ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާގެ ވީޑިއޯއެއް ނޭޝަނަލް އިންކުއަރީ ކޮމިޝަނުން އާންމުކޮށްފި އެވެ.

މިރޭ އެ ކޮމިޝަންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ވީޑިއޯ އާންމުކުރެއްވީ ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް މުއާޒު އަލީ އެވެ.

އެ ވީޑިއޯ އާންމުކުރެއްވުމަށްފަހު މުއާޒު ވަނީ ރިޔާސީ ކޮމިޝަންގެ ޚާއްސަ ބަޔާނެއް އިއްވައިފައެވެ.

އެ ބަޔާނުގައި ވަނީ ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއްގޮވި ހާދިސާ ހިނގަންމެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

އެ ތަހުގީގު ކުރިއަށްދާއިރު ރައްޔިތުންނަށް ހިއްސާކުރެވެންހުރި މައުލޫމާތުތައް މީޑިއާ މެދުވެރިކޮށް ހާމަކުރާނެ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

"މި އިންކުއައިރީ ކޮމިޝަނުން މި ހާދިސާ ހިނގާފައިވާގޮތް ދެނެގަތުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތަކެއް ކުރަމުންގެންދާވާހަކަ ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި، މި މަސައްކަތްތައް ކުރިއަށްދާއިރު ރައްޔިތުންނާއި ހިއްސާކުރެވެން ހުރި މައުލޫމާތުތައް ހިއްސާ ކުރަމުންގެންދާނެވާހަކަ ދެންނެވީމެވެ،" ނޭޝަނަލް އިންކުއަރީ ކޮމިޝަންގެ ބަޔާނުގައި ވެއެވެ.

ނޭޝަނަލް އިންކުއަރީ ކޮމިޝަން ރައީސުލްޖުމްހޫރިއްޔާ އެކުލަވާލާފައި ވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ.

އެ ކޮމިޝަންގައި ހިމެނިވަޑައިގަންނަވަނީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަހުމަދު ޝާހިދާއި، ކާނަލް އަބުދުއްރައޫފާއި ކެޕްޓަން އަލީ އިހުސާން އާއި، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ޖަމްޝީދާއި އެސިސްޓެންޓް ކޮމިޝަނަ އޮފް ޕޮލިސް އަބުދުﷲ ނަވާޒާއި ޗީފް ސްޓޭޝަން އިނިސްޕެކްޓަ މުހައްމަދު ސާމިހު އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެދަށުން ކުރިއަށްގެންދާ އެ ކޮމިޝަންގެ ހިންގުން ހޯމް މިނިސްޓަރު އުމަރު ނަސީރާ ރައީސް ޔާމީން ވަނީ ހަވާލުކުރައްވައިފައެވެ.

ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި މައްސަލައިގެ ތަހުގީގަށް މިހާތަނަށް ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެތެރެއިން ދެ މީހުންނަކީ އެމްއެންޑީއެފްގެ ބަޑި ގުދަނުގައި މަސައްކަތް ކުރާ އއ. ފެރިދޫ، ދޭލިއާގެ، މުހައްމަދު ޖަވާޒު ނަމަކަށް ސިފައިންގެ މީހެކެވެ. އޭނާއާއެކު ހައްޔަރު ކުރި ސިފައިންގެ ދެ ވަނަ މީހަކީ ސާޖަންޓް މޫސާ ޒަމީރެވެ. ތިން ވަނައަށް ހައްޔަރު ކުރި މީހާގެ ވަނަވަރެއް ނޭނގެ އެވެ.

ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާގެ ތަހުގީގަށް ހައްޔަރު ކުރި ދެ މީހުން ކްރިމިނަލް ކޯޓުން ނެރެނީ --- ސަން ފޮޓޯ: އަލީ ނަސީރު