06 Oct 2015, 21:35
ސްރީ ލަންކާގެ ހަރަކާތްތެރި މުސްލިމް ޖަމިއްޔާއެއް ކަމަށްވާ، އޯލް ސިލޯން ޖަމިއްޔަތުލް އުލަމާގެ ފަރާތުން އެގައުމުގައި ހުންނަ ދިވެހިންގެ އެޑިއުކޭޝަން އެންޑް ކަލްޗަރަލް ސެންޓަރު (އެމްއީސީސީ) ނުވަތަ ސޯސަންވިލާގައި ކިޔަވަމުންދާ ދަރިވަރުންނަށް މުސްހަފް ހަދިޔާކޮށްފި އެވެ.
ކުރީގެ އެމްބަސީ ހިންގި އިމާރާތް، ސޯސަންވިލާގައި ކުރިއަށްދާ ކުލާސްތަކުގައި މިއަދު ކިޔަވަމުންދިޔަ ދަރިވަރުންނަށް މުސްހަފް ހަދިޔާކޮށްދެއްވީ، ޖަމިއްޔަތުލް އުލަމާގެ ޖެނެރަލް ސެކްރެޓަރީ އަދި ސްރީލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާއަށް އިސްލާމީ ކަންތައްތަކުގައި ލަފާއަރުއްވާ އައްޝެއިހް މައުލާނާ ތާސިމް އާއި ސްރީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ތާޑް ސެކްރެޓަރީ އަދި ސޯސަންވިލާ ހިންގެވުމާ ހަވާލު ހުންނެވި އަބްދުއް ރަޝީދު އެވެ.

ސޯސަންވިލާގައި ކިޔަވަމުންދާ ދަރިވަރުންނަށް، ސްރީ ލަންކާގެ ޖަމިއްޔަތުލް އުލަމާގެ ފަރާތުން މުސްހަފް ހަދިޔާކުރުން ---
އަބްދުއް ރަޝީދު ވިދާޅުވި ގޮތުގައި، މިއަދު އެ ޖަމިއްޔާގެ ފަރާތުން ހަދިޔާކޮށްދެއްވާފައިވަނީ 75 މުސްހަފެވެ. އަދި ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި އިތުރު 250 މުސްހަފް ސޯސަންވިލާގައި ކިޔަވާ ދަރިވަރުންނަށް ހަދިޔާކޮށްދޭނެ ކަމަށް އެ ޖަމިއްޔާގެ ފަރާތުން ބުނެފައިވާކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން އެ ސެންޓަރުގައި މިހާރު ކުރިއަށްދާ ޤުރުއާން ކުލާސްތަކުގައި ބޭނުންކުރަމުންދާ މުސްހަފްތަކަކީ ވެސް ޖަމިއްޔަތުއް އުލަމާގެ ފަރާތުން ހަދިޔާކޮށްފައިވާ މުސްހަތްތަކެއްކަން އޭނާ ފާހަގަކުރެއްވި އެވެ.
ސޯސަންވިލާއާ ގާތްގުޅުމެއް ބާއްވަމުން އަންނަ އެ ޖަމިއްޔާގެ ފަރާތުން މީގެ ކުރިން ވަނީ ސޯސަންވިލާގައި ކިޔަވަމުންދާ ދަރިވަރުންނަށް 100 މުސްހަފް ހަދިޔާކޮފައެވެ. އޭގެ އިތުރުން އެ ސެންޓަރުގައި ހުންނަ ކުރީގެ ނަމާދު ކުރާ ކޮޓަރިއަށް ކާޕެޓް ވެސް ހަދިޔާކޮދީފައި އެވެ.