07 Oct 2015, 04:11
މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ ސެކިއުރިޓީ ބަލަހައްޓަން އެމްއެންޑީއެފުން ފަށައިފިއެވެ.
ސަންގެ ނޫސްވެރިން އެމްޑަބްލިއުއެސްސީގެ މައި އިމާރާތް ހުންނަ ސަރަހައްދަށް މިރޭ ދިޔައިރު ހަތަރު ސިފައިންގެ މީހަކު އެތަނުގެ ސެކިއުރިޓީ ބަލަހައްޓަން ތިއްބެވެ.
ސިފައިން އެތަނުގެ ސެކިއުރިޓީ ބަލަހައްޓަން ފަށާފައި މިވަނީ ވިލިމާލޭގައި ހުންނަ އެމްޑަބްލިއުއެސްސީގެ އިމާރާތް ގޮއްވާލާނެ ކަމުގެ އިންޒާރުތައް ދެމުންދާ ކަމަށް ސޯޝަލް މީޑިއާގައި ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.
އެމްޑަބްލިއުއެސްސީގެ ސެކިއުރިޓީ ބެލެހެއްޓުން ވަރުގަދަކޮށްފައިވާއިރު ރޯކޮށްލާފައިވާ ޕެޓްރޯލް އަޅާފައިވާ ފުޅިއެއް އެއްލާލުމަށްފަހު ވިލިމާލޭގައި ހުންނަ އެމްޑަބްލިއުއެސްސީގެ އިމާރާތް ރޯކޮށްލުމަށް މީހަކު ނުވަތަ ބަޔަކު ވަނީ މިދިޔަ ހޯމަ ދުވަހުގެރޭ ފަތިހުގެ ވަގުތެއްގައި މަސައްކަތް ކޮށްފައެވެ.

ސިފައިން އެމްޑަބްލިއުއެސްސީގެ ސެކިއުރިޓީ ބެލެހެއްޓުމުގައި ހަރަކާތްތެރިވަނީ ---- ސަން ފޮޓޯ: ޔޫސުފް ސޮފްވާން
މިދިޔަ ހަފްތާގެ ތެރޭގައި ވިލިމާލޭ އިންޖީނުގޭގައި ހުރި ޖަނެރޭޓަރެއްގައި ވަނީ ރޯކޮށްލާފައެވެ. އެ ޖަނެރޭޓަރުގައި ރޯކޮށްލާފައި ވަނީ ރޯކޮށްލާފައިވާ ޕެޓްރޯލް އަޅާފައިވާ ފުޅިއެއް އެއްލާލައިގެންނެވެ.
އެ ހާދިސާގައި އެ ޖަނެރޭޓަރު ވަނީ ބޭނުންނުކުރެވޭވަރަށް އަނދާފައެވެ.