07 Oct 2015, 10:40
ޖަޕާނުގެ ސުނެކޯ ސަސަމޯޓޯ ނަމަކަށް ކިޔާ މި އަންހެން މީހާއަކީ މިހާރު އުމުރުން 101 އަހަރު ވެފައިވާ މީހެކެވެ. އޭނާއަށް 101 އަހަރު ފުރުނީ ނިމިދިޔަ ސެޕްޓެމްބަރު މަހުގަ އެވެ.
އޭނާ މަޝްހޫރުވެފައި ވަނީ ޖަޕާނުގެ އެންމެ ފުރަތަމަ އަންހެން ފޮޓޯޖާނަލިސްޓެވެ. އޭނާ ފޮޓޯ ނަގަން ފަށާފައި ވަނީ އޭނާގެ އުމުރުން 25 އަހަރުގައި ޖަޕާނުގެ ނޫހަކަށެވެ. މިހާރު އުމުރުން 101 އަހަރު ވެފައިވާ އިރު އޭނާ އަދިވެސް ހުރީ އޭނާގެ ކެރިއަރުގައި ސާބިތުވެގެންނެވެ.
ޖަޕާނުގެ އޮންލައިން ނޫސް، އެންއެޗްކޭ އޮންލައިންގައި ބުނެފައި ވަނީ ސަސަމޯޓޯ މިހާރު މަސައްކަތް ކުރަމުން އަންނަނީ އޭނާގެ ކެރިއަރުގެ ހޭދަކުރި 70 އަހަރުގައި ނަގާފައިވާ ފޮޓޯތަކުގެ ކަލެކްޝަނެއް އެކުލަވާލުމަށެވެ. އޭނާގެ ފޮޓޯނެގުން މިވަގުތު ހުއްޓިފައި ވަނީ ވޭތުވެދިޔަ އަހަރު އޭނާގެ ދެ އަތް ބިނދުމުން، ފޮޓޯނަގަން ދަތިވާތީއެވެ. ނަމަވެސް އޭނާގެ ޕެޝަން ނުވަތަ ޝައުގުވެރިކަމަށް ބަދަލެއް ނާދެ އެވެ.
ސަސަމޯޓޯ ވަނީ މީގެ ކުރިން 2011 ވަނަ އަހަރު، އޭނާގެ އުމުރުން 97 އަހަރުގައި ފޮޓޯބުކެއް ޕަބްލިޝްކޮށްފަ އެވެ.
"އެއްވެސް ކަމެއްގައި ކަންނެތްވެގެން ކަމެއް ނުވާނެ. ދިރިއުޅުމުގައި ދިމާވާ ކަންކަމުގައި ޕޮސިޓިވްކޮށް ވިސްނައި ހިތްވަރުކޮށްލާފައި އުޅުން އެއީ ކާމިޔާބީ އަކީ. އަމިއްލަ ނަފްސުގެމައްޗަށް ގަދަވާންޖެހޭނެ. އެއީ މީހުންނަށް އެނގެން އަހަރެން ބޭނުންވާ ކަމަކީ،" އެންއެޗްކޭ ނޫހަށް ސަސަމޯޓޯ ބުނެފައިވެ އެވެ.
މުޅި ދުނިޔެއަށް ބަލާއިރު ވެސް މިއީ ފޮޓޯނެގުމުގެ ދާއިރާގައި އެންމެ ގިނަދުވަސް ހޭދަކުރި އެކަކެވެ.