06 Oct 2015, 22:37
ނައިބު ރައީސް އަހުމަދު އަދީބާ ގުޅޭގޮތުން ހޯމްމިނިސްޓަރު އުމަރު ނަސީރު ނަމުގައި ދައުރުކުރަމުންދަނީ ފޭކް އެސްއެމްއެސް ތަކެއް ކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.
މިނިސްޓަރު އުމަރު ނަސީރު ނަމުގައި ދައުރުކުރަމުންދާ ފޭކް މެސެޖުގައި ބުނެފައިވަނީ ގައުމީ ކަމެއް ކަމަށް ދެކިގެން ނައިބް ރައީސްގެ ކިބައިން މިގައުމު ސަލާމަތް ކުރަން މަސައްކަތް ކުރެއްވުމަށެވެ.
ހޯމް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ތަޒުމީލް އަބްދުލް ސަމަދު މިއަދު ވިދާޅުވީ، މިނިސްޓަރު އުމަރުގެ ނަމުގައި ދައުރުވަމުންދާ އެސްއެމްއެސް ތަކަކީ ފޭކް އެސްއެމްއެސްތަކެއް ކަމަށާއި އެކަން މިނިސްޓަރު އުމަރު ވަރަށް ބޮޑަށް ކުށްވެރި ކުރައްވާ ކަމަށެވެ.
"މި އަމަލު ހިނގަމުން އެދަނީ ސޮފްޓުވެއާއެއް ބޭނުންކޮށްގެން މިނިސްޓަރުގެ އަގު ވައްޓާލުމަށް ކުރަމުންދާ ވަރަށް ދަށު ދަރަޖައިގެ އަމަލެއް." ތަޒުމީލް ވިދާޅުވިއެވެ.
މިނިސްޓަރު އުމަރުގެ ނަމުގައި ފޭކް އެސްއެމްއެސްތަކެއް ދައުރު ކުރަމުންދާއިރު ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާއާ ގުޅިގެން އެކުލަވާލި ރިޔާސީ ކޮމިޝަން ހިންގެވުން ހޯމް މިނިސްޓަރު އުމަރު ނަސީރާ ވަނީ ހަވާލުކުރައްވާފައެވެ.