އިސްލާމިކް ސްޓޭޓް(އައިއެސް) އާ ދެކޮޅަށް ސޫރިޔާގައި ރަޝިޔާއިން ދެމުން ގެންދާ ހަމަލާތަކާ ބެހޭ މައުލޫމާތު އެމެރިކާއަށް ދީގެން، އެގައުމާ ގުޅިގެން މަސައްކަތް ކުރަން ރަޝިޔާ ސަރުކާރުން އެއްބަސްވެއްޖެއެވެ.

ރަޝިޔާގެ ޑިފެންސް މިނިސްޓްރީއާ ހަވާލާދީ ރަޝިޔާ ޓްޑޭ ( އާރްޓީ) ނޫހުން ބުނީ " އައިސިސްއާ ދެކޮޅަށް އަޅާ ފިޔަވަޅުތަތައް އެމެރިކާއާއި ކޯޑިނޭޓްކޮށްގެން އެޅުމަށް އެމެރިކާއިން ހުށަހެޅި ހުށަހެޅުން ރަޝިޔާއިން ގަބޫލުކޮށްފައިވާ" ކަމަށެވެ.

"... ޖުމްލަ ގޮތެއްގައި މި ހުށަހެޅުންތަކަކީ އެއަށް އަމަލުކުރަން ބަލައިގަނެވޭނެ ހުށަހެޅުންތަކެއް،" ރަޝިޔާގެ ޑިފެންސް މިނިސްޓްރީގެ ތަރުޖަމާނު އީގޯ ކޮނަޝެންކޯފް ބުނި ކަމަށް ނޫހުގައި ވެއެވެ.

ދެގައުމުގެ އެއާފޯސް ރައްކާތެރި ކަމާއި އެކު ސޫރިޔާގައި ހަރަކާތްތެރި ކަމާ އެކު ބޭނުންކުރުމާ ބެހޭ ގޮތުން އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހު ދެގައުމުގެ ޑިފެންސް މިނިސްޓަރުން ބޭއްވި ވީޑިއޯ ކޮންފަރެންސެއްގައި މަޝްވަރާކޮށްފައިވާ ކަމަށް ރަޝިޔާގެ ޑިފެންސް މިނިސްޓަރުގެ ނައިބު އެނަޓޮލީ އެންޓަނޯފް އިއްޔެ ވަނީ ބުނެފައެވެ.

އައިއެސްއާ ދެކޮޅަށް ކަމަށް ބުނެ އެމެރިކާއާއި ރަޝިޔާއިން ސޫރިޔާއަށް ބޮން އެޅުމުގެ ސަބަބުން ގިނަ އަދަދެއްގެ އާއްމުން ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ގިނަ އަދަދަކަށް ހިމެނެއެވެ.