07 Oct 2015, 01:23
ކުރީގެ ރައީސް މުހައްމަދު ނަޝީދު ދޫކޮށްލުމަށް އދ.ގެ ވޯކިން ގުރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން (ޔޫއެންޑަބުލިއުޖީއޭޑީ)އިން ގޮވާލަފައިވީ ނަމަވެސް އެކަމަށް އިޖާބަ ނުދެއްވާނެ ކަމަށް ދިވެހި ސަރުކާރުން ބުނެފައިވާތީ ސަރުކާރަށް ދަތި ކުރުމުގެ ފިޔަވަޅު އެޅުމަށް ގޮވާލައި އިދިކޮޅު އެމްޑީޕީން ގަރާރެއް ފާސްކޮށްފި އެވެ.
މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި އެޕާޓީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒު ހުށަހެޅުއްވި އެ ގަރާރުގައި ބުނެފައި ވަނީ ދިވެހިރާއްޖެ ބައިވެރިވެ ތަސްދީގުކޮށްފައިވާ މުއާހަދާތަކުގެ ދަށުން ދިވެހި ސަރުކާރުން އުފުލަންޖެހޭ އިލްތިޒާމުތައް އުފުލަން ގާނޫނު އަސާސީ ލާޒިމުކުރާ ދެ މުއާހަދާ ކަމުގައިވާ ޔުނިވާސަލް ޑިކުލަރޭޝަން އޮފް ހިއުމަން ރައިޓްސް (ޔޫޑީއެޗްއާރާއި) އިންޓަނޭޝަނަލް ކަވަނަންޓު އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (އައިސީސީޕީއާރު) ގެ ދަށުން އދ.ގެ ނިންމުމަށް ރާއްޖޭން އަމަލު ކުރުން ލާޒިމު ކަމަށެވެ.
އެހެންނަމަވެސް އެ ނިންމުން ތަންފީޒު ނުކުރާނެ ކަމަށް ދިވެހި ސަރުކާރުން ބުނެފައިވާތީ އދ.ގެ ނިންމުމާ އެއްގޮތަށް އަމަލުކުރުމަށް ބާރު އެޅުމުގެ ގޮތުން ސަރުކާރުގެ އިސް ބައެއް ވެރިންނާ މެދު "ދަތިކުރުމުގެ ފިޔަވަޅު" އެޅުމަށާއި ރާއްޖޭގައި އިންވެސްޓް ކުރުމަށް ނާޖާއިޒް ގޮތުގައި ހުށަހަޅާފައިވާ ފަރާތްތަކުގެ ހުށަހެޅުންތަކާއި އެއްބަސްވުންތަކަށް އެ ޕާޓީން އިހުތިރާމް ނުކުރާނެ ކަމަށް ނިޔާޒު ހުށަހެޅުއްވި ގަރާރުގައި ބުނެފައި ވެ އެވެ.
އެ ގަރާރު ފާސްވީ ގައުމީ މަޖިލީހަށް ވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ނެވެ. އެ ގަރާރު ފާސްވުމާ އެކު ގައުމީ މަޖިލިސް ނިންމާލެއްވުމަށްފަހު އެމްޑީޕީގެ ގައުމީ މަޖިލީހަށް ހާޒިރުވެވަޑައިގެންނެވި މެމްބަރުން ވަނީ މަގުމައްޗަށް ނުކުމެ އަޑު އުފުލަން ފަށައިފައެވެ.
އެމްޑީޕީގެ ޗެއާ ޕާސަންގެ ނައިބު އަލީ ނިޔާޒު ހުށަހެޅުއްވި ގަރާރަށް ތާއީދުކޮށް ވާހަކަފުޅުދައްކަވަމުން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވީ، އދ.ގެ ނިންމުމަށް އަމަލު ނުކުރަން ސަރުކާރުން ނިންމުމަކީ ބިރު ގަންނަން ޖެހޭ ކަމެއް ކަމަށެވެ. އަދި ސަރުކާރުން އދ.ގެ ނިންމުމަށް ބޯލަނބަން ބޭނުން ނުވި ކަމުގައިވިޔަސް އެ ނިންމުމަށް ބޯލެނބުމަކީ ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއް ކަމަށާއި އަދި އެކަން އެގޮތަށް ކުރުމަަށް ސަރުކާރަށް ބާރު އެޅުމަކީ މިއަދު ކޮންމެ ދިވެހި ރައްޔިތެއް ވެސް ކުރަންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ގައުމީ މަޖިލީހުގައި މިރޭ އެ ގަރާރާ ގުޅޭ ގޮތުން ވާހަކަފުޅުދެއްކެވި ހުރިހާ މެމްބަރުން ވެސް ވަނީ އދ. ގެ ނިންމުމަށް ސަރުކާރުން އަމަލު ކުރުމަށް ގޮވާލައިފައެވެ. އަދި އެކަން އެގޮތަށް ކުރުމުގެ ގޮތުން ސަރުކާރަށް ބާރު އެޅުމަށް މަގުމަތީ ހަރަކާތްތައް އިތުރުކުރަންޖެހޭ ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.