07 Oct 2015, 10:59
ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅުއެޅުމަށް އެމްޑީޕީއިން ގޮވާލުމަކީ ގަބޫލް ކުރެވޭ ކަމެއް ނޫން ކަމަށް ރައްޔިތުން މަޖިލީހުގެ ނައިބް ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރީކޯ ވިދާޅުވީ ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު އަޅާވާހަކަ އެމްޑީޕީން ދެއްކުމަކީ ގަބޫލް ކުރެވޭ ކަމެއް ނޫން ކަމަށާއި އެއީ ރައީސް މުހައްމަދު ނަޝީދު ވެސް ގަބޫލު ކުރައްވާނެ ކަމެއް ނޫން ކަމަށެވެ.
"އެމްޑީޕީގެ ނަމުގައި ދިވެހިރާއްޖެއަށް ނިކަމެތިކުރަން ދަތިކުރުމުގެ ފިޔަވަޅު އެޅުމަކީ އަޅުގަނޑުމެން އެއްވެސް އެމްޑީޕީ މެމްބަރަކު ގަބޫލް ކުރާނެ ކަމެއް ނޫން." އެމްޑީޕީގެ ޗެއާޕާސަންކަންވެސް ކުރައްވާފައިވާ ރީކޯ ވިދާޅުވިއެވެ.
އެމްޑީޕީގެ ލީޑާ ޝިޕުން ރައީސް ނަޝީދު ސަލާމަތް ކުރަން ބޭނުމެއް ނުވާ ކަމަށްވެސް މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރީކޯ ވިދާޅުވިއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ ފާސްކޮށްފައިވާ ގަރާރެއްގައި ބުނެފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދޫކޮށްލުމަށް އދ.ގެ ވޯކިން ގުރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން (ޔޫއެންޑަބުލިއުޖީއޭޑީ)އިން ގޮވާލަފައިވީ ނަމަވެސް އެކަމަށް އިޖާބަ ނުދެއްވާނެ ކަމަށް ދިވެހި ސަރުކާރުން ބުނެފައިވާތީ ސަރުކާރަށް ދަތި ކުރުމުގެ ފިޔަވަޅު އެޅުމަށެވެ.