07 Oct 2015, 11:32
ނިޔުޔޯކް (އޮކްޓޯބަރ 7) : އދ.ގެ ޖެނެރަލް އެސެމްބްލީގެ ކުރީގެ ވެރިޔާ ޖޯން އާޝް، 1.3 މިލިޔަން ޑޮލަރުގެ ރިޝްވަތު ނެންގެވި ކަމުގެ ތުހުމަތު އެމެރިކާ ސަރުކާރުން އޭނާގެ މައްޗަށް ކުރުމާ ގުޅިގެން ނިޔުޔޯކްގެ ފުލުހުން އޭނާ ހައްޔަރުކޮށްފި އެވެ.
ނިޔުޔޯކްގެ ޕްރޮސެކިއުޓާ ބްރިޓް ބަހާރާ، ޖޯން އާޝްގެ މައްޗަށް ކުރެއްވި ތުހުމަތުތަކާ ގުޅިގެން ތައްޔާރު ކުރައްވާފައިވާ ލިޔުމުގައި ވަނީ އދ.ގެ އިމާރާތެއް ބިނާކުރުމުގެ މަސައްކަތް ޗައިނާގެ ބިލިޔަނަރެއްގެ ކުންފުންޏަކާ ހަވާލުކުރުމަށް ޓަކައި އެބިލިޔަނަރުގެ އަތުން ޖޯން 1.3 މިލިޔަން ޑޮލަރުގެ ރިޝްވަތެއް ނެންގެވި ކަމަށެވެ. ޖޯން އާޝް އަކީ ކެރީބިޔަންގެ ޖަޒީރާ ގައުމެއް ކަމަށްވާ އެންޓިގުއާ އެންޑް ބާބިއުޑާގެ ފަރާތުން އދ. އަށް ކަނޑައަޅާފައިވާ ދާއިމީ މަންދޫބެވެ. އޭނާ ވަނީ އދ.ގެ ޖެނެރަލް އެސެމްބްލީގެ ރައީސަކަށް ކުރީ ދައުރެއްގައި އިންތިޚާބުވެ ވަޑައިގެންފަ އެވެ.
ޖޯން އާޝްގެ މަސްއޫލުވެރިކަމުގައި އދ. އިން ވަނީ ބައެއް އިމާރާތްތައް ބިނާކުރުމަށާއި އެތަންތަނުގައި ޒަމާނީ ޓެކްނޮލޮޖީއާއި ސެޓަލައިޓްތަކާ ސީދާ ގޮތެއްގައި ގުޅާލެވޭގޮތަށް މަލްޓިމީޑިޔާގެ ވަސީލަތްތައް ބޭނުންކޮށްގެން ކޮންފަރެންސް ހޯލްތަކާއި އޮފީސްތައް ހެދުމަށް 8 ބިލިޔަން ޑޮލަރުގެ ކޮންޓްރެކްޓްތައް ނިންމަވާފަ އެވެ. މި ކޮންޓްރަކްޓްތައް ޗައިނާގެ ބިލިޔަނަރެއް ކަމަށްވާ ނެގްލާބް ސިންގްގެ ކުންފުނިތަކަށް ދިނުމަށްޓަކައި ފައިސާއިން ރިޝްވަތު ހޯދުމުގެ އިތުރުން އެނޫން ވެސް އަގު ބޮޑެތި ހަދިޔާތަކާއި ތަކެތި ރިޝްވަތުގެ ގޮތުގައި ހޯއްދެވި ކަމުގެ ތުހުމަތު ނިޔުޔޯކް ސިޓީގެ ޕްރޮސެކިއުޓާ ވަނީ ޖޯންއާޝްގެ މައްޗަށް ކޮށްފަ އެވެ.
ނިޔުޔޯކް ސިޓީގެ ފުލުހުން ވަނީ މިމައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ޖޯން އާޝް ހައްޔަރުކޮށްފަ އެވެ. މި ރިޝްވަތުގައި އދ.ގެ އެހެން ބައެއް މަސްއޫލުވެރިން ވެސް ބައިވެރިވި ކަމަށްވަނީ ތުހުމަތު ކުރެވިފަ އެވެ. އަދި ޖޯންއާޝް އެންޓިގުއާ އެންޑް ބާބިއުޑާގެ ފަރާތުން އދ. އަށް ކަނޑައަޅާފައިވާ ދާއިމީ މަންދޫބު ކަމުގެ މަގާމުން މިހާރު ދުރުކޮށްފައިވާ ކަމަށްވެސް ޚަބަރު ލިބެ އެވެ. އދ.ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫން ވަނީ މިމައްސަލައާ ގުޅިގެން ސިހިވަޑައިގެންފައިވާ ކަމަށް ވިދާޅުވެފަ އެވެ. (ނޫސްއެޖެންސީތައް)