ދިމިޝްޤު : ސޫރިޔާގެ ޖަލުތަކުގައި ހައްޔަރުކޮށްފައިވާ ސިޔާސީ ކުށްވެރިންގެ ތެރެއިން 200 އަށް ވުރެ ގިނަމީހުން އިއްޔެ މިނިވަންކޮށްފިއެވެ.

ސޫރިޔާގެ ސަރުކާރުން ބުނީ މިއީ ޤައުމަށް އިސްލާޙީ ބަދަލުތައް ގެނައުމަށް ރައީސް ބައްޝާރުލް އަސަދް ވެވަޑައިގެންފައިވާ ވަޢުދާ އެއްގޮތަށް އެޅި އިސްލާހީ ފިޔަވަޅެއްކަމުގަ އެވެ. އަސަދުވަނީ އޭނާގެ ވެރިކަމުގެ ނިޒާމާދެކޮޅަށް އަޑުއުފުލާ ސޫރިޔާގެ ރައްޔިތުން އެދޭ އިސްލާހްތަކުގެ ތެރެއިން ބައެއް އިސްލާހްތައް ޤައުމަށް ގެނައުމަށް މިދިޔަ ބުރާސްފަތި ދުވަހު ވަޢުދުވެ ވަޑައިގެންފަ އެވެ.

މި ވަޢްދާއެކު ވެސް ސޫރިޔާގެ އެތައް ސަތޭކަ ބަޔަކު އެޤައުމުގެ ހަމަނުޖެހުން ބޮޑު ރަށެއްކަމަށްވާ ދިރްޢާގެ ބޮޑުމައިދާނަށް ޖަމާވެ ރައީސް ބައްޝާރުލް އަސަދުގެ ނިޒާމް ވައްޓާލުމަށް ގޮވާލައި އިއްޔެ ވެސް މުޒާހަރާކުރި އެވެ. މިމުޒާހަރާއާ ދެކޮޅަށް ވެސް ސަލާމަތީ ބާރުތަކުން ބާރުގެ ބޭނުންކުރުމުގެ ސަބަބުން ފަސް މީހަކު މަރުވިކަމަށް ރިޕޯޓްތައް ބުނެއެވެ.

ދިރްޢާގައި މިދިޔަ ބުރާސްފަތި ދުވަހު ކުރި މުޒާހަރާ ރޫޅާލުމަށް ސުރިޔާގެ ސަލާމަތީ ބާރުތައް އާދަޔާ ޚިލާފަށް ބާރުގެ ބޭނުންކުރުމުގެ ސަބަބުން 30 އަށްވުރެ ގިނަމީހުން މަރުވެ ފަސްދޮޅަހަކަށް މީހުން ޒަޚަމްވިއެވެ.

ސޫރިޔާގައި ވެސް ފެށިގެން މިއުޅެނީ ޢަރަބި އެހެން ޤައުމުތަކުގައި ފެށިގެންއުޅޭ މިނިވަންކަމާއި ޑިމޮކްރަސީގެ ޙަރަކާތައް ކަމަށް މުރާސިލުން ބުނެއެވެ. މި އިޙްތިޖާޖްތައް މިހާރު އެތަށް ރަށަކަށް ފެތުރި ވެރިރަށް ދިމިޝްޤަށް ވެސް މިކަމުގެ އަސަރު ފެތުރެން ފަށާފައިވާ ކަމަށް ޚަބަރުލިބެއެވެ.

ނަމަވެސް ރައްޔިތުންގެ އުތުރިއެރުމަކުން މިހާތަނަށް ވެރިކަން ބަދަލުކޮށްލާފައިވާ މިސްރާއި ތޫނިސްފަދަ ޤައުމުތަކުގައި ރައްޔިތުން އުތުރިއެރި މިންވަރަށް ސޫރިޔާގައި އަދި ކަންތައް ނުދިޔަ ނަމަވެސް މިހިސާބަށް ސޫރިޔާގެ ޙާލަތު ވެސް ހިނގައިދާނެކަމުގެ ބިރު އެޤައުމުގެ ވެރިން އިޙްސާސްކުރައްވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ސޫރިޔާއަކީވެސް ޢަރަބި އެހެން ޤައުމުތަކެކޭ އެއްގޮތަށް ޚުދުމުޚްތާރު ވެރިކަމެއް ކުރަމުންގެންދާ ޤައުމެކެވެ. އެޤައުމުގެ ރައީސް ބައްޝާރުލްއަސަދްގެ ވެރިކަން އަދި ދިގުލާފައި ނުވި ނަމަވެސް އޭނާއަށް ވެރިކަން ލިބިވަޑައިގެންފައިވަނީ ބައްޕާފުޅު ޙާފިޒުލްއަސަދް އަވަހާރުވުމުން ވިރާސީ އުސޫލަކުންނެވެ.
-- ބީބީސީ، ނޫސްއެޖެންސީތައް