގާނދީއާއި ދެކޮޅަށް ކޮންގްރެސް ޕާޓީގައި އުފެދުނު ފެކްޝަން، ކޮންގްރެހާ އިދިކޮޅު ފަރާތްތަކާ ގުޅިގެން ކޯލިޝަނެއް އުފެއްދުމެވެ. އަދި އެ ކޯލިޝަންގެ ތެރެއިން 1977 ވަނަ އަހަރު އިންދިރާ ގާނދީގެ ކޮންގްރެސް އާރާ ވާދަކޮށް މޮރާޖީ ދެސާއީ، އިދިކޮޅު ކޯލިޝަންގެ ކެނޑިޑޭޓުގެ ގޮތުގައި އިންޑިޔާގެ ބޮޑުވަޒީރުކަމަށް އިންތިހާބުވިއެވެ. މޮރާޖީ ދެސާއީ އަކީ ކޮންގްރެސް ޕާޓީގެ ތެރެއިން އިންދިރާ ގާނދީއާ ދެކޮޅަށް އުފެދުނު ފެކްޝަނުގެ ލީޑަރެވެ.
އިންދިރާ ގާނދީއާ ދެކޮޅަށް އުފެދުނު ކޯލިޝަން، ނުވަތަ ބާހރަތިޔާ ޖަނަތާ ޕާޓީ އެންމެ ވަރުގަދަ އިދިކޮޅު ޕާޓީއަށް ބަދަލުވެ، އެ ޕާޓީއަށް ވެރިކަން ލިބުނު ނަމަވެސް އެބައިމީހުންގެ މެދުގައި އޮތް ތަފާތުތައް ކުޑައެއް ނުކުރެވުނެވެ. ޖަނަތާ ޕާޓީގެ ތެރޭގައި އޮތް ތަފާތު ވިސްނުންތަކާއި ތަފާތު ސިޔާސީ ފިކުރުތައް ދުވަސްތައް ފާއިތުވިހެން އިތުރުވެ، ވަރުގަދަވަމުން ދިޔައެވެ. އެހެންކަމުން ގައުމީ މަސްއަލަތަކަށް ފޯކަސްނުކުރެވި، ޕާޓީގެ އެތެރޭގެ ކޯޅުންތައް ބޮޑުވެ، މޮރާޖީ ދެސާއީގެ އިތުބާރު ގެއްލި 1979 ވަނަ އަހަރު އޭނާގެ ކޯލިޝަންގެ ވެރިކަން ވެއްޓުނެވެ.
ދަނޑިވަޅުގެ ބޭނުން ހިއްޕަވައި، އިންދިރާ ގާނދީ ކޮންގްރެސް އައިގެ ފަރާތުން އިންތިހާބާ ކުރިމަތިލެއްވިއެވެ. "އައި" ނިސްބަތްވަނީ "އިންދިރާ" އަށެވެ. އެ ފަހަރުގެ އިންތިޚާބުގައި އެ ކަމަނާ ބޭނުންކުރެއްވި އެއް ޝިޔާރަކީ އަކީ "ގުޅިގެން ވެރިކަންކުރާ ... ނަތީޖާ ނެރުމުގެ ގާބިލިއްޔަތުކަން ލިބިފައި ވާ ސަރުކާރެއް އުފައްދާ" މިއެވެ. 1980 ވަނަ އަހަރު އިންދިރާ ގާނދީ އިންތިޚާބު ކާމިޔާބުކުރައްވައި އަލުން އިންޑިޔާގެ ބޮޑުވަޒީރުކަމަށް ވަޑައިގެންނެވިއެވެ. ނަމަވެސް ހައްދުފަހަނައަޅާފައިވާ ސިކުންގެ ބޮޑީގާޑަކު 1984 ވަނަ އަހަރު ދިން ހަމަލައެއްގައި އެކަމަނާ އަވަހާރަވިއެވެ. އިންދިރާ ގާނދީއަށް ފަހު، އެ ކަމަނާގެ ދަރިކަލުން ރަޖީވް ގާނދީ ކޮންގްރެސް އައިގެ ފަރާތުން ބޮޑުވަޒީރުކަމަށް ވާދަކުރެއްވިއެވެ. އެއިރު ރަޖީވް ގާނދީ ހުންނެވީ އެ ބޭފުޅާގެ ކޮއްކޯފުޅު މަތިންދާބޯޓު އެކްސިޑެންޓެއްގައި އަވަހާރަވުމާ ގުޅިގެން ކޮއްކޯފުޅު ފުރުއްވި ގޮނޑި ކާމިޔާބު ކުރައްވައިގެން ލޮކް ޝަބާގައި އަމެތި ތަމްސީލްކުރައްވާ މެންބަރެއްގެ ގޮތުގައެވެ.
