އިރުމަތީ އަފްޣާނިސްތާނުގެ ކުނާރު ޕްރޮވިންސުން އެމެރިކާ ސިފައިން ފޭބުމާ ގުޅިގެން އެ ސަރަހައްދުން ކާމިޔާބު ލިބިއްޖެ ކަމަށް ތާލިބާނުން އިއުލާންކޮށްފި އެވެ.


އަލްޖަޒީރާއަށް މައުލޫމާތުދެމުން ތާލިބާނުން ބުނެފައިވަނީ އެސަރަހައްދުގެ ފުރިހަމަ ކޮންޓްރޯލް އޮތީ މިހާރު އެމީހުންގެ އަތުގައި ކަމަށެވެ. އަދި އެސަރަހައްދަށް އެމެރިކާ ސިފައިން ދޫކޮށްލާފައިވާ ވަރަށް ގިނަ ހަތިޔާރު އެބަހުރި ކަމަށާއި އެމެރިކާ ސިފައިންނާ ދެކޮޅަށް އެތަކެތި ބޭނުންކުރާނެ ކަމަށް ވެސް އެމީހުން ބުނެ އެވެ.


ނަމަވެސް އެމެރިކާ ސިފައިންގެ އިސް އޮފިޝަލުން ބުނެފައިވަނީ އެމީހުން އެސަރަހައްދުން ފޭބީ ބައިބޯ ސަރަހައްދުތަކަށް ސަމާލުކަން ދިނުމުގެ ގޮތުން ކަމަށާއި މިއީ ކާމިޔާބާއި ނާކާމިޔާބީއާއި ގުޅިފައިވާ ކަމެއް ނޫން ކަމަށެވެ.


ކުނާރު ޕްރޮވިންސަކީ އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިންގެ އެންމެ ގިނަ ބަޔަކު މަރުވެފައިވާ ސަރަހައްދެވެ. އެސަރަހައްދު އެމެރިކާ ސިފައިން ސިފަކޮށްފައިވަނީ "މަރުގެ ވާދީ" ގެ ގޮތުގަ އެވެ.