07 Oct 2015, 01:41
ރައީސް ނަޝީދުގެ މައްސަލައިގައި ރާއްޖޭގެ ގާނޫނީ ހުކޫމަތު ސަރުކާރުން ދަމަހައްޓާނެ ކަމަށާއި އދ.ގެ ވޯކިން ގުރޫޕުން ހުށަހަޅާފައިވާ ހުށަހެޅުމާމެދު ކަންބޮޑުވާ ކަމަށް ސަރުކާރުން ބުނެފިއެވެ.
ފޮރިން މިނިސްޓްރީއިން މިރޭ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ނަޝީދުގެ މައްސލައިގައި އދ.ގެ ވޯކިން ގުރޫޕުން ނިންމި ނިންމުމުގައި މައްސަލައާއި ގުޅުންހުރި ގިނަކަންކަމަށް ރިއާޔަތްކޮށްފައިނުވާ ކަމަށާއި ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތައް ތަންފީޒު ކުރުމުގެ 'މައުގިފު' ސަރުކާރުން ދަމަހައްޓާނެ ކަމަށެވެ.
އެ ބަޔާނުގައި ވަނީ، ރާއްޖޭން އދ.ގެ އިންސާނީ ޙައްގުތަކާ ބެހޭ ކައުންސިލަށް އެއްބާރުލުން ދެމުން ގެންދާނެ ކަމަށާއި ކޯޓްގައި މައްސަލަ ހިނގަމުންދާ ކަމެއްގެ ތެރެއަށް ސަރުކާރުން ނުވަންނާނެ ކަމަށެވެ.
ރައީސް ނަޝީދުގެ މައްސަލައިގައި ސަރުކާރުގެ އެންމެ އަސާސީ އުސޫލަކީ އެ މައްސަލައިގައި ގޮތެން ނިންމޭނީ ރާއްޖޭގެ ޝަރުއީ ކޯޓްތަކުންކަމަށް ވެސް އެބަޔާނުގައި ބުނެފައިވެއެވެ.
"ކޯޓުގައި ހިނގަމުންދާ މައްސަލައެއްގައި ވަކިގޮތެއް ނިންމުމަކީ ރާއްޖޭގެ ގޫނުނުން އެކަން ހުއްދަ ކުރާ ކަމެއް ނޫން. އެއްވެސް ތަފާތު ކުރުމެއް ނެތި ޤާނޫނާއި ޤަވާއިދު ހަމަހަމަކޮށް ތަންފީޒު ކުރުމަކީ ކުރަން ޖެހޭ ކަމެއް. މިމައްސަލައަށް (ރައީސް ނަޝީދުގެ މައްސަލައަށް) ގޮތެއް ނިންމޭނީ ރާއްޖޭގެ ޝަރުއީ ކޯޓުތަކުން. އެއީ މިމައްސަލައިގެ އެންމެ އަސާސީ ޕްރިންސިޕަލް،" ފޮރިން މިނިސްޓްރީން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.
ސަރުކާރުން އާންމުކޮށްފައިވާ ބަޔާނުގައި ބުނެފައި ވަނީ، ރައީސް ނަޝީދަކީ ސިޔާސީ ކުށްވެރިއެއް ނޫން ކަމަށާއި އެމަނިކުފާނުގެ ޖަލު ހުކުމަކީ ސީރިއަސް ކުށެއް ސާބިތުވެ ތަންފީޒު ކުރަމުން ގެންދާ ހުކުމެއް ކަމަށާއި އަދި ރައީސް ނަޝީދުގެ ހުކުމަކީ ރާއްޖޭގެ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޮށްފައިވާ ހުކުމެއްކަމަށެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓްގެ އިސް ގާޒީ ޢަބްދުﷲ މުޙައްމަދު ހައްޔަރު ކުރި މައްސަލައިގައި އެކަމާ ބެހޭގޮތުން ތަފާތު ދެ ތަނެއްގައި ނަޝީދު ކުރެއްވިކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވެފައިވާ ވިދާޅުވުމަށް، އެމަނިކުފާނުގެ އިންޓަނޭޝަނަލް ވަކީލުންނަށާއި ރާއްޖޭގެ ވަކީލުންނަށްވެސް ޖަވާބު ދެވިފައި ނުވާ ކަމަށް ސަރުކާރުގެ ބަޔާނުގައި ވެއެވެ.
އެ ބަޔާނުގައި ވަނީ ނަޝީދުގެ ވަކީލުން ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރުމަށް ގޮވަމުންދާ ގޮވާލުމަކީ ބަލައިނުގަނެވޭނެ ކަންކަންތައް ކަމަށެވެ. އެކަމުގެ ސަބަބުން ގެއްލުން ވާނީ، ޓޫރިޒަމަށް ބަރޯސާ ވެފައިވާ ރާއްޖޭގެ ގިނަ ރައްޔިތުންނަށާއި ޓޫރިޒަމް ދާއިރާގެ މަސައްކަތްތެރިންނަށް ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
ސަރުކާރުގެ ބަޔާނުގައި ވަނީ، ރައީސް ނަޝީދުގެ މައްސަލައިގައި ގޮތެއް ނިންމޭނީ ރާއްޖޭގެ ޝަރުއީ މަރުހަލާއިން ކަމަށާއި މިހާރު އެމައްސަލައިގައި އޮތީ ސްޕްރީމް ކޯޓްގެ މަރުހަލާ ކަމަށެވެ.