ވިލިމާލޭ ގަލަމް ޕްރީސުކޫލު ހިންގަން އެޑިއު އޮޕްޝަނާއެކު ސަރުކާރުން ހެދި އެއްބަސްވުން ސަރުކާރުން އުވާލާފައި ވަނީ ގާނޫނާ ހިލާފަށް ނޫން ކަމަށް ހައިކޯޓުން ނިންމައިފި އެވެ.

ވިލިމާލޭ ގަލަމް ޕްރީ ސްކޫލު ހިންގަން އެޑިއު އޮޕްޝަނުން ސަރުކާރާ އެކު ހެދި އެއްބަސްވުން އުވާލާފައި ވަނީ މިދިއަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.

އެމައްސަލާގައި އެޑިއު އޮޕްޝަންގެ ފަރާތުން އެޑިއުކޭޝަން މިނިސްޓްރީއާ ދެކޮޅަށް ދައުވާ ކުރުމުން ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ އެޑިއުކޭޝަން މިނިސްޓްރީން އެ އެއްބަސްވުން އުވާލާފައި ވަނީ ރަނގަޅަށް ނޫން ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނެފައި ވަނީ އެޑިއު އޮޕްޝަނާ އެކު އެޑިއުކޭޝަން މިނިސްޓްރީން ވެފައިވާ އެއްބަސްވުން އުވާލާފައި ވަނީ ރަނގަޅަށް ކަމަށެވެ.

ޕްރީ ސްކޫލު ހިންގުމުގެ ގާނޫނުގެ ދަށުން ފުރިހަމަ ކުރަން ޖެހޭ ގިނަ ކަންތައްތަކެއް ފުރިހަމަ ނުކޮށް އެޑިއު އޮޕްޝަނުން ގަލަމް ޕްރީ ސްކޫލު ހިންގަން މަސައްކަތް ކޮށްފައިވާ ކަމަށް ވެސް ހުކުމުގައި ވަނީ ބުނެފަ އެވެ. އަދި އެ ޕްރީ ސުކޫލު ހިންގާފައި ވަނީ އެޑިއުކޭޝަން މިނިސްޓްރީއާ އެކު ވެވުނު އެބަސްވުމުގައި ބުނެފައިވާ ގިނަ ކަންކަން ފުރިހަމަ ނުކޮށް ކަމަށް ވެސް ހައިކޯޓުގެ ހުކުމުގައި ވަނީ ބުނެފަ އެވެ.

ގަލަމް ޕްރީ ސުކޫލުގައި ބޭނުން ކުރަމުން ދިޔަ ފަރުނީޗަރަކީ ކުޑަކުދިން ބޭނުން ކުރުމަށް ރައްކާތެރި ފަރުނީޗަރަށް ނުވުމާއި ކްލާސްތަކުގައި އެންމެ ޓީޗަރަކު ހުރެ ކިޔަވައިދީފައި ވުމުން ކުދިން ރަނގަޅަށް ނުބެލި ހިތާމަވެރި ހާދިސާތައް ހިނގާފައިވާ ކަން ވެސް ހުކުމުގައި ފާހަގަކޮށްފަ އެވެ.

ސްކޫލު ހިންގާނެ އިސްވެރިއަކު ނެތި ގިނަ ދުވަސްތަކެއް ވަންދެން ސްކޫލު ހިންގަމުން ގެންގޮސްފައިވުމާއި ސުކޫލުގެ ކަންކަމުގައި ބެލެނިވެރިންގެ އެއްވެސް ބައިވެރިނުކުރުމާއި ބެލެެނިވެރިންގެ ހިޔާލުތަކަށް ސުކޫލުން އިހުތިރާމް ނުކުރާކަން ވެސް ހުކުމުގައި ވަނީ ފާހަގަކޮށްފަ އެވެ.

ސުކޫލުގެ ކުއްޖަކަށް އަނިޔާއެއް ނުވަތަ ކުއްލި ސިއްހީ ހާލަތެއް ދިމާވެއްޖެ ނަމަ ފަރުވާދޭނެ ހެލްތު ވޯކަރަކު ނެތުން ފަދަ އެތައް ކަމެއް އެއްބަސްވުމާ ހިލާފަށް ގަލްމް ޕްރީސުކޫލުން ކޮށްފައިވާކަން ވަނީ ފާހަގަކޮށްފަ އެވެ.

ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ރިޔާސަތު ބެލެހެއްޓެވި އެމައްސަލައިގެ ބެންޗުގައި ދެންތިއްބެވީ ފަނޑިޔާރު އަބްދުﷲ ހަމީދު އަދި ފަނޑިޔާރު އަބްދުﷲ ދީދީ އެވެ.

އެއްބަސްވުން ބާތިލު ކުރުމާ ގުޅިގެން ގަލަމް ޕްރީސުކޫލުގެ ކުދިންނަށް ވަގުތީ ގޮތުން ކިޔަވައިދެނީ ވިލިމާލޭ މުހިއްޔުއްދީން ސްކޫލްގަ އެވެ.