މި އާއިލާގެ ސިޔާސީ ކާމިޔާބަށް ބަލާއިރު ފެންނަނީ ހަމަ އެންމެ ކަމެކެވެ. ޖަވާހިރު ލާލް ނެހެރޫ އިންޑިޔާގެ ރައްޔިތުންގެ ހިތްތަކުން ހޯއްދަވާފައިވާ މަގާމެވެ. އޭނާ ހޯއްދަވާފައިވާ މަގްބޫލްކަމާއި މަޝްހޫރުކަމެވެ. އިހްތިރާމާއި ލޯތްބެވެ. އެ ލޯތްބާއި އިހުތިރާމް ނެހުރޫގެ ދަރިކޮޅަށް ވާރުތަވަމުންދާ މަންޒަރެވެ.
އިންޑިޔާގެ އަހުލުވެރީންނަކީ އެ މީހުންގެ އާދަކާދައާއި ސަގާފަތަށް ވަރަށް ލޯބިކުރާ ބައެކެވެ. އެ މީހުންގެ އަމިއްލަވަންތަކަމަށް އިންތިހާއަށް ލޯބިކުރާ ބައެކެވެ. ނަމަވެސް ނެހުރޫގެ އާއިލާ ޖެހުމުން އެ ކަން ވެސް އެ މީހުން ތަށީގެ އެއް ފަރާތަށް ލާފައި ވާ ތަން ފެނެއެވެ. މިއަދު ކޮންގްރެސް ޕާޓީގެ ރައީސަކީ ރަޖީވް ގާނދީގެ ހުވަފަތް އަނބިކަނބަލުން ސޯނިޔާ ގާނދީއެވެ. ސޯނިޔާ ގާނދީއަކީ އިޓަލީއަށް އުފަން ބޭކަނބަލެކެވެ. އިދިކޮޅު ބީޖޭޕީން ދިޔައީ އިންޑިޔާގެ ރައްޔިތުން އެ ކަމަނާ ބޮޑުވަޒީރުކަމަށް ނުގެންނާންވީ އެންމެ ބޮޑު ސަބަބަކީ މިއީ ކަމަށް ބުނެދެމުންނެވެ. އިދިކޮޅު ފަރާތްތަކުން ރައްޔިތުންނާ ސުވާލުކުރަމުން ގެންދިޔައެވެ. "ކަލޭމެން ބޭނުންވަނީ ރާމް (އިންޑިއާގެ ހިންދޫން އަޅުކަން ކުރާ ފަރާތެއް) ހެއްޔެވެ؟ ނޫނީ ރޯމް (އިޓަލީގެ ވެރި ރަށް) ހެއްޔެވެ؟"
ޖަވާބުގައި އިންޑިޔާގެ ހިންދީން ވެސް، އަދި ގައުމުގެ ސްޕްރީމް ކޯޓުންވެސް ނިޔާ އިއްވީ ސޯނިޔާ ގާންދީއާއި އެއްކޮޅަށެވެ. ސުޕްރީމް ކޯޓަށް އިދިކޮޅު ފަރާތްތަކުން ހުށައެޅި މައްސަލައަކީ ގައުމުގެ ބޮޑުވަޒީރުކަމަށް ސޯނިޔާ ވަޑައިގަންނަވަން ގާނޫނު ތަން ނުދޭ ކަމުގެ މައްސަލައެވެ. ނަމަސް ސުޕްރީމް ކޯޓުން ވަނީ އެ މައްސަލަ ބޭރުކޮށްފައެވެ. ރައްޔިތުން ބުނަމުން ދިޔަ ކަހަލައެވެ. "ތިމަންމެން ބޭނުމީ ކޮންމެ ތަނަކަށް އުފަން މީހަކަސް، ނެހެރޫ އާއިލާއަށް ނިސްބަތްވާ މީހެކެވެ". 2004 ވަނަ އަހަރު އިންތިހާބުގައި ޕާޓީގެ ފަރާތުން ބޮޑުވަޒީރުކަމަށް ވާދަކުރައްވަން ކޮންގްރެސް ޕާޓީން ސޯނިޔާ ގާނދީގެ އަރިއަހުން އެދުނެވެ. ނަމަވެސް ސޯނިޔާ ގާނދީ އެކަމާ ދެކޮޅު ހައްދަވައި، އެކަމަނާގެ ތާއީދާ އެކު މަންމޯހަން ސިންގް އެ މަގާމަށް ގެންނެވިއެވެ. މަންމޯހަން ސިންގް ބޮޑުވަޒީރުކަމުގައި ހުންނެވިޔަސް ކޮންގްރެސް ޕާޓީގެ ހަގީގީ ބާރު އޮތީ ސޯނީޔާ ގާނދީގެ އަތްޕުޅުގައެވެ.
މި ހަގީގަތް މިއީ ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީން ތަމްސީލުވާ މަންޒަރެވެ.
ދުނިޔޭގެ އެންމެ ތަހުޒީބު އެއް ޑިމޮކްރެސީއަކީ އިނގިރޭސި ވިލާތެވެ. އިނގިރޭސި ވިލާތުގައި އެންމެ ފަހުން ނިމިގެންދިޔަ އިންތިހާބައް ބަލާލަމާ ހިންގަވާށެވެ. އެ އިންތިހާބުގައި ގޯރޑަން ބްރައުނަށް ސިޔާސީ ގޮތުން އެންމެ ބޮޑު ގެއްލުމެއް ދެއްވީ އޭނާގެ ޕާޓީގެ ކުރީގެ ލީޑަރ ޓޯނީ ބްލެއާރ އެވެ. ދެ ބޭފުޅުންނަކީ ވަރަށް އެކުވެރި ދެބޭފުޅުންނެވެ. 1997 ވަނަ އަހަރު، ކޮންޒަރވޭޓިވް ޕާޓީން ވިދި ވިދިގެން 18 ވަރަކަށް އަހަރު ވަންދެން ކުރަމުން އައިވެރިކަން ނިމުމަކަށް ގެނައުމުގެ ހަގީގީ މޭސްތިރިންނަކީ ޓޯނީ ބްލެއަރ އާއި ގޯޑަން ބްރައުންނެވެ. ލޭބަރ ޕާޓީން ކުރިން ގެންގުޅެމުން އައި މުސްކުޅި އުސޫލުތައް ދޫކޮށް، ޕާޓީ ޒަމާނީކޮށް، "ނިއު ލޭބަރ" ގެ ނަމުން ނަންދީ، މީހުންގެ މެދުގައި ޕާޓީގެ މަގްބޫލްކަން އިތުރުކުރުމުގައި އެންމެ އިސް ރޯލެއް އަދާކުރެއްވީ މި ދެބޭފުޅުންނެވެ.
ޓޯނީ ބްލެއަރ އަށް ފަހު ލޭބަރ ޕާޓީގެ ވެރިކަމަށް ދެން ވަޑައިގަންނަވާނެ ބޭފުޅަކީ ގޯޑަން ބްރައުންކަން އެންމެންވެސް ދަނެއެވެ. އަދި ޓޯނީ ބްލެއަރގެ ފުރިހަމަ ތާއީދު ބްރައުނަށް ދެއްވާނެކަމަށް ހުދު ބްރައުންގެ އަރިއަހުގައި ބްލެއަރ ވިދާޅުވެފައިވާ ކަމަށް ބްރައުންގެ އަރިސް ބޭފުޅުން ވިދާޅުވެއެވެ. ނަމަވެސް 10 އަހަރު ބޮޑުވަޒީރުކަން ކުރައްވައިގެން ވެސް ބްލެއަރގެ ވެރިކަމުގެ އަލާ ނުކެނޑުން ވެގެން ދިޔައީ ބްލެއަރގެ ވެރިކަން ނިންމާލަން ބްރައުން ނިކުމެވަޑައިގެންނެވި ސަބަބަށެވެ. ބްރައުންގެ ޕްރެޝަރަށް ކެތް ނުކުރެއްވިގެން 2007 ވަނަ އަހަރު ބްލެއަރ އިސްތިއުފާ ދެއްވިއެވެ. އަދި އޭގެ ސަބަބުން ލޭބަރ ޕާޓީގެ ތެރޭގައި ދެ ފެކްޝަނެއް އުފެދިގެން ދިޔައެވެ. އެއީ ބްލެޔަރ އަށް ތާއީދު ކުރައްވާ ބޭފުޅުންނާއި ބްރައުންއަށް ތާއީދުކުރައްވާ ބޭފުޅުންނެވެ. މި މައްސަލަގަނޑުގެ ތެރޭގައި، 2010 ވަނަ އަހަރުގެ އިންތިހާބާ ލޭބަރ ޕާޓީ ކުރިމަތި ލިއިރު ޕާޓީ އޮތީ ބައިބައިވެފައެވެ.
އަދި ހަމަ އެ ދުވަސްވަރު މީޑިއާގައި ޓޯނީ ބްލެއަރގެ ހަޔާތްޕުޅުގެ މައްޗަށް އޭނާ ލިޔުއްވި އޮޓޯބަޔޮގްރަފީ ނެރުއްވަން އުޅުއްވާ ވާހަކަ ދެކެވެން ފެށިއެވެ. މިކަމާ މެދު ލޭބަރ ޕާޓީގެ އިސްވެރިންގެ މެދުގައި ކަންބޮޑުވުން އުފެދުނެވެ. ސަބަބަކީ އެ ފޮތުގައި ބްރައުންއަށް އަމާޒުކުރައްވައި ބްލެއަރ ވިދާޅުވާ އެއްޗަކުން އިންތިހާބުގައި ބްރައުނަށް ގެއްލުންވެދާނެތީއެވެ. ބްލެއަރ އިންތިހާބު ނިމެންދެން އޭނާގެ އޮޓޯބަޔޮގްރަފީ ނުނެއްރުއްވައި މަޑުކުރެއްވިއެވެ. ނަމަވެސް އެދެވޭ ވާރާ ގާތަށްވެސް އިންތިހާބުގައި ގޯޑަން ބްރައުނަށް މަސައްކަތްކޮށްދެއްވާފައެއް ނުވެއެވެ. ބްލެއަރގެ އެހީފުޅު ނުލިބުން ވެގެން ދިޔައީ މުޅި ލޭބަރ ޕާޓީއަށް ލިބުނު ބޮޑު ގެއްލުމަކަށެވެ.
ލޭބަރ ޕާޓީގެ ތެރޭގައި އޮތް ބައިބައިވުން ފެންމަތިވެ އާންމުންގެ ޔަގީންކަން ގެއްލުން ވެގެން ދިޔައީ ވޭތިވެ ދިޔަ 40 ވަރަކަށް އަހަރުގެ ތެރޭގައި ވެސް ޕާޓީއަށް ލިބުނު އެންމެ ބޮޑު ނިކަމެތިކަމަށެވެ. 2010 ވަނަ އަހަރު މެއި މަހު ބޭއްވި ޕާލިމެންޓަރީ އިންތިހާބުގައި ލޭބަރ ޕާޓީއަށް ގާތްގަޑަކަށް 90 އެއްހާ ގޮނޑި ގެއްލުނެވެ. އިންތިހާބުގައި ނާކާމިޔާބު ވެ، 3 އަހަރަށް ދިގުދެމިގެން ދިޔަ ބްރައުންގެ ވެރިކަން 2010 ވަނަ އަހަރުގެ މެއި މަހުގެ އިންތިހާބަށް ފަހު ނިމިގެން ދިޔައެވެ.
2010 ވަނަ އަހަރު ސެޕްޓެންބަރުގައި ބްލެއަރގެ އޮޓޯބަޔޮގްރަފީ ބާޒާރަށް ނުކުތެވެ. އެފޮތުގައި ބްރައުނާ މެދު ބްލެއަރ ދެކެވަޑައިގަންނަވާ ގޮތް ވަރަށް ސާފުކޮށް ލިއުއްވާފައި އޮތެވެ. ދެ ފަރާތުގެ ދެމެދުގައި އޮތް ރުޅިވެރިކަން އެ ފޮތުން ވަރަށް ރަގަޅަށް ފެނިގެންދިޔައެވެ. ބްލެއަރ ލިއުއްވާފައިވެއެވެ. "ބްރައުންއަކީ ބޮޑު މުސީބާތަކަށް ވާނެކަން އަހަރެންނަށް އެގެއެވެ." ބްރައުންގެ ގޮތްދޫނުކުރެއްވުމާއި ބޮޑާހޭކުމުގެ ވާހަތައް އެ ފޮތުގައި ލިއުއްވާފައި ވެއެވެ. އަދި ބްރައުން ނުކުންނަވައިގެން ލޭބަރ ޕާޓީއަށް އިންތިހާބު ކާމިޔާބުނުކުރެއްވޭނެކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް އެ ފޮތުގައި ލިއުއްވާފައި ވެއެވެ.
2010 ވަނަ އަހަރު އިނގިރޭސި ވިލާތުގެ ޕާލިމެންޓްރީ އިންތިހާބު ބޮޑު ތަފާތަކުން ލޭބަރ ޕާޓީއަށް ގެއްލުނީ ބްރައުންގެ ތާއީދު ކުޑަކަމުން ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ލޭބަރ ޕާޓީގެ ޕާލިމެންޓްރީ މެންބަރުން ފާޅުގައި ބްރައުންގެ އިސްތިއުފާއަށް ގޮވާލައްވާފައި ވެއެވެ. އިންތިހާބަށް ދިއުމުގެ ކުރިން ޕާޓީ ތެރޭގައި ޕްރައިމަރީއެއް ބާއްވައި، އަލުން ލީޑަރަކު އިންތިހާބު ކުރުމަށް ބައެއް ސީނިއަރ ޕާލަމެންޓޭރިޔަނުން ގެންދެވީ ބްރައުނަށް ގޮވާލައްވަމުންނެވެ. މި ސަބަބުތަކާ ހުރެ ރައްޔިތުންގެ މެދުގައި ބްރައުންއަށް އޮތް އިތުބާރު ކުޑަވެގެން ދިޔައެވެ. ދިރާސާކުރައްވާ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި 2010 ވަނަ އަހަރު ލޭބަރ ޕާޓީގެ ލީޑަރެއްގެ ގޮތުގައި ބްލެއަރ ކުރިމަތިލެއްވިނަމަ ލޭބަރ ޕާޓީއަށް އިންތިހާބު ކާމިޔާބު ކުރުމުގެ ފުރުސަތު ބޮޑެވެ.
އަޅުގަޑުމެންނަށް މިއަދު މިފެންނަނީ އަޅުގަޑުމެންގެ އެންމެ ބޮޑު އެއް ސިޔާސީ ޕާޓީ ދެބައި ވާ ތަނެވެ. ޕާޓީގެ ލީޑަރ ތަސްމީނު އަލީއަކީ ޑީއާރުޕީގެ ކޮންޓްރޯލް އޮތް ފަރާތެވެ. ޕާޓީގެ ގުނަންތަކުގެ އިތުރުން ދައުލަތުން ގަބޫލުކުރާ ޕާޓީގެ ގާނޫނީ ބާރުވެރި ފަރާތަކީވެސް ލީޑަރ ތަސްމީނާއި އޭނާގެ ފެކްޝަނެވެ. ނަމަވެސް މިހާރު އުފެދޭ ސުވާލަކީ ޑީއާރުޕީގެ ސްޓޭޓް މެޝިނަރީ ކޮންޓްރޯލް ކުރެއްވުން އެއީ ޕާޓީއާއި އާންމު މެންބަރުން އެޓޭޗްވެ ތިބޭނެ ސަބަބެއް ތޯއެވެ. އެއީ ރަނގަޅު ނިންމުމެއް ނޫންކަން އިންދިރާ ގާނދީ ވާނީ ތާރީހް މެދުވެރިކޮށް ހެކި ކޮށްދެއްވާފައެވެ. ގާނދީގެ ފިލާވަޅަކީ ރައްޔިތުންގެ ލޯތްބާއި، އިހްތިރާމާއި، ނަތީޖާ ދައްކައިދިނުން، އެއީ ރައްޔިތުން އެ ފަރާތަކަށް ދީލައިލާނެ އެންމެ މުހިއްމު އެއް ސަބަބު ކަމެވެ. އެހެން ނޫންނަމަ މިއަދު ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ ކަމުގައިވާ އިންޑިޔާގެ ވެރިކަން ހިންގާ ކޮންގްރެސް ޕާޓީގެ އެންމެ އިސް ލީޑަރެއްގެ ގޮތުގައި އެ ގައުމަށް އުފަން ނޫން، އެގައުމަކަށް އެބޭފުޅެއްގެ އަސްލު ނިސްބަތްނުވާ ބޭފުޅަކު ބަހައްޓަން ރައްޔިތުން ރުހިގެން އެ ތިބީ ކީއްވެގެންތޯއެވެ. ހަމަ ޕާޓީ ވީމަތޯއެވެ؟ ނޫނީ ހަމަ ލޯގޯ ވީމަތޯއެވެ؟ ހަގީގަތަކީ ރައްޔިތުން އެ ބޭފުޅުންނަށް ކުރާ އިހްތިރާމެވެ. ރައްޔިތުންގެ މެދުގައި އެ ބޭފުޅުން މަގްބޫލުވުމެވެ. ރައްޔިތުންނަށް އެ ބޭފުޅުން ދެއްކެވި ނަތީޖާ އެވެ. ރައްޔިތުންގެ ހިތްތަކުގައި އެ ބޭފުޅުންނާ މެދު އޮންނަ ޔަގީންކަމެވެ.
މި ޔަގީންކަން ޑީއާރުޕީގެ ތެރޭގައި މީހާރު އެ އޮތް ދެ ފެކްޝަނުން ކުރެ ކޮންމެ ފެކްޝަނަކުން ދެއްކި ނަމަވެސް ރައްޔިތުން އެ ދިމާލަށް ދާނެ ކަމީ ތާރީހީ ހަގީގަތްތަކަށް ބަލާ އިރު ގާތް ކަމެކެވެ. އެ ގޮތުން ތާރީހީ ހަގީގަތްތަކަށް ބަލާ އިރު، ގިނަ އެޑްވާންޓޭޖްތަކެއް ހުރީ މައުމޫނު ފެކްޝަނަށް ކަމަށް ބެލެވެއެވެ. ނަމަވެސް ރަގަޅު ވަގުތުގައި، ރަގަޅު ދަނޑިވަޅުގައި، ލިބިފައި ހުރި ފުރުސަތުތަކުގެ ބޭނުން، މައުމޫނު ފެކްޝަނުގެ ބޭފުޅުންނަށް ތަސްމީނު ފެކްޝަނާ ދެކޮޅަށް ކުރެވިދާނެތޯ މިއީ ކުރަން އެންމެ ރަނގަޅު ސުވާލެކެވެ. ނުވަތަ ތަސްމީނު ފެކްޝަނުން އެޔަގީންކަން ރައްޔިތުންނަށް، އަމުދުން ޑިއާރުޕީގެ މެންބަރުންނަށް ދޭން ބޭނުންނަމަ ކުޑަކޮށްވެސް ފަސްނުޖެހި މަސައްކަތް ކުރަން ވީ ވަގުތު މިއޮތީ އައިސްފައެވެ. ހުސް ވާހަކަތަކަށް ވުރެ ނަތީޖާ އަބަދުވެސް މުހިއްމުވާނެއެވެ. ރައްޔިތުންނަށް އަތްލެވޭ، ފެންނަ އެއްޗެއް ދައްކަން އެބަޖެހެއެވެ.
މިއަދު ތަސްމީނު ފެކްޝަނުން މައުމޫނުގެ 30 އަހަރުގެ ވެރިކަމުގައި ކުރެވުނު ކަންތައްތަކެއްގެ ވާހަކަތައް ދެއްކިދާނެތޯއެވެ. މައުމޫނުގެ ވެރިކަމުގައި މައުމޫނު ކުރެއްވި ކަމަކުން ތަސްމީނަށް އޭގެ ކްރެޑިޓް ނެންގެވިދާނެތޯ، މި ސުވާލު އުފައްދާނެ އެތައްބަޔަކު ތިބޭނެއެވެ. މައުމޫނު ތަސްމީނާ ދުރަށް ވަޑައިގެންނެވި ހިސާބުން ތިމަންނަމެންގެ ސަރުކާރުގައި އެވެނި މިވެނި ކަމެއް ހުންނާނީ ކޮށްފައޭ ތަސްމީނު ފެކްޝަނުން ބުނަންޏާ، އެ ޕްރޮމޯޓް ކުރެވެނީ ކޮން ފަރާތެއް ތޯ ސުވާލުކުރާނެ ބަޔަކު އުޅޭނެއެވެ. އޭރުން އެ ޕްރޮމޯޓު ކުރެވޭނީ ކޮން ފެކްޝަނެއްތޯ ބައެއް މީހުން ސުވާލު ކުރާނެއެވެ. އެހެން ވެއްޖެނަމަ ދެން ކާމިޔާބު ހޯދާނީ ކާކުގެ ފެކްޝަނެއްތޯއެވެ؟