ޔުނައިޓެޑް އެރެބް އެމިރޭޓްސް )ޔޫއޭއީ(ގެ ގައުމީ އެއާލައިން "އިއްތިހާދު"ގެ ދަތުރުތައް މި އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ރާއްޖެ އަށް އޮޕަރޭޓް ކުރަން ހަމަޖައްސާފައިވާ ކަމަށް އެ އާލައިނުން ބުނެފި އެވެ.

ވިޔަފާރީގެ ހަބަރުތައް ގެނެސްދޭ އޮންލައިން ނޫހެއް ކަމަށްވާ "ދަ ބިޒްނަޒް"ގައި އެ އެއާލައިނާ ހަވާލާދީ ބުނެފައި ވަނީ މި އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން އަބޫދާބީން މާލެ އަށް ދުވާލަކު ފްލައިޓެއް އޮޕަރޭޓް ކުރުމަށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ބުނީ އެއާބަސް އޭ 320ގެ މަތިންދާ ބޯޓްތަކުގެ އުދުހުންތައް ރާއްޖެ އަށް ފެށުމުން އަބޫ ދާބީން ރާއްޖެ އަށް ދަތުރުކުރާ މީހުންނަށް ހަފުތާއަކު 1904 ސީޓް ލިބޭނެ ކަމަށެވެ.

"ރާއްޖެ އަންނަ ޓޫރިސްޓުން އަންނަނީ އިތުރުވަމުން. އަދި ރާއްޖެއަކީ ފެންވަރުމަތީ ޓޫރިޒަމްގެ މައި ދޮރާށި. އެހެންކަމުން މި ދަނޑިވަޅަކީ ދަތުރުތައް ފަށަން އެންމެ ރަނގަޅު އެއް ވަގުތު،" އިއްތިހާދު އެއާވޭސްގެ ސީއީއޯ ޖޭމްސް ހޯގަން ވިދާޅުވި ކަމަށް ދަ ބިޒްންސްގައިވެ އެވެ.

އެ އާއާލައިން އިން ރާއްޖެ އަށް ދަތުރުތައް ކުރާނީ ކޮންމެ ދުވަހަކު ވެސް މެންދުރު ރާއްޖެ އައިސް އަދި ހަވީރު ފުރާ ގޮތަށެވެ.

"ދަތުރު ރޭވުމުން ޓޫރިސްޓުންނަށް މަތިންދާބޯޓުގައި ރޭގަނޑު ދަތުރުކުރުމުގެ ފުރުސަތު ލިބޭނެ. އޭރުން ޓޫރިސްޓުންނަށް ރާއްޖޭގައި އެއް ދުވަސް ހޭދަކުރުމުގެ ފުރުސަތު ލިބޭނެ،" ޖޭމްސް ވިދާޅުވެފައިވެ އެވެ.

އިއްތިހާދު އެއާވޭސް އިން މިހާރު ވަނީ އިޝްތިހާރުކުރުމުގެ ގޮތުން ހާއްސަ ޕެކޭޖްތަކެއް ވެސް ތައާރަފުކޮށްފަ އެވެ. އެގޮތުން ހަނީމޫން ކަޕުލް އާއި ޑައިވަރުންނާއި އަދި އާއިލާއާ އެކު ޗުއްޓީ ހޭދަކުރާ ފަރާތްތަކަށް ވަނީ ހާއްސަ ޕެކޭޖްތަކެއް ހަމަޖައްސައިފަ އެވެ. އެ ޕެކޭޖުތަކުގައި މަތިންދާބޯޓު ޓިކެޓާއި ރިސޯޓުގެ ކޮޓަރީގެ އަގާއި އެއާޕޯޓާއި އަދި ރިސޯޓާ ދެމެދު ކުރާ ދަތުރުގެ ހަރަދު ހިމެނެ އެވެ.

އިއްތިހާދު އެއާވޭސް އިން މިހާރު ވެސް އަންނަނީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް އުދުހެމުންނެވެ.