ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނު ޢަބުދުލް ޤައްޔޫމު ދަތުރުކުރެއްވި ފިނިފެންމާ ލޯންޗްކޮޅުގައި ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު އެއްޗެއް ގޮވި ހާދިސާއަކީ ރައީސް އަވަހާރަކޮށްލަން ބަޔަކު ދިން ހަމަލާއެއް ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު މުޙައްމަދު ޙުސައިން ޝަރީފު (މުންދު) ވިދާޅުވެއްޖެ އެވެ.

އިނގިރޭސިވިލާތުގެ ދަ ގާޑިއަން ނޫހުން މުންދުއާ ހަވާލާދީ ބުނީ އެއީ ރައީސް އަވަހާރަކޮށްލަން ދިން ހަމަލާއެއްކަން އެނގުނީ އެ ހާދިސާ ތަހުގީގުކުރި ބައިނަލްއަގުވާމީ ފަރާތްތަކަށް ހޯދުނު ހޯދުންތަކުން ކަމަށެވެ. ދަ ގާޑިއަން އަށް ފޯނުން ދެއްވި އިންޓަވިއުގައި މުންދު ވިދާޅުވެފައި ވަނީ ހާދިސާ ހިނގީ މެކޭނިކަލް މައްސަލައަކުން ކަމަށް ފުރަތަމަ ބެލެވުނު ބެލެވުމަކީ ހާދިސާ ހިނގި ގޮތް ނޫން ކަމަށް ތަހުގީގު ކުރި އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަންސް (އެފްބީއައި) އާއި ސައުދީ އަރަބިއްޔާގެ ޓީމުން ވެސް ބުނެފައިވާ ކަމަށެވެ.

"...އެމީހުން ( ތަހުގީގު ކުރި މީހުން) މިހާރު އަޅުގަނޑު ގާތު އެބަ ބުނޭ އެއީ ރައީސްގެ ފުރާނަފުޅު ދުއްވައިލުމަށް ކޮށްފައިވާ ކަމެއް ކަމަށް ބެލެވޭ ވަރަށް ހެކި އެބަހުރި ކަމަށް،" މުންދު ވިދާޅުވި ކަމަށް ނޫހުން ބުންޏެވެ.

އެކަމާ ގުޅިގެން ސިފައިންގެ ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް މުންދުއާ ހަވާލާދީ ނޫހުން ބުންޏެވެ.