އެމްއެންޑީއެފްގެ އޯޑްނެންސް ސާވިސް (ބަޑި ގުދަން)ގެ ކޮމާންޑިން އޮފިސާގެ މަގާމުން ކާނަލް އަހުމަދު ފަޔާޒް (ޕާޕާ) ދުރުކޮށްފި އެވެ.

ބަޑިގުދަން ހިންގުމުގެ މަގާމުން ފަޔާޒު ވަކިކޮށްފައިވާއިރު އޭނާ ވަނީ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ)ގެ ކޮމާންޑަރުކަމުން ވެސް އެވެ. އެ މަގާމުތަކުން ދުރުކުރެއްވުމަށްފަހު އޭނާ މިހާރު އައްޔަންކޮށްފައި ވަނީ މާލޭ އޭރިޔާގެ ކޮމާންޑަރުގެ މަގާމަށެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ބަޑިގުދަނުގެ ކޮމާންޑިން އޮފިސަރުގެ މަގާމުން ފަޔާޒު ދުރުކުރުމަށްފަހު، ބަޑި ގުދަން ހިންގުން ހަވާލުކޮށްފައި ވަނީ ބްރިގޭޑިއާ ޖެނަރަލް އަހުމަދު ޝާހިދާ އެވެ.

ޝާހިދަކީ ރިޔާސީ ލޯންކޮޅުގައި ހިނގި ހާދިސާ ތަހުގީގު ކުރުމަށް އުފައްދާފައިވާ ގެ މެމްބަރުކަން ވެސް ކުރައްވާ ބޭފުޅެކެވެ.

ބަޑިގުދަނުގެ ހިންގުމުގެ މަގާމުން ފަޔާޒު ދުރުކޮށްފައިވާއިރު، މިދިޔަ ހޯމަ ދުވަހު ފުލުހުން ވަނީ ބަޑިގުދަނުގައި މަސައްކަތް ކުރާ އއ. ފެރިދޫ، ދޭލިއާގެ، މުހައްމަދު ޖަވާޒު ނަމަކަށް ސިފައިންގެ މީހެއް އެވެ. އޭނާއާއެކު ހައްޔަރުކޮށްފައި ވަނީ ސާޖަންޓް މޫސާ ޒަމީރެވެ.

އިތުބާރު ހުރި މަސްދަރަކުން "ސަން"އަށް ޒަމީރަކީ ބޮން ނުގޮވާ ގޮތަށް ރައްކާތެރިކަމާއެކު އެތަކެތި ނައްތާލުމުގެ ގާބިލްކަން ލިބިފައިވާ މީހަކެވެ. އޭނާއަކީ އެމްއެންޑީއެފްގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ)ގައި ކުރިން މަސައްކަތް ކުރި ހަށިފާރަވެރިއެކެވެ.

ބަޑިގުދަނުގައި މަސައްކަތް ކުރާ ޖަވާޒަކީ ހަވާ އެރުވުމުގެ މަސައްކަތުގައި އިސްކޮށް އުޅޭ މީހެކެވެ. އެމްއެންޑީއެފްގައި އޭނާ މަޝްހޫރުވެފައި ވަނީ އެ މަސައްކަތަށް "މޮޅު" މީހެއްގެ ގޮތުގަ އެވެ.

ރިޔާސީ ލޯންޗުކޮޅު، ފިނިފެންމާގައި އެއްޗެއް ގޮވި ހާދިސާއާ ގުޅިގެން ހައްޔަރު ކުރި ސިފައިންގެ ދެ މީހުންގެ ކްރިމިނަލް ކޯޓުން އިއްޔެ ވަނީ 15 ދުވަސް ޖަހާފަ އެވެ.