ޔުނައިޓެޑް ނޭޝަން ވޯކިން ގުރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން (ޔޫއެންޑަބުލިއުޖީއޭޑީ)އިން ކުރީގެ ރައީސް މުހައްމަދު ނަޝީދު ދޫކޮށްލުމަށް ސަރުކާރަށް ގޮވާލުމުން އެކަމަށް އިޖާބަ ދިނުމަށްއެދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ބުނެ އެ މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި އެވެ.

އީވާ މިރޭ "ސަން" އަށް ވިދާޅުވީ، އެ މައްސަލަ މަޖިލީހަށް ވެއްދީ މިއަދުގެ ވަގުތެއްގައި ކަމަށެވެ. އަދި އެ މައްސަލައަށް މިއަދުގެ މަޖިލީހުގެ ޖަލްސާ ނިންމާލެއްވި އިރު އެއްވެސް ޖަވާބެއް މަޖިލީހުގެ ރައީސް އޭނާއަށް ދެއްވާފައި ނުވާ ކަމަށް އީވާ ވިދާޅުވި އެވެ.

"އަޅުގަނޑު މައްސަލަ މިއަދު ހުށަހެޅީ އދ.ގެ ވޯކިން ގުރޫޕުން ނިންމި ނިންމުމާ ގުޅިގެން. އެއްގޮތަކަށް ވެސް ޝަރީއަތުގައި އޮތް ރައީސް ނަޝީދުގެ މައްސަލައަކާ ގުޅިގެނެއް ނޫން. އދ. ގެ ނިންމުމަށް ސަރުކާރުން ބޯނުލަނބާނެ ކަމަށް ވިދާޅުވެފައިވާތީ އެ ނިންމުމަށް އިހުތިރާމުކޮށް އެ ނިންމުމަށް ބޯލެނބުމަށް އެދި އަޅުގަނޑު އެ މައްސަލަ ހުށަހެޅީ. ދެން އެހެން އެކަން އޮއްވައި މިއަދުގެ މަޖިލިސް ސުޕީކާ ނިންމާލެއްވީ،" އީވާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކައުންސިލާ ޖެނެރަލާ ސުވާލުކުރެއްވުމުން އީވާ ހުށަހެޅުއްވި މައްސަލައަކީ ޝަރީއަތުގައި އޮތް މައްސަލައެއް ކަމަށް އެކަމަނާ ވިދާޅުވެފައިވާ ކަމަށް އީވާ ވިދާޅުވި އެވެ. އީވާ ވިދާޅުވީ، ޝަރީއަތުގައި އޮތް ރައީސް ނަޝީދުގެ މައްސަލައަކާ އދ. ގެ ވޯކިން ގުރޫޕުން ދާދިފަހުން ނިންމި ނިންމުމާއި އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.

އީވާ ހުށަހެޅުއްވި މައްސަލައަށް މިއަދުގެ މަޖިލީހުގެ ޖަލްސާގައި ޖަވާބު ނުދެއްވައި ރައްޔިތުންގެ މަޖިލީހުން ވަނީ ސިޓީއަކުން އެކަމަނާ ހުށަހެޅުއްވި މައްސަލައަށް ޖަވާބުދާރީވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ސޮއިކުރައްވައި އީވާއަށް މިރޭ ފޮނުއްވެވި ސިޓީފުޅުގައި ވިދާޅުވެފައި ވަނީ އީވާ ހުށަހަޅުއްވާފައިވާ ކުއްލި މައްސަލާގައި ގަވާއިދުގައި ބުނެފައިވާ ސިފަތައް ބަޔާންކޮށްފައިވާ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 149 ވަނަ މާއްދާގެ (ބ) ގައި ބަޔާންކުރަނީ މައްސަލައެއް ކުއްލި މައްސަލައަކަށް ވާނީ، އެ ހުށަހެޅިފައިވާ މައްސަލައަކީ ޝަރީއަތުގައި އޮތް މައްސަލައަކާ ގުޅޭ ކަމަކަށްނުވާނަމަ އެވެ. މިފަދައިން ނެވެ. އިއްޒަތްތެރި މެމްބަރު ފޮނުއްވާފައިވާ މައްސަލާގައި ފާހަގަކުރައްވާފައިވާ ރައީސް މުހައްމަދު ނަޝީދުގެ މައްސަލައަކީ ދިވެހިރާއްޖޭގެ ސުޕުރީމް ކޯޓުގައި އޮތް މައްސަލައެއް ކަމުގައި ދަންނަވަމެވެ." އީވާއަށް މަޖިލީހުގެ ރައީސް ފޮނުއްވާފައިވާ ސިޓީފުޅުގައިވެ އެވެ